ފާއިތުވި ހަފުތާގެ ތެރޭގައި ދުނިޔޭގައި ކޯވިޑް-19 ޖެހުނު މީހުންގެ 46 އިންސައްތައަށް ބަލިޖެހުނީ އިންޑިޔާއިންކަމަށާއި ބަލީގައި މަރުވި ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކު މަރުވެފައިވަނީ އިންޑިޔާގައިކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބުލިޔުއެޗުއޯއިން ބުނެފިއެވެ.
އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާއެވެ. ދުނިޔޭގެ އާބާދީގެ 18 އިންސައްތަ ޙިއްޞާކުރާ އިންޑިޔާގައި މިހާތަނަށް 20.63 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 225،699 މީހުން މަރުވެފައިވާކަމަށް ރަސްމީ ޢަދަދުތަކުން ދައްކައެވެ. އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދުތަކަށްވުރެ ދިހަގުނަ އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ދުނިޔޭގެ އެކި ސަރަޙައްދުތަކައި 5.7 މިލިޔަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހުނެވެ. އަދި 93،000އަށްވުރެ ގިނަ މީހުން ބަލީގައި މަރުވިއެވެ. އޭގެ ތެރެއިން 2.6 މިލިޔަން މީހުންނަށް ބަލިޖެހުނީ އިންޑިޔާގައެވެ. އެއީ އޭގެ ކުރީ ހަފުތާގައި އިންޑިޔާގައި ބަލިޖެހުނު މީހުންގެ ޢަދަދަށްވުރެ 20 އިންސައްތަ އިތުރު ޢަދަދެކެވެ. އަދި ފާއިތުވި ހަފުތާގެ ތެރޭގައި އެ ޤައުމުގައި 23،231 މީހުން މަރުވިއެވެ.
އިންޑިޔާއިން ކޯވިޑް-19ގެ ނުރައްކާތެރި ރާޅާކާ ހަނގުރާމަކުރަމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ ފަރާތުން އަވަށްޓެރި ޤައުމުތަކަށް ބަލިފެތުރެމުންދާކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. އެގޮތުން ފާއިތުވި ހަފުތާގެ ތެރޭގައި ނޭޕާލުގައި ބަލިޖެހުނު މީހުންގެ ޢަދަދުވަނީ 137 އިންސައްތަ އިތުރުވެފައެވެ. ޑަބުލިޔުއެޗުއޯއިން ބުނީ ސްރީ ލަންކާގައިވެސް ހަލުވިކަމާއެކު ބަލިފެތުރެމުންދާކަމަށެވެ.
އިންޑިޔާގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވުމުން އެ ޤައުމުގެ ހަސްފަތާލުތަކުންވަނީ ޖާގަ ހުސްވެފައެވެ. ހަސްފަތާލުތައް ފުރި ފަރުވާ ނުދެވުމުން އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކުވެސް މަރުވެއެވެ. ފަރުވާ ދިނުމަށް ބޭނުންވާ އޮކްސިޖަނާއި ބޭސް ލިބުމުގައި އެ ޤައުމުން ދަތިތަކަކާ ކުރިމަތިލާންވަނީ ޖެހިފައެވެ. އަދި ހަސްފަތާލުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންވެސްވަނީ މަދުވެފައެވެ. ވެކްސިން ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން އެ ޤައުމުގައި ވެކްސިން ދިނުންވަނީ ހުއްޓުމަކަށް އައިސްފައެވެ.