ޚަބަރު

ނަޝީދަށް އަމާޒުކޮށް ހަމަލާދިން ފަރާތްތަކަށް ހަރުކަށި އަދަބުދިނުމަށް ޕީޕީއެމްއިން ގޮވާލައިފި


ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިން ފަރާތްތަކަށް ހަރުކަށި އަދަބުދިނުމަށް ޕީޕީއެމްއިން ގޮވާލައިފިއެވެ.

ޕީޕީއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅު ކައިރިން ކާރުކޮޅަށް އެމަނިކުފާނު އަރާވަޑައިގަންނަވަނިކޮށް އެ ސަރަޙައްދުގައި ކާރުކޮޅު ކައިރިން އެއްޗެއް ގޮވާ އެމަނިކުފާނަށް އަނިޔާ ލިބިވަޑައިގެންނެވި ޚަބަރު އެކޯލިޝަންގެ ފަރާތުން އެހީ ކުއްލި ހައިރާންކަމާއި އަސަރާއެކުއެވެ.

އަދި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަވަސް ޝިފާއަކަށް އެދޭކަމަށާއި އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ޙަޤީޤަތް ހޯދުމަށް އަވަސް ތަޙުޤީޤެއް ހިންގުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި ސްޓިއަރިންގ ކޮމިޓީތަކާއި އާންމު މެންބަރުންގެ ފަރާތުން ހަމްދަރުދީ ފާޅުކޮށް، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި އެ ޢަމަލު ރާވާ ހިންގުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތައް ހޯދާ ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ޕީޕީއެމްގެ އިތުރުން ރާއްޖޭގެ އެހެން ސިޔާސީ ފަރާތްތަކުން ދަނީ ރަައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކުރަމުންނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ޓެރަރިޒަމްގެ އަމަލެއްކަމަށާއި، މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ކުރީގެ ރައީސް ވަޙީދު ކުރެއްވި ޓްވީޓެއްގައި، އެމަނިކުފާނުވެސް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކޮށްފައެވެ.