ޚަބަރު

ޤައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މަތިކޮށްފި


ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް މަތިކޮށްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެނެރީ މަގުގެ މަޖީދީމަގާވީކޮޅުން ކާރަށް އަރައިވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލާފައިވާކަމަށެވެ. އަދި މިހާދިސާގައި ރައީސް ނަޝީދުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާއި ގުޅިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަމުންދާކަމަށެވެ. މީގެއިތުރުން މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސްވެސް މަތިކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފައިވާއިރު، ފުލުހުންނާއި ސިފައިން ދަނީ އެސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްނޫންކަމަށް މައުލޫމާތު ލިބެއެވެ.