ޚަބަރު

ފުލުހުންގެ އިސްތިއުނާފް ކޮމިޓީގެ މުޤައްރަރަކަށް ޞާދިޤު


މޯލްޑިވްސް ޕޮލިސް ސަރވިސްގެ "އިސްތިއުނާފް ކޮމިޓީ" ގެ މުޤައްރަރަކަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އިންތިޚާބުކުރައްވައިފިއެވެ.

"އިސްތިއުނާފް ކޮމިޓީ"ގެ މުޤައްރަރަކަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އިންތިހާބުކުރީ މިއަދު މެންދުރުފަހު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި ކޮމިޓީގެ ނައިބު މުޤައްރަރަކަށް އިންތިޚާބުކުރެއްވީ އެކޮމިޓީގެ މެމްބަރު ފާތިމަތު ލީނާއެވެ.

ފަސް މެންބަރުންގެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޛު އަޒްމީން ރަޝީދު, އަލްއުސްތާޛާ މިންނާ ނާފިޛް އަދި އަލްއުސްތާޛު އަޙުމަދު ޝިހާދުއެވެ. ކޮމިޓީ އެކުލަވާލެއްވީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.

އިސްތިއުނާފު ކޮމިޓީއަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ވާގޮތުން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ޢާންމު ރައްޔިތުންގެ ތެރެއިން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ. އަދި އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް އެ ކޮމިޓީން ބަލައި ގޮތެއް ނިންމުމުގައި ޢަމަލުކުރަންވާނީ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެ ބޯޑުން ޢަމަލުކުރުމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށްވެސް ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވެއެވެ.