ކުޅިވަރު

ބަކްސް އާއި ނެޓްސް ބައްދަލުކުރިމެޗް ބަކްސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މިލްވައުކީ ބަކްސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް ބަކްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ބަކްސް ކާމިޔާބުކުރީ 124 ޕޮއިންޓް 118 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 36 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގާފައެވެ. އަދި ނެޓްސްގެ ކެވިން ޑުރާންޓްވަނީ 32 ޕޮއިންޓް ހޯދައިދީފައެވެ. އަދި އޭނާ ވަނީ 9 ރީބައުންޑް ނަގާ 6 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ފީނިކްސް ސަންސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް އޯވަރ ޓައިމް ކުޅެގެން 134 ޕޮއިންޓް 118 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްގެ ކްރިސް ޕޯލްވަނީ އެޓީމަށް 23 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 16 އެސިސްޓް ކޮށްފައެވެ. އަދި ކެވެލިއަރސްގެ ކޮލިން ސެކްސްޓަންވަނީ އެޓީމަށް 29 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގާ 7 އެސިސްޓް ކޮށްފައެވެ. މީގެއިތުރުން ލޮސް އެންޖަލިސް ކްލިޕަރސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 105 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްގެ ޕޯލް ޖޯޖްވަނީ އެޓީމަށް 22 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާފައެވެ. އަދި ރެޕްޓަރސްގެ ފްރެޑް ވެންވްލީޓް ވަނީ 27 ޕޮއިންޓް ހޯދާދީ 13 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ސެކްރެމެންޓޯ ކިންގްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 103 ޕޮއިންޓް 99 ޕޮއިންޓުން ކިންގްސް ކާމިޔާބުކުރިއިރު ނިއުއޯލިއަންސް ޕެލިކަންސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސްއެވެ.