ޚަބަރު

ކޯވިޑް-19 : ސިއްޙީ ފަރުވާދޭ މީހުންނާއި ވޮލެންޓިއަރުން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި


ސިއްޙީ ފަރުވާދޭ މީހުންނާއި ވޮލެންޓިއަރުން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް އިތުރު ފަންނީ މުވައްޒަފުން ހޯދުމަށް ހެލްތު މިނިސްޓްރީން މިހާރުވަނީ އިއުލާން ކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޞިއްޙީ ފަރުވާދޭ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށާއި އެގޮތުން ފުރަތަމަ ކަމަކަށް މިހާލަތުގައި ފަރުވާގެ ކަންކަމާއި އެނޫންވެސް އޮޕަރޭޝަންތަކުގައި ހަރަކާތްތެިވާނެ ވޮލެންޓިއަރުން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

މީގެ އިތުރުން ކޮންޓެކްޓް މުވައްޒަފުންގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް، ސަރުކާރުގެ މައި ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ސިއްޙީ ޚިދުމަތްތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުންވެސް މެޑިކަލް ސްޓާފުން ލިބޭތޯ މަސައްކަތް ކުރަމުންދާކަމަށާއި، މިއީ ކޯވިޑް-19ގައި ރާއްޖެ މިހާރު ކުރިމަތިލާފައިވާ ރާޅާއި ގުޅިގެން ސަރުކާރުން ކުރަމުންދާ ކަމެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައިވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ކުރިއަށްގެންދާ އޮޕަރޭޝަނަށް ފަންނީ އިތުރު މުވައްޒަފުން ބޭނުންވެފައިވާތީ އެމަސައްކަތުގައި ވޮލެންޓިއާ ކުރަން ބޭނުންވާ ހެލްތު ޕްރޮފެޝަނަލުންގެ ވަނަވަރު [email protected] އަށް އީމެއިލްކުރަން އެދޭކަމަށެވެ.

ކޯވިޑް-19ގައި މިވީ މުއްދަތުގެ ތެރޭގައި ރާއްޖޭގައި ދުވަހަކުވެސް މީހުން ޕޮޒިޓިވް ނުވާމިންވަރަށް މިމަހުގެ މިވީ ދުވަސްތަކުގެ ތެރޭގައި މިބައްޔަށް މީހުން ޕޮޒިޓިވްވެ ފަރުވާދޭ މީހުންގެ ޢަދަދުވަނީ އިތުރުވާން ފަށާފައެވެ.