ޚަބަރު

އެހެން އަހަރުތަކަށްވުރެ މިއަހަރު ފިތުރު ޒަކާތް ދައްކާ މީހުން މަދު: މިނިސްޓަރ


މިހާތަނަށް ފިތުރު ޒަކާތް ދެއްކި މީހުންގެ ޢަދަދު ކުރީ އަހަރުތަކާއި އަޅަބަލާއިރު މަދުކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޒަކާތް ބަލައިގަންނަންވަނީ ފަށާފައެވެ. އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ، މިހާތަނަށް ޒަކާތް ދެއްކި މީހުންގެ ޢަދަދު ކުރީ އަހަރުތަކަށްވުރެ މަދުކަމަށާއި، ފަހު ވަގުތަށް މަޑުނުކުރައްވާ ފިތުރު ޒަކާތް އަވަހަށް ދެއްކުމަށް ސަމާލުވުން މުހިންމުކަމަށެވެ. މިނިސްޓަރ ވަނީ ފައިސާއާއި ގޮވާމުންވެސް ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިރަމަޟާންމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ޒަކާތުގެ ގޮތުގައި 899031 ރުފިޔާ ލިބިފައިވާކަމަށެވެ. އެއީ 20862މީހުން ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެތެރޭގައި ހިމެނެނީ އޮންލައިންކޮށް ޒަކާތުގެ ފައިސާ ދެއްކި 17858މީހުންނާއި، މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރަށް ޒަކާތް ދެއްކި 3005 މީހުންނެވެ. މިމަހުގެ 11 ވަނަ ދުވަހާ ހަމަޔަށް ގޮވާމުން ޒަކާތް ދައްކަން ބޭނުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާއިރު މާލޭ ސަރަޙައްދުގައި ޒަކާތް ބަލައިގަންނާނެ އެންމެ ފަހުގެ ތާރީޚަކީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ. އަތޮޅުތަކުގައި އެރަށެއްގެ ކައުސިލުން ކަނޑައަޅާ މުއްދަތަކަށް ޒަކާތް ދެއްކޭނެއެވެ.

ދިރާގާއި އުރީދޫ އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސް މެދުވެރުކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އުރީދޫއާއި ދިރާގުން އެސްއެމްއެސް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ. މީގެއިތުރަށް ފަހިޕޭ އެޕްލިކޭޝަންއާއި ޕޯޓަލް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ.

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ނެރުމަށް ކަނޑައަޅާފައިވަނީ އެރަށެއްގައި ކެއުމަށް އާއްމުކޮށް ކައިއުޅުނު ބާވަތެއްގެ 2.4 ކިލޯގެ އަގެވެ.