ޚަބަރު

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އދ އާއި އީޔޫއިން ކުށްވެރިކޮށްފި


ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އދ އާއި ވިލާތުގެ އިއްތިހާދު، އީޔޫއިން ކުށްވެރިކޮށްފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އދ ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ. މީގެއިތުރުން ރާއްޖެއަކީ ރައްކާތެރި މުޖްތަމަޢުއެއް ބިނާކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީތެރިވެދޭނެކަމަށްވެސް އދއިން ބުނެފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ވިލާތުގެއިއްތިހާދު، އީޔޫއިންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް އީޔޫއިން ބުނެފައިވެއެވެ.

މިރޭ 8:30 ހާއިރު އެއްޗެއް ގޮއްވާލާފައިވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުމަގުގައެވެ. އެސަރަޙައްދުގައި އެއްޗެއް ގޮއްވާލީ ރައީސް ނަޝީދު އެސަރަޙައްދުގައި އޮތް ކާރުކޮޅަކަށް އަރައިވަޑައިގަންނަވަނިކޮށެވެ.

މިއީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމާލާއެއްކަމަށް ބެލެވޭއިރު، ކުރީގެ ރައީސުން ހިމެނޭގޮތަށް ސިޔާސީ ފަރާތްތަކުން މިހަމަލާ ކުށްވެރިކުރަމުންނެވެ. އަދި ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދެމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި ސަރުކާރުގެ އިސްވެރިން ވަނީ އޭޑީކޭއަށް ޒިޔާރަތްކޮށްފަައެވެ.

މިހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކުގެ އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. މިގޮތުން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް މަތިކޮށްފައިވާއިރު، ފުލުހުންގެ އެލާޓް ލެވަލް ވަނީ ލެވަލް 3 އަށް މަތިކޮށްފައެވެ.