ވިޔަފާރި

އަންނަމަހު މިނިމަމް ވޭޖާއި ގުޅޭގޮތުން މިނިސްޓަރަށް ލަފައެއް އެރުވޭނެ: ބޯޑު


އަންނަމަހު މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ މުސާރަ ކަނޑައެޅުމާއި ގުޅޭގޮތުން މިނިސްޓަރަށް ލަފައެއް އެރުވޭނެކަމަށް އުއްމީދުކުރާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ މުސާރަ ކަނޑައެޅުމަށްޓަކައި މިނިސްޓަރަށް ލަފާދިނުމަށްޓަކައި ވަނީ ބޯޑެއް އެކުލަވާލާފައެވެ.

މި ބޯޑުގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު ޤާނޫނުގައި ކަނޑައަޅާފައި އޮންނަ ތާރީހަށް މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް ބޯޑުން ވިދާޅުވެއެވެ. އެގޮތުން އަމާޒަކީ އަންނަ މަސް ފެށޭހިސާބުގައި މިނިމަމް ވޭޖްއާއި ގުޅޭގޮތުން މިނިސްޓަރަށް ބޯޑުގެ ފަރާތުން ލަފައެއް އެރުވުންކަމަށް ބޯޑުން ވިދާޅުވެއެވެ. އެހިސާބުން ދެން އިންނަ މަރުހަލާ ކުރިއަށްގެންދާނީ މިނިސްޓަރެވެ.

ވަޒީފާއާއި ބެހޭ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ބުނެފައިވާގޮތުން ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާކުރުމަށްފަހު، ގިނަވެގެން، 30 ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ، މިނިސްޓަރު ނެރޭ އަމުރެއް މެދުވެރިކޮށް ކަނޑައަޅަންވާނެކަމަށެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރު ނެރޭ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ ޢަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައަޅަންވާނެކަމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އަދި މީގެ އިތުރުން ވަކި މަސައްކަތެއްގައި ނުވަތަ ވަކި ދާއިރާއެއްގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ވަކިން ބަޔާންކުރުމާއެކު، މިގޮތުން ކަނޑައަޅާ އުޖޫރައެއް ދިނުމުގައި ވަޒީފާދޭ ފަރާތްތަކުން އެ އަމުރަކަށް ފުރިހަމައަށް ޢަމަލުކުރުމަށް ވަކި މުއްދަތެއް ނުވަތަ މުއްދަތުތަކެއް ކަނޑައަޅާފައިވާނަމަ، އެކަން ބަޔާންކުރަންވާނެކަމަށްވެސް ޤާނޫނުގައި ވަނީ ބުނެފައެވެ.

މިނިމަމް ވޭޖުގެ ގޮތުގައި 6400 ރުފިޔާ ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް މީގެކުރިން ވަނީ ލަފާދީފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މިނިމަމް ވޭޖްއެއް ކަނޑައެޅުމަށް ކޯވިޑް19ގެ ސަބަބުން ވަނީ ލަސްތަކެއް ދިމާވެ ހުރަސް އެޅިފައެވެ. އެގޮތުން މިއީ މިނިމަމް ވޭޖް ކަނޑައަޅައި އަމަލުކުރަން ފެށުމަށް އެންމެ ރަނގަޅު ދުވަސްވަރެއް ނޫންކަމަށް އެއިރު މުސާރައާއި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑުން ވަނީ ބުނެފައެވެ.

މިނިމަމްވޭޖް ކަނޑައެޅުމުގައި 9 ދާއިރާއެއް ވަނީ ޚާއްސަކޮށްފައެވެ. އެދާއިރާތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް، ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، ސިއްހީ ހިދުމަތުގެ ދާއިރާ، ތައުލީމީ ހިދުމަތުގެ ދާއިރާއެވެ. މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ، އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއާއި މެރިޓައިމް ދާއިރާއެވެ.