މުނިފޫހިފިލުވުން

ވާހަކަ: ދެކޭ ގޮތް

ފަތިސް ހަނދުވަރުގެ ރިހި އަލިން މުޅި ރަށް ދިޔައީ ޖަރީކުރަމުންނެވެ. ރަށުގެ ތެރެއަށް އެ ވަގުތު ހަނާ އަޅަމުން ދިޔަ މަޑުމައިތިރި ވައިރޯޅިތަކުން، ރުކުގެ ފަންތައް ދެފަރާތަށް ހެލިލަމުން ދާއިރު ހީވަނީ ރީތި ނެށުމެއް ހުށައަޅައި ދެނީހެންނެވެ. ކޮވެލިތައް އެސޮރުމެންގެ އަމިއްލަ ރާގުގައި ރިވެތި، ހިތްގައިމު ލަވަތައް ހުށައަޅައިދެމުން ދިޔައީ ފޫހި ކަމެއް ނެތިއެވެ. އަޒަލިއްޔަ ޤާނޫނުގެ ފުރިހަމަކަން މުޅި ރަށުގެ ތެރެއަށް ވަނީ ފެތުރިފައެވެ. އެހިތްފަސޭހަ ވަގުތުގައި، ސަމީހާއަށް އޭނާގެ ދެލޯ ހުޅުވައިލެވުނީ އޭނާގެ ފޯނު ރިންގު ވާން ފެށި އަޑަށެވެ.

"ކާކުތަ މިގަޑީ؟" ނިދި އައިސްފައި ހުރި ރާގެއްގައި އެހެން ބުނުމަށްފަހު، ސަމީހާ ކަންނެތް ފާޑަކަށް ނެގީ އެނދުމަތީގައި އޮތް އޭނާގެ ފޯނެވެ. "މަނިކު! އަނެއްކާ ކިހިނެއްވީ ބާ؟" ސަމީހާ ލަތްކަކަށް އެނދުން ތެދުވިއެވެ. އަދި ވަރަށް އަވަހަށް ފޯނަށް ޖަވާބު ދިނެވެ.

"ހަލޯ މަނިކު. ކިހިނެއްތަ ވީ؟ ހާދަ ހެނދުނަކާ ތިގުޅީ؟" ސަމީހާގެ ހިތުގެ ތެޅުން އަވަސް ވިއެވެ. ވަރަށް ބަލިކޮށް އުޅެމުން ވެސް، މަނިކު މަހަށް ފުރީތީއެވެ. ސަމީހާ ތަކުރާރުކޮށް ނުދާށޭ ބުނުމުން، މަނިކު މަސްވެރިކަމަށް ފުރީ ރަށުގައި ހުރެގެން އާމްދަނީ ލިބޭނެ އިތުރު އެއްވެސް ގޮތެއް ނެތީމައެވެ.

"މަނިކު. ކީއްވެތަ އެއްޗެކޭ ނުބުނީ؟" ސަމީހާ ޖެހިލުންވެ ހުރެ، އަނެއްކާ ވެސް ސުވާލުކޮށްލީ އެކޮޅުން އެއްވެސް ޖަވާބެއް ނުލިބުމުންނެވެ.

"މަނިކު. ވާހަކަދައްކަބަލަ! ކިހިނެއްތަ ވީ؟" ސަމީހާގެ އަޑާއި ރާގު ބަދަލުވެގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ހިތުގެ ހަމަޖެހުން މުޅިން ގެއްލި، ސަމީހާގެ ހިތުގެ ތެރެއަށް ބިންދައިލީ ނުތަނަވަސް ކަމުގެ ބިޔަ ބޮޑު ރާޅެކެވެ.

"ސަމީހާ." ފޯނުގެ ތެރެއިން ސަމީހާގެ ކަންފަތުގައި ޖެހުނީ މަނިކުގެ އަޑެއް ނޫނެވެ. ސަމީހާގެ ދެލޯ ބޮޑުވެ، އަނގަ ހުޅުވުނެވެ.

"ސަމީހާ. މީ އާދިލް. މަނިކާ އެކު، މަސްވެރި ކަމުގައި އުޅޭ މަސްވެރިއެއް މީ." އާދިލް އެހެން ބުނެލީ މަޑުމައިތިރި ރާގެއްގައެވެ. އެ އަޑުގައި އެކުވެފައިވާ މާޔޫސްކަން ސަމީހާއަށް އިޙުސާސް ވިއެވެ.

"މަގޭ މަނިކަށް ކަމެއް ވީތަ؟ ބުނެބަލަ! މަނިކަށް ކަމެއް ވީހޭ؟ ކޮބާތަ މަގޭ މަނިކު؟" ސަމީހާގެ ދެލޮލުގެ ތެރެއަށް ކަރުނައިގެ ލަޝްކަރެއް ޖަމާވިއެވެ.

"ސަމީހާ. މަނިކު.. މަނިކު.." އާދިލްގެ އަޑު ބެދުނެވެ. ސަމީހާގެ ދެލޮލަށް ޖަމާވި ކަރުނަތައް، އޭނާގެ ލޮލުގެ އެސްފިޔަތައް ފޯކޮށްލުމަށްފަހު، މަޑުމަޑުން ކޯތާފަތް މައްޗަށް ފައިބައިގަތެވެ.

"މަނިކު. ކުއްލިގޮތަކަށް، ނިޔާވެއްޖެ." އާދިލްގެ އަނގައިން ނުކުތް ޖުމުލަ، ސަމީހާގެ ކަންފަތުގެ ހިނދުރީގައި ޖެހުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ސަމީހާގެ ކަންފަތުގައި ޖަހައިފައިވާ ފޯނު، އޭނާގެ އަތުން ދޫވެގެން ވެއްޓުނެވެ. ދެލޯ ބޮޑުކޮށްގެން އިން ސަމީހާގެ ލޮލުގެ ތެރެއިން ހުއްޓުމެއް ނެތި، ހޯސްލާފައި ކަރުނަތައް ފައިބަމުން ދެއެވެ. އެއްވެސް އެއްޗެއް ނުބުނެ، ސަމީހާ އިނީ ގަބުވެފައެވެ. ސަމީހާގެ އަނގަ ތަންމިނަށް ހުޅުވެފައިވާ އިރު، އޭނާގެ ތިރީ ތުންފަތް ދިޔައީ ހިތާމައިގެ ވޭނުން ތުރުތުރު އަޅަމުންނެވެ. މާ ބޮޑަށް ހިތުގައި ޖެހިގެން، ކުއްލިއަކަށް ހުރެފައި ސަމީހާއަށް އަޑުން އަޑު ނަގައި ރޯން ފެށުނެވެ. އެންމެފަހުން ސަމީހާގެ ބަޑި ފަޅައިގެން ދިޔައީއެވެ.

އިރުގެ އަލިކަން ބިލެތްދޫއަށް ފައުޅުވެގެން ދިޔައީ، މަނިކުގެ މަރުގެ ހިތާމަވެރި ޚަބަރުން މުޅި ރަށް ހިމޭންކޮށްލަމުންނެވެ. މަނިކުގެ ވަކިވެ ދިޔުން ވެގެން ދިޔައީ މުޅި ރަށަށް ލިބިގެން ދިޔަ ބޮޑު ގިލަންވެރި ކަމަކަށެވެ. އެންމެން ވެސް ތިބީ ބޮޑު ޝޮކެއްގައެވެ.

މަނިކުގެ ގޭދޮށަށް ރަށުގެ ކުދި ބޮޑު އެންމެން ޖަމާވަމުން ދިޔައެވެ. އެއްބަޔަކު މަސައްކަތް ކުރަމުން ދިޔައީ މަނިކުގެ ހުވަފަތްވި އަންހެނުން، ސަމީހާ ހަމައަކަށް އަޅުވާށެވެ. އަނެއް ބަޔަކު އުޅުނީ މަނިކާއި ސަމީހާއަށް ލިބިފައިވާ، އުމުރުން 33 އަހަރުގެ އަންހެން ދަރިފުޅު ޝާރާއަށް ނަސޭހަތްތެރި ވުމުގައެވެ. މުޅި ގޭތެރެއިން ރުއިމާއި ގިސްލުމުގެ އަޑު ނޫން އިތުރު އަޑެއް ނީއްވެއެވެ.

ސަމީހާ އާއި މަނިކުގެ 35 އަހަރުވީ ޒަވާޖީ ޙަޔާތަށް އައި ކުއްލި ނިމުން، ސަމީހާއަށް ޤަބޫލު ކުރަން ފަސޭހައެއް ނުވިއެވެ. ސަމީހާގެ އުމުރުން އެންމެ 20 އަހަރުގައި، އޭނާ މަނިކާ ގުޅުނީ ދުވަހަކު ވެސް ވަކި ނުވުމަށް ވަޢުދު ވަމުންނެވެ. ވަރަށް ލޯތްބާއި، އިޝްޤުން ގެތިގެން ދިޔަ އެމީހުން ހަންހާރަވެތި ދިރިއުޅުމުގެ ދަތުރު، ނިންމައިލަން ޖެހުނީ ސަމީހާގެ ހިތަށް އެތައް ވޭނެއް ލިބިގެންނެވެ.

މަނިކުގެ ހަށިގަނޑު ރަށަށް ގެނެވި، ކަށުކަމާކެމީގެ ކަންތައް ކުރިއަށް ދިޔައެވެ. މަނިކުގެ މޫނު އެޅުމުގެ ކުރިން އެތައް ބަޔަކު މަނިކުގެ މޫނު ބަލަން އެތަނަށް ގޮސް ތިއްބެވެ.

"މަނިކު. މަގޭ މަނިކު.." ފެންޑާގައި ހުރި މޭޒެއްގައި، ބާއްވާފައި އޮތް މަނިކުގެ ފުރާނަ ނެތް މަސްގަނޑު ފެނުމާ އެކު، ސަމީހާއަށް ވީގޮތް ވެސް ނޭނގުނެވެ. ސަމީހާގެ އަތުގައި ހިފަހައްޓައިގެން ތިބި ދެމީހުންގެ އަތް ހޫރައިލުމަށްފަހު، ނިކަން ބާރަށް ސަމީހާ ދުއްވައިގަތީ މަނިކުގެ ގާތަށެވެ.

"މަނިކު. ހެޔޮނުވާނެ. މަ ދޫކޮށްފަ ނުދޭ! މަ ކިހިނެއް މަނިކާ ނުލައި އުޅޭނީ؟ މަނިކު. އާދޭސްކޮށްފަ މިބުނީ، ތި ދެލޯ ހުޅުވާލަބަލަ! ހަމަ އެންމެ ފަހަރަކު ނަމަވެސް، މަށާ ދިމާލަށް ބަލާލަބަލަ!" ރޮމުން ގިސްލަމުން ދިޔަ ސަމީހާގެ ހަރަކާތްތައް ވަނީ އޭނާގެ އިޚުތިޔާރުން ބޭރުވެފައެވެ. މަނިކުގެ ހަށިގަނޑުގައި ބައްދަމުން ސަމީހާ ރޮމުން ދިޔައިރު، އޭނާ މައިތިރި ކުރެވޭތޯ އެތާގަ ތިބި ބައެއް މީހުން މަސައްކަތް ކުރަމުން ދެއެވެ.

"މަ ބުނިން ދޯ؟ ނުދާށޭ! މަޑު ކުރާށޭ! ބަލިކޮށް އުޅޭތީ މަ ގާތުގަ މަޑު ކުރާށޭ! އެކަމު.." ސަމީހާ ގެންދިޔައީ އަޑުގެ ނެތް ކޮޅަށް ރޮމުންނެވެ. އެ މަންޒަރު ބަލަން އެތާގަ ތިބި ގިނަ މީހުންގެ ލޯތައް ވަނީ ފެންކަޅި ވެފައެވެ.

"ތީ މަގޭ ފުރާނަ. މަގޭ މުޅި ޙަޔާތް! އެއީ މަނިކުގެ ފަހު ދަތުރުކަން އެނގޭ ނަމަ، މަ ހަމަހިލާ މަނިކު ދިޔަކަ ނުދޭނަން! ފަހަތުން ނަމަވެސް މަ ދާނަން." މަނިކުގެ އަތަށް ބޮސް ދެމުން ސަމީހާ އެހެން ބުނެލި އިރު، އޭނާގެ ލޮލުން ފޭބި ކަރުނަތައް، އޭނާގެ ދަތްދޮޅިން ތިކިތިކި ޖަހަމުން ދެއެވެ. ހިތާމައިގެ ވޭނުން ސަމީހާގެ ތިރީ ތުންފަތް ދިޔައީ ތުރުތުރު އަޅަމުންނެވެ. ސަމީހާ ފަހަތަށް ޖައްސައި، އެތަނުގައި ތިބި މީހުން އޭނާ ވަށައިލިއެވެ.

ސަމީހާ ފަދައިން ޝާރާއަށް ވެސް ވަނީ ނުހަނު ބޮޑު ހިތާމައެއް ލިބިފައެވެ. ބައްޕަގެ މަރުގެ ކުއްލި ޚަބަރުން އަދިވެސް ޝާރާ އިނީ ގަބުވެފައެވެ. ޝާރާގެ ގާތުގައި އިނދެ، އޭނާގެ ފިރިމީހާ ކަމަށްވާ ހުޒެއިރު އަބަދުމެ ގެންދިޔައީ ޝާރާއަށް ވިސްނައިދީ، ހިތްވަރު ދެމުންނެވެ.

ދުވާލުގެ ދަންފަޅި ނިމި، ރޭގަނޑުގެ އަނދިރި ކަމުން ދުނިޔެ ވަށައިލައިފިއެވެ. ސަމީހާގެ މުޅި ގޭތެރެއިން ފެންނަނީ ފަޅު ކަމެވެ. ލިބުނު ބޮޑު ހިތާމައިން މުޅި ގެ ވަނީ ހިމޭންވެފައެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުއްޓިލައިގެން ހުރި، ސަމީހާގެ ދާދި ގާތުގައި އޭނާގެ ދަރިފުޅު ޝާރާ އިނެވެ. ޝާރާގެ އަތުގައި ހިފަހައްޓައިގެން، އޭނާއާ ޖެހިގެން އިން ހުޒެއިރުގެ ކަޅި އަމާޒު ވެފައި ވަނީ ސަމީހާއަށެވެ. އެއްވެސް އެއްޗެއް ނުބުނެ ސަމީހާ ހުރި ފިޔަވަޅުމަތީގައި ހުއްޓިލައިގެން ހުރީ ޖެހި ބުދެއް ހެންނެވެ.

އުމުރުން 55 އަހަރުގެ ސަމީހާގެ ހިތަށް ލިބިފައި ވަނީ ވަރަށް ބޮޑު ވޭނެކެވެ. މުޅި ދިރިއުޅުން އެކުގައި ހިއްސާ ކުރަން ބޭނުންވި ބައިވެރިޔާ ތާއަބަދަށް ވަކިވެގެން ދިޔައީމައެވެ. ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބާ އިރު، ހިތްވަރު ކުރަން ވެސް ސަމީހާގެ ހިތް ބޭނުން ވެއެވެ. ނަމަވެސް މިކަމާ ކުރިމަތިލައި، ހިތްވަރު ކުރާނެ ހަކަތައެއް ސަމީހާގެ ހަށްޓަކު ނެތެވެ. މަނިކުގެ އެކި ޚިޔާލު ތަކުގައި ހުއްޓުން އަރާފައި އިން ސަމީހާއަށް ކުއްލިއަކަށް ބަލައިލެވުނީ ކޮޓަރީގެ ދޮރާ ދިމާލަށެވެ. ސަމީހާއަށް ހީވީ މަނިކު އޭނާއަށް ގޮވައިލިހެންނެވެ. ނަމަވެސް ދޮރު ކުރިމަތީގައި އެއްވެސް މީހެއް ނެތެވެ. ކުރި އަސަރުން ސަމީހާ ދެލޯ މަރައި ބާރުކޮށްލިއެވެ. އެއާ އެކު ސަމީހާގެ ބޮލަށް އެނބުރުން އަރައިގެން އޭނާ ހުރި ތަނަށް ވެއްޓުނެވެ.

މުޅިން އައު ދުވަހަކަށް ދުނިޔެ ހޭލައިފިއެވެ. ސަމީހާ އޮތީ ޞިއްޙީ މަރުކަޒުގައި ބާއްވާފައެވެ. ސަމީހާގެ ގާތުގައި ޝާރާ އާއި ހުޒެއިރު ތިބީ މަންމައަށް ވީގޮތް ނޭނގުމުން އިތުރަށް ކަންބޮޑު ވެފައެވެ. ބައްޕަގެ ވަކިވެ ދިޔުމުން ޝާރާއަށް ކިތަންމެ ބޮޑު ހިތާމަ އެއް ލިބުނަސް، މިއަދު މަންމަގެ ޙައްޤުގައި ޝާރާ ބޭނުން ވަނީ ހިތްވަރު ކުރާށެވެ. ޝާރާގެ ހިތްވަރުން ސަމީހާއަށް ހިތްވަރު ލިބޭނެކަން އޭނާއަށް ޔަޤީން ވާތީއެވެ.

"މަންމަ ކިހިނެއްތޯ؟ ރަނގަޅު ތޯ؟" ޑޮކްޓަރު ފެނުމާ އެކު، ޝާރާ ހާސްކަން މަތީ ހުރެ އަހައިލިއެވެ.

"އަދި ނޭނގެ! ރިޕޯޓުތައް ކުޑަ އިރުކޮޅެއްގެ ތެރޭގަ ލިބޭނެ. އެޔަށްފަހު ވަކި އެއްޗެއް ބުނަން އެނގޭނީ. އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެ." ހިނިތުންވުމަކާ އެކު ޑޮކްޓަރު އެހެން ބުނެ، އެތަނުން ދިޔައެވެ.

ފެށިގެން ދިޔަ އައު ދުވަހާ އެކު، ރަށުގެ ތެރޭގައި މަނިކުގެ މަރުގެ ޚަބަރު އެކި ގޮތްގޮތަށް މީހުން ދައްކަން ފެށިއެވެ. ދެމީހަކު އެއްތަން ވެއްޖެ ނަމަ އޮންނަނީ އެވާހަކައެވެ. އެއްބަޔަކު ބުނަމުން ދިޔައީ އެއީ ސަމީހާގެ ފަރުވާކުޑަ ކަމުން ވީ ކަމެއް ކަމަށެވެ. ފައިސާއަށް ދަހިވެތިވެގެން މަނިކު ބަލިކޮށް ހުރި އިރު ވެސް މަހަށް ފޮނުވީ ކަމަށެވެ. މިފަދަ ނުރުހުމުގެ ބަސްތައް ރަށު މީހުންގެ ފަރާތުން ގެންދިޔައީ އެކަކު އަނެކަކާ ހިއްސާ ކުރަމުންނެވެ.

ރިޕޯޓު ހިފައިގެން ޑޮކްޓަރު އައިސް ހުއްޓުނީ ޝާރާ އާއި ހުޒެއިރުގެ ކުރިމަތީގައެވެ. ޑޮކްޓަރުގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސް ކަމާއި ހައިރާން ކަމެވެ. "ކިހިނެއްތޯ ވީ؟" ޑޮކްޓަރުގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން، ޝާރާ ބިރުގަންނަ ގޮތްވިއެވެ.

"ރިޕޯޓުން މި ފެންނަނީ ވަރަށް ތަފާތު ވާހަކައެއް. މަންމަގެ އެބަހުރި ޞިއްޙީ މައްސަލަ ތަކެއް. އެ މައްސަލަތަކާ އެކުގަ، މަންމަގެ އުމުރު ވެސް މިފަދަ ކަމަކަށް ތައްޔާރުހެން، އަަހަންނަށް ހީއެއް ނުވޭ." ޑޮކްޓަރު ދެއްކި ވާހަކައިން ޝާރާ ހައިރާންވެ، ބަލައިލީ ހުޒެއިރުގެ މޫނަށެވެ.

"ކޮންކަމަކަށްތޯ؟" ޝާރާ ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ.

"މި ދެންނެވީ، މަންމަ ބަނޑު ބޮޑު. 1 މަސް ވެއްޖެ." ޑޮކްޓަރުގެ ޖުމުލައިން ޝާރާއަށް ފަހަތަށް ފިޔަވަޅެއް ނެގުނެވެ. ތަންމިނަށް އަނގަ ހުޅުވި، ދެލޯ ބޮޑުވެގެން ދިޔައެވެ. ނޭވާ އަވަސްވެ، ޝާރާގެ ހިތް ހީވީ ހަށިގަނޑުން ނުކުމެދާނެހެންނެވެ.

"ވަރަށް ނުރައްކާތެރި ކަމެއް! އެކަމު، އަދި ލަހެއް ނުވޭ. ތިކޮޅުން ވިސްނާފަ އަވަސް ފިޔަވަޅެއް މިކަމަށް އަޅަން ޖެހޭ. ދެން އަހަރެން ގޮސްލީ މިގަޑީ. ކުޑަ އިރުކޮޅެއްގެ ތެރޭގަ މަންމަ ދޫކޮށްލާނަން." ޑޮކްޓަރު އެހެން ބުނުމަށްފަހު، އެމީހުންނާ ފަސްދީ ހިނގައިގަތެވެ. ޝާރާ ކުއްލިއަކަށް ހުރެފައި ހުޒެއިރުގެ ގައިގައި ބައްދައިގަންނަމުން، ރޯން ފެށިއެވެ.

ދުވަސްތައް މާޒީގެ ތެރެއަށް ފީވަމުން ގޮސް، 7 ދުވަސް ފާއިތުވެއްޖެއެވެ. ގޭގެ ފެންޑާގައި ފުން ޚިޔާލެއްގެ ތެރެއަށް ޣަރަޤުވެފައި އިން ސަމީހާ ސިހިގެން ދިޔައީ ޝާރާގެ އަޑަށެވެ. ޝާރާއާ އެކު ހުޒެއިރު ވެސް ހުއްޓެވެ.

"މަންމާ." ޝާރާ އިށީންނީ ސަމީހާއާ ޖެހިގެން ހުރި ސޯފާގައެވެ. އަދި ވަރަށް ލޯބިން ޝާރާ ހިފައިލީ ސަމީހާގެ އަތުގައެވެ.

"މަންމާ. އަހަރެމެން ޤަބޫލު ކުރަން ޖެހޭނެ، މީ އަހަރެމެންނަށް ފަސޭހަ ވަގުތެއް ނޫންކަން. އަހަރެން ބޭނުމެއް ނޫން ބައްޕަ ފަދައިން މަންމަ ވެސް އަހަންނާ.." ޝާރާއަށް ބުނެވުނީ އެވަރަށެވެ. މޫނުމަތީގައި އަތް އަޅައި ޝާރާ ފެށީ ރޯންށެވެ.

"ދަރިފުޅާ! މަންމައަށް ދެރަ ގޮތެއް ނުވާނޭ. އެކަމާ ނުވިސްނަ ބަލަ!" ޝާރާގެ މޫނުމަތީގައި އެޅި އަތް ނަގަމުން ސަމީހާ ބުނެލިއެވެ.

"މަންމާ. މަންމަ ތީ، ހައި ރިސްކު މީހެކޭ. އަހަރެން ދެރަ ވަނީ މަންމައަށް ކަމެއް ވެދާނެތީ. ޑޮކްޓަރުން ބުނެފަ އޮތީ މަންމަައަށް ތިކަމުން ނުރައްކާ ވާނެ ކަމަށް. މަންމަގެ ތި ޤުރުބާނީއަށް އަހަރެން އުފާ ކުރަމޭ، އަކަމު މަންމަގެ ފުރާނަ އަހަންނަށް މާ މުހިންމު." ޝާރާ ކަޅި ޖަހައި ނުލައި ބަލަން އިނީ ސަމީހާގެ ދެލޮލަށެވެ.

"ނޫން ދަރިފުޅާ. ތިހެން ނުބުނޭ! މި ދަރިފުޅަކީ މަންމަގެ އުއްމީދެއް. މަންމަ އެތައް ދުވަހަކު ކުރި ހިތާމަ ތަކެއްގެ ފަރުވާއެއް މީ. ޑޮކްޓަރުންނަށް ވުރެ، މާ މަތީ ފަރާތެއް ވޭ. އެކަނލާގެ އިރާދަފުޅުން އެއްވެސް ކަމެއް ގޯހަކުން ނުދާނެ." ސަމީހާގެ ކަނާ އަތުން ޝާރާގެ ކޮލުގައި އަތް ޖައްސައިލިއެވެ.

"ދަރިފުޅާ. ދަރިފުޅަށް ހުރިހާ ޙަޤީޤަތެއް އެނގެއެއްނު؟ މީހުން ކިޔާނެ އެއްޗަކަށް މަންމަ ލަދެއް ނުގަންނަން. މަންމަ ވަރަށް އުފާވާނެ، ދަރިފުޅުމެން އުފަލުގަ އުޅެންޏާ." ސަމީހާގެ ވާހަކަތައް އަޑު އަހަމުން ދިޔަ ހުޒެއިރަށް ވެސް ވަނީ ރޮވެން ގާތްވެފައެވެ. މަންމަގެ ވާހަކަތަކަށް އިތުރަށް ދެކޮޅު ނުހަދައި، ޝާރާ ނިކަން ބާރަށް ސަމީހާގެ ގައިގައި އޮޅުލައިގަތެވެ. ވަރަށް ލޯތްބާއި ކުލުނާ އެކުގައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަސް މިނެއްގައެވެ. ދުވަހަކަށްފަހު، ދުވަހެކެވެ. އެގޮތުގައި 6 މަސް ފާއިތުވެއްޖެއެވެ. ސަމީހާ އާއި ޝާރާގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލު ތަކެއް އަތުވެފައެވެ. ކަރުނަ އެޅި ދުވަސްތައް މާޒީވެ، އުފާވެރިކަން އެ ޢާއިލާއަށް ވަނީ އަތުވެފައެވެ. ސަމީހާއަށް ލިބެން އުޅޭ ދަރިފުޅަށް، ޝާރާ އާއި ހުޒެއިރު ގެންދިޔައީ ވަރަށް އިންތިޒާރު ކުރަމުންނެވެ. ކޮންމެ ފަރުޟު ނަމާދަކަށް އިސްކަންދީ، ދީނީ ކަންކަމުގައި އެ ކުޑަކުޑަ ޢާއިލާ ގެންދިޔައީ ވަރަށް ބޮޑަށް ޝާމިލުވަމުންނެވެ. ޢާއިލާއަށް ލިބެން އުޅޭ ތުއްތު ފުރާނައަށް ހެޔޮ ރަޙުމަތް ލައްވައި، ސަމީހާއަށް ރަނގަޅު ޞިއްޙަތެއް މިންވަރުކޮށް ދެއްވުމަށް އެދި، ތާއަބަދުމެ އެމީހުން ގެންދިޔައީ ދުޢާ ކުރަމުންނެވެ.

އާދައިގެ މަތިން ޝާރާ ގެއިން ނުކުތީ އޭނާގެ މަންމަ ޑޮކްޓަރަށް ދައްކަން ދިޔުމަށެވެ. ސަމީހާގެ އަތުގައި ހިފައިގެން، ދެމައިން ވެސް ކުރިއަށް ހިނގަމުން ދިޔައެވެ.

"ސުންޕާ ޢާއިލާއެއް. ސުންޕާ ދަރިއެއް ބަނޑުގަ ވެސް! ސަމީހާގެ ރޭވުމުން، މަނިކު މި ދުނިޔެ ދޫކުރީ." ޝާރާ އާއި ސަމީހާއަށް ހުއްޓުން އެރީ ފަހަތުން އިވިގެން ދިޔަ ބަސްތަކުންނެވެ. މިއީ އެމީހުންނަށް އައު ބަސްތަކެއް ނޫނެވެ. ރަށުގެ މީހުންގެ މިފަދަ ރަޙުމު ކުޑަ ބަސްތަކާ އެ ޢާއިލާ ކުރިމަތިލަމުން ދާތާ މިހާރު އެތައް ދުވަހެއް ވަނީއެވެ.

"ހިނގާ ދާން މަންމާ! އަޅާލާނެ ކަމެއް ނެތް." ސަމީހާގެ އަތުގައި ހިފައިލަމުން، ޝާރާ ކުރިއަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ، އަނެއްކާ ވެސް އެދެމައިންނާ ކުރިމަތިލާން ޖެހުނީ މަލާމާތާއި ފުރައްސާރައަށެވެ.

"ހައްހައްހާ. މުސްކުޅި ވީމަ ވެސް ދަރިން ހޯދުމުގަ. ލަދެއް ނުގަނޭ ދޯ؟ އަހަރެމެން އަޑު އެހިން މަނިކު މަރުވީ ވެސް، ސަމީހާ ބަލިވެ އިންކަން އެނގިގެން އެ ލިބުނު ޝޮކެއްގަ ހާޓް އެޓޭކެއް ޖެހިގެންނޭ." އިވިގެން ދިޔަ ބަސްތަކުން ސަމީހާ އިސްޖަހައިލިއެވެ.

"އަމިއްލަ ފިރިމީހާ ބަލިވެފަ އޮއްވާ، ލާރިއަށް ދަހިވެތި ވެގެން ފިރިމީހާ މެރި އަންހެނެއް ތީ. މުސްކުޅި ވީމަ ވެސް އަމިއްލަ އެދުން. ސަހަރޯ ހީވޭ ޝާރާމެން އެކަމާ އެއްބަސް ވީމަ." ރަށު މީހުންގެ ދޫތަކުން ނުކުމެގެންދާ މިފަދަ ލަފުޒުތައް ސަމީހާގެ ހިތް ފޫއަޅުވައިލަމުން ދިޔައީ އެތައް ޒަޚަމު ތަކެއް އޭނާއަށް ދެމުންނެވެ. މާތްﷲއަށް ވަކީލުކޮށްލައިގެން އެމީހުންނަށް އެއްވެސް ރައްދެއް ނުދީ، އެ ފާޑުކިޔުން ތަކާއި މަލާމާތް ތަކަށް ކުރިމަތި ލަމުން، ސަމީހާ އާއި އޭނާގެ ޢާއިލާ ކުރިއަށް ދިޔައީ ކަށިން ހިތްވަރު ނެރިގެންނެވެ.

ހަވީރުގެ މަރިޔާދު ވަގުތެވެ. ގޭގެ ފެންޑާގައި ޝާރާ އިނީ އޭނާގެ މަންމައާ ވާހަކަދައްކާށެވެ. ރަށުގެ މީހުންގެ ފަރާތުން އަންނަ ބަހުގެ ހަމަލާ ތަކުން ހިތަށް އެތައް އަނިޔާއެއް ލިބުނަސް، އެކަމާ މެދު ވިސްނައި ފިކުރު ކުރަން އެމީހުން ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި ސަމީހާގެ ޢާއިލާ ބަލަނީ އެ މަލާމާތާ އެކު، އުފަލުގައި ދިރިއުޅޭށެވެ. ސަބަބެއް ނެތަސް، އަބަދުވެސް ހިނިތުންވެގެން ހުންނަން ސަމީހާ އެދެއެވެ.

"މަންމާ. އަހަރެން ހީކުރި ވަރަށް ވުރެ މަންމަ މާ ހިތްވަރުގަދަ. އަހަރެން ވަރަށް ފަޚުރުވެރިވޭ، މަންމަ އަހަރެންގެ މަންމައަށް ވީމަ." ޝާރާ މަޑުމަޑުން ސަމީހާގެ ބަނޑުގައި ފިރުމައިލިއެވެ. ލުއިކޮށް ހީނލަމުން ސަމީހާގެ އަތުން، ޝާރާގެ ބޮލުގައި އަތް ޖައްސައިލިއެވެ.

"ޓޮއް ޓޮއް" ގޭގެ މައިދޮރުގައި ޓަކި ދިން އަޑަށް ޝާރާ ހިނގައިގަތީ ދޮރު ހުޅުވުމަށެވެ.

"އައްސަލާމް ޢަލައިކުމް. ކޮބާ ތޯ ސަމީހާ؟" ދޮރު ކުރިމަތީގައި ތިބީ ފުލުހުންނެވެ. ޝާރާ ދެލޯ ބޮޑުކޮށްލަމުން، ވަރަށް އަވަހަށް ބަލައިލީ އޭނާގެ މަންމަގެ މޫނަށެވެ. ސަމީހާ މަޑުމަޑުން ހިނގާފައި އައިސް ހުއްޓުނީ ފުލުހުންގެ ކުރިމަތީގައެވެ. އޭރު ވެސް، ޝާރާ ހުރީ ވާން މި އުޅޭ ގޮތް ނޭނގުމުން މޭޖެހޭ ގޮތް ވެފައެވެ.

"ހިނގާ ފުލުހުންގެ މަރުކަޒަށް!" އެތަނުން އެއް ފުލުހަކު އެހެން ބުނުމާ އެކު، ސަމީހާގެ ހިތުގެ ވިންދު އަވަސް ވިއެވެ. ވާނުވާ ނޭނގިފައިވާ ގޮތަކަށް ސަމީހާ ބަލައިލީ ޝާރާގެ މޫނަށެވެ.

"ސަމީހާއަށް ކުރެވެނީ މަނިކުގެ މަރުގެ ކުށުގެ ތުހުމަތު." ފުލުސް މީހާ އެހެން ބުނުމާ އެކު، ޝާރާއަށް ކުއްލިއަކަށް ހިފައިލެވުނީ ސަމީހާގެ އަތުގައެވެ. "ނޫން! ނޫން! ތިހެން ނުވާނެ. އަހަރެންގެ މަންމައަށް ތިހެން ނުހަދާ!" ޝާރާގެ އަރު ތެރެއިން ނުކުތީ ކުރަކި ވެފައިވާ އަޑެކެވެ. "އެކަމު ވެސް، ސަމީހާ ވާނެ އަހަރެމެންނާ އެކު ދާން. އެއީ މިރަށުގެ އެތައް ބަޔަކު މި މައްސަލަ ޖައްސާފަ އޮތީމަ." ފުލުސް މީހާ އެހެން ބުނުމަށްފަހު، ލޮލުގެ އިޝާރާތުން ސަމީހާ ގެއިން ނުކުންނަން އެދުނެވެ.

"ދަރިފުޅާ. ދެރަ ނުވައްޗޭ! މަންމަ މިދަނީ." ސަމީހާ ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު، ޝާރާ ވެއްޓިގަތީ އެތަނުން ފުލުހެއްގެ ފައި ބުޑަށެވެ.

"ހެޔޮނުވާނެ. އާދޭސްކޮށް ސަލާން ޖަހާފަ މިބުނަނީ. ތިހެން އަހަރެންގެ މަންމައަށް ނުހަދާ. އެއީ ވިހަން ގާތްވެފަ ހުރި އަންހެނެކޭ. ތިހެން ނުގެންދޭ! ހެޔޮނުވާނެ! އާދޭސް މި ކުރަނީ. އަހަރެންގެ މަންމަ ނުގެންދޭ! ތި މީހުންގެ ހިތެއް އަޅެ ނެތްތަ؟ ހެޔޮނުވާނެ." ޝާރާ ގިސްލައި ރޮމުން ކުރި އާދޭސް ތަކަށް ބީރު ކަންފަތެއް ދެމުން، ސަމީހާ ގޮވައިގެން ފުލުހުން އެތަން ދޫކޮށް ދިޔައެވެ.

ހަފުތާއެއް ފާއިތުވެގެން ދިޔައިރު ވެސް ސަމީހާގެ އެއްވެސް ޚަބަރެއް ޝާރާއަކަށް ނުލިބެއެވެ. ސަމީހާއާ ވާހަކަދެއްކޭ ގޮތެއް ހަދަން ޝާރާ އެދުމުން، މައްސަލަ ތަޙުޤީޤުކޮށް ނިމުމުން ވާހަކަދެއްކޭނެ ކަމަށް ބުނެ، ޝާރާގެ އެދުމަށް ފުލުހުން ކުރީ އިންކާރެވެ.

"އަހަރެން ބޭނުން އަހަރެންގެ މަންމައާ ވާހަކަދައްކަން. އެމީހުން އަހަރެންގެ މަންމައަށް ކުރަނީ ކީއްކަމެއް ވެސް ނޭނގެ." ހުޒެއިރުގެ މޭގެ ތެރެއަށް ބޯކޮށްޕައިލައިގެން އޮވެ، ޝާރާ ވާހަކަދައްކަމުން ދިޔައީ މަޑުމަޑުންނެވެ. ޝާރާގެ ކިބައިން މިހާރު ފެންނަނީ ވަރުބަލި ކަމެވެ. މަންމަ ހައްޔަރު ކުރުމަށްފަހު، އެކަމާ ހިތާމަކޮށްކޮށް ޝާރާގެ ލޮލުން ވަނީ ކަރުނަ ހިކިފައެވެ. އިތުރަށް އޭނާގެ ލޮލުން އަންނާނެ ކަރުނައެއް ނެތެވެ. ވަކީލަކު ހަމަޖައްސައިގެން މިކަމަށް ހައްލެއް ހޯދާނީ ކަމަށް ބުނެ، ހުޒެއިރު ބެލީ ޝާރާގެ ހިތް ހަމަ ޖެއްސޭތޯއެވެ.

ފުލުހުންގެ މަރުކަޒުގައި އިން ސަމީހާގެ މޫނަށް ފުލުސް މީހާ ބަލައިލީ ކުށްވެރިއެއް ފަދައިންނެވެ. އިސްދަށަށް ޖަހައިގެން އިން ސަމީހާގެ ލޮލުން އެގަޑީ ވެސް ދިޔައީ ކަރުނަ ފައިބަމުންނެވެ.

"ސަމީހާ. އަހަރެމެންނަށް މަޢާފު ކުރޭ!" ސަމީހާގެ ކުރިމަތީގައި އިށީންދެގެން އިން ފުލުސް މީހާގެ އަޑުގައި ވަނީ ހިތްދަތި ކަމެވެ. ޒުވާން ފުރައިގެ އެ ފުލުސް މީހާގެ ދެލޮލުގެ ތެރެއިން ފެންނަމުން ދިޔައީ އޭނާއަށް ލިބިފައިވާ ހިތާމައެވެ.

"އަހަރެމެން މިއަދު ލަދު ގަންނަން. ސަމީހާއާ މެދު ކަންތައް ކުރެވުނު ގޮތުން." ފުލުސް މީހާ އެހެން ބުނުމަށްފަހު ކަރުކެހެލިއެވެ. ވާހަކަ ކުރިއަށް ގެންދަން އުނދަގޫ އިޙުސާސެއް ވުމުންނެވެ. "މިއަދު އަހަންނަށް ވަރަށް ރަނގަޅު ފިލާވަޅެއް ދަސްވެއްޖެ. މިތަނުގަ މަސައްކަތް ކުރާ ހުރިހާ ފުލުހުންނަށް ވެސް ޢިބުރަތެއް ހާސިލުވެއްޖެ." ފުލުސް މީހާގެ ދެލޯ މަޑުމަޑުން ފެންކަޅި ވަމުން ދިޔައެވެ.

"އަހަރެން ދުވަހަކު ވެސް، ދުވަހަކު ވެސް އަޑެއް ނާހަން ތިފަދަ ޤުރުބާނީއެއްގެ ވާހަކައެއް. އަހަރެންގެ ޚިޔާލަށް ވެސް ނާދޭ ތިފަދަ ކަމެއް. ތީ ހުރިހާ މައިންނަށް ހުރި ނަމޫނާ އެއް. މުޅި ޤައުމާ، މުޅި ދުނިޔެ ތިކަހަލަ ހިތްވަރުގަދަ އަންހެނުންނަށް ބޭނުންވޭ. އަހަންނަށް ޙަޤީޤަތް އެނގުނު ފަހުން، އަހަންނަށް އުނދަގޫ ވަނީ. ހަމަ އުނދަގޫ ވަނީ.." ފުލުސް މީހާ ހިތްދަތި ގޮތަކަށް ހިންދިރުވައިލިއެވެ. ސަމީހާ މަޑުމަޑުން އިސްނަގައި، އޭނާގެ ކުރިމަތީގައި އިން ފުލުސް މީހާގެ އަތުގައި ހިފައިލިއެވެ. އަދި ގަދަކަމުން ސަމީހާ ހިނިތުންވެލިއެވެ.

"އަހަރެންގެ ހިތަށް އަރާ، ތިކަހަލަ މަންމައެއް އަހަންނަށް ވެސް ލިބޭނެ ނަމައޭ." ފުލުސް މީހާ ވެސް ސަމީހާއާ އެކު ހިނިތުންވެލިއެވެ. "ސަމީހާ އަކީ މިނިވަނެއް. އަވަހަށް ދޭ!" ފުލުސް މީހާގެ އިޒުނައާ އެކު، ސަމީހާ ހިނިތުންވެގެން ހުރެ މަޑުމަޑުން އެތަނުން ނުކުންނަން ހިނގައިގަތެވެ.

ސަމީހާ މިނިވަން ކުރި ޚަބަރު އިވުމާ އެކު، ޝާރާ އުފަލުން ފޮޅުނެވެ. މާތް ﷲއަށް ޙަމްދުކޮށް، އުފާވެރި ހިނިތުން ވުމަކާ އެކު ހުޒެއިރުގެ ގައިގައި އެހާ ލޯބިން ޝާރާ ބައްދައިލިއެވެ. ޝާރާ އެންމެ އުފާވީ ކަމުގެ ޙަޤީޤަތް ފުލުހުންނަށް އެނގުމުން، ފުލުހުންގެ ފަރާތުން މަންމައަށް ލިބިގެން ދިޔަ ތަޢުރީފުގެ ބަސްތަކުންނެވެ.

ސަމީހާ ފުލުހުންގެ މަރުކަޒުން ނުކުތް އިރު، އެތަނަށް ވަނީ ގިނަ ބަޔަކު ޖަމާވެފައެވެ. ޝާރާއަށް ސަމީހާ ފެނުމާ އެކު، ވަރަށް ބާރަށް އޭނާއަށް ދުއްވައިގަނެވުނީ ސަމީހާއާ ދިމާލަށެވެ. "މަންމާ.." ޝާރާ ދިޔަ ގޮތަށް ގޮސް، ސަމީހާގެ ގައިގައި އޮޅުލައިގަތެވެ.

"ދަރިފުޅާ." ސަމީހާގެ ދެއަތުން ޝާރާ ވަށައިލަމުން، ވަރަށް ލޯބިން ދެމައިން ބައްދަމުން ދިޔައެވެ. އެ މަންޒަރު ބަލަން އެތަނުގައި ތިބި ބައެއް މީހުންނަށް އުނދަގޫ ވިއެވެ. އެމީހުން ހުށައެޅި މައްސަލަ ނާކާމިޔާބު ވުމުންނެވެ. އެމީހުންނަށް ވެސް ވަންހަނާ ވެފައި ވަނީ ކަމުގެ ފޮރުވިފައިވާ ޙަޤީޤަތެވެ.

"އައްޗީޑީ! މުސްކުޅި މާބަނޑު އަންހެނާ. ފިރިމީހާ މަރާފަ ކުރާ އުފާ ބަލާބަލަ!" އެތަނުން އެކަކު އައި ރުޅީގައި ގޮސް ހުއްޓުނީ ސަމީހާ އާއި ޝާރާގެ ކުރިމަތީގައެވެ.

"ތީދެން ދަރިން ހޯދަން ކޮން އުމުރެއްތަ؟ ތި ދަރީގެ ސުންޕާކަން ދެކި ބަލަ! ދަރި ބަނޑުގަ އޮތްކަން އެނގުނު ހިސާބުން މަނިކު މަރުވެއްޖެ. ބަލި ހާލަތު ތަން ނުދީ އޮއްވާ މަސައްކަތު ފޮނުވީ، ހަމަ މަނިކު މަރަން ވެގެން. އަހަރެން އަދިވެސް ބުނާނީ ހަމަ ކަލޭ މަނިކު މެރީއޭ." އަޑަށް ބާރެއް ލާފައި އެމީހާ ފެށީ ގަދަ ޒުވާބު ކުރާށެވެ. އެއްވެސް އެއްޗެއް ނުބުނެ، ޝާރާގެ އަތުގައި ހިފައިގެން ސަމީހާ ހިނގައިގަތީ ގެއާ ދިމާލަށް ދިޔުމަށެވެ.

"ބަލަ މަންޖޭ! ޝާރާ." ޒުވާބު ކުރަމުން ދިޔަ މީހާ، އޭނާގެ އަޑު އިތުރަށް ބާރުކޮށްލަމުން ގޮވައިލީ ޝާރާ އަށެވެ.

"ޝާރާ ތީ މަންމަގެ ދަރިން ބަލަން ޖެހޭނެ މީހެއް ނޫނޭ މިހާރު. މީ ޝާރާ ދަރިން ހޯދައިގެން، ސަމީހާ އޭނާގެ މާމަ ދަރިން ބަލަން ވީ ދުވަހޭ." ރުޅި އައިސްގެން ހުރެ، އެމީހާ ބުނި ޖުމުލައިން ސަމީހާ ފަހަތަށް އެނބުރި ބަލައިލީ އެމީހާގެ މޫނަށެވެ. އަދި ސަމީހާ ހިނގައިގަތީ އެމީހާއާ ދިމާލަށެވެ. ސަމީހާ ހުއްޓުވަން ޝާރާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޝާރާއަށް މިފަހަރު އެކަން ކާމިޔާބެއް ނުވިއެވެ.

"ކޮބާ މައްސަލައަކީ؟ މަގޭ ކުށަކީ ކޮބާ؟ ފެންނަ ތާކުން، ތިގޮތަށް ތި ޒުވާބު ކުރަނީ؟" ސަމީހާގެ އަޑުގައި ވަނީ ވޭނީ އަސަރުތަކެވެ.

"މަގޭ ޙާލަތު އެނގިގެންތަ ތިހެން ތި ކިޔަނީ؟ މަ އުފުލާ ވޭނާ ތަދު ތި މީހުންނަށް އިޙުސާސް ވޭތަ؟ ނުވާނެ! އެހެންމީހުންގެ ދިރިއުޅުމުގަ އެމީހުން ބަރުދާސްތު ކުރާ ކަންކަން ތި މީހުންނަށް ނޭނގޭނެ. އެ އިޙުސާސް ތަކެއް، އެ ހިތްދަތި ކަމެއް، ތި މީހުންނަށް ތަހައްމުލު ކުރަން ނުޖެހޭހާ ހިނދު، އެކަމުން އަޅާ ވޭނެއް، އެކަމުން އުފަލަން ޖެހޭ ތަކުލީފެއް އަންދާޒާ ކޮށްލަން ވެސް ތި މީހުންނަކަށް ނޭނގޭނޭ." ސަމީހާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައިރު، އޭނާގެ ކުރިމަތީގައި ހުރި މީހާ ވަނީ ހިމޭންވެފައެވެ. އަޑުގެ ނެތްކޮޅަށް ޒުވާބު ކުރި އެމީހާގެ އަޑު، މިހާރު ވަނީ އެއްކޮށް ހިނދިފައެވެ.

"މަ، މަ މަނިކު ދެކެ ވަރަށް ލޯބިވޭ. މަ މަނިކަށް ދެރައެއް ނޭދޭނެ. މަ އެދުވަހު ވެސް އާދޭސް ކުރިން، ރޮއިފަ އާދޭސް ކުރިން މަހަށް ނުދާށޭ! އެކަމު އެދުވަހު، މަށަށް ނޭނގުނީ މަނިކު އެ ދަނީ މުޅި އުމުރަށް ކަމެއް." ސަމީހާ ގިސްލަމުން ދިޔައެވެ. މަންޒަރު ބަލަން ތިބި މީހުން ގެންދިޔައީ ސަމީހާގެ ވާހަކަތައް އަޑު އަހަމުންނެވެ.

"މަ ބަނޑު ބޮޑުވުން، މީގަ ކޮބާ މަގޭ ކުށަކީ؟ މީ މަށާ މަނިކު ބޭނުން ވެގެން، ވަރަށް މަަސައްކަތް ކޮށްގެން، އެތައް ދުޢާ އަކަށް ފަހު ލިބެން އުޅޭ ކުއްޖެއް." ސަމީހާގެ ގާތުގައި ހުރެ ޝާރާ ވެސް ރޮމުން ގެންދިޔައެވެ.

"ދެން ތިބުނީ، މީ މާމައަކަށް ވާންވީ ދުވަހޭ." ހިތާމައިގެ އަސަރުން ސަމީހާގެ ދަތްދޮޅި ތުރުތުރު އަޅައިގަތެވެ. ސަމީހާގެ ނޭފަތުން ފައިބަމުންދާ ފެންތައް ފޮހެލަމުން، ސަމީހާ އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

"މަށާ މަނިކު އަބަދުވެސް ދެކެން ބޭނުންވާ ދުވަހެއް އެއީ. ޝާރާއަށް ދަރިއަކު ލިބުން. މަ މާމަ އަކަށް ވުން. މަގޭ ކުރިމަތީގަ.. މަގޭ ކުރިމަތީގަ، މަގޭ ދަރިންގެ އުއްމީދުތައް ފުޑުފުޑު ވެގެން ދާތަން ބަލަން، މަގޭ މައިލަގޮނޑިއަކަށް ކެތެއް ނުވޭ. މަގޭ ދަރިފުޅު 18 އަހަރުގަ ކައިވެނި ކުރީންސުރެ، ދެކޭ ހުވަފެނެއް ދަރިއަކު ހޯދުން. ޝާރާގެ ކައިވެންޏަށް 15 އަހަރުވީ އިރު ދަރިއަކު ނުލިބުނު." ހިތް މަތީގައި އަތް އަޅައިލަމުން ގިސްލަ ގިސްލާފައި ސަމީހާ ރޮމުން ގެންދިޔައެވެ. ސަމީހާގެ އަޑު ތުރުތުރު އަޅާ ވަރުން ހީވަނީ، އެ އަޑު ހަމަ ދެންމެ ދެންމެ އެއްކޮށް ހިމުން ވެދާނެހެންނެވެ.

"އެތައް ފަރުވާއެއް ކޮށް، އެތައް ޤައުމަކަށް ގޮސްގެން ވެސް ކާމިޔާބެއް ނުލިބުނު. ދަރިއަކު ބޭނުން ވެގެން ޝާރާ ރޮނީ މަގޭ ކުރިމަތީގަ. ހުޒެއިރު މާޔޫސް ވެގެން ގޮތް ހުސްވެފަ އިންނަނީ މަގޭ ކުރިމަތީގަ. މަގޭ ކުރިމަތީގަ، މަގޭ ހުރި ހަމަ އެކަނި ދަރިފުޅުގެ ދިރިއުޅުމުގެ އުއްމީދުގެ ހުޅުކޮޅު ދިޔައީ ނިވެމުން." ސަމީހާގެ ވާހަކަ އަޑު އަހާފައި އެތަނަށް އެއްވެ ތިބި މީހުންގެ ލޯތައް ކަރުނައިން ތެތްމައިލިއެވެ. ސަމީހާއަށް ޒުވާބު ކުރަން، އައި މީހާއަށް ހަމަ ރަނގަޅަށް ވެސް ވަނީ ރޮވިފައެވެ.

"މަ ނިންމީ، މަގޭ ދަރިފުޅުގެ ޙަޔާތް އަލިކޮށް ރޯޝަން ކުރަން. އުމުރަށް ނުބަލައި، މަ ބަލިވެ މީނީ މަގޭ ޝާރާއަށް ދަރިއަކު ހޯދައި ދިނުމަށް. މަގޭ ބަނޑުގަ މިއޮތީ މަގޭ ޝާރާގެ ދަރިއެއް." ސަމީހާ ވާހަކަ އެހާ ހިސާބަށް ދިޔަ އިރަށް ޝާރާ އާއި ހުޒެއިރު އެކު އެކީގައި ސަމީހާގެ ގައިގައި ވަރަށް ލޯބިން ބައްދައިގަތެވެ. އެމަންޒަރު ބަލަން އެންމެން ތިބީ ހިތަށް ވަރަށް ތަދުވެފައެވެ. ކޮންމެ މީހެއް ވެސް ބޭނުންވީ ސަމީހާގެ ފަރާތުން މަޢާފެވެ.

3 މަސްފަހެވެ. ސަމީހާއަށް ލިބުނީ ލޯބިލޯބި އަންހެން ކުއްޖެކެވެ. ނަމަކީ ފާތިމަތު ޝައިރާއެވެ. ޝައިރާ ހީވަނީ ހަމަ ކުޑަކުޑަ ޝާރާ ހެންނެވެ. އެހާވެސް ވައްތަރެވެ. ވިހެއުމަށްފަހު، ސަމީހާގެ ޙާލު އިރާދަފުޅުން ރަނގަޅެވެ. ރަށު އެންމެން ވެސް މިހާރު ސަމީހާއަށް ވަރަށް ހޮޔުކޮށް ހިތައެވެ. އެންމެންގެ ލޯބި އެ ޢާއިލާއަށް ލިބެއެވެ.

ޝާރާ އާއި ހުޒެއިރުގެ ޙަޔާތަށް ޝައިރާ ގެނުވީ ބަހާރު މޫސުމެކެވެ. އެ ކުޑަކުޑަ ފުރާނައިގެ ސަބަބުން، އެދެމަފިރިންގެ ޙަޔާތުގައި ދަރިއަކު ނެތް ކަމުގެ އިޙްސާސް މުޅިން ފިލައިގެން ގޮސްފިއެވެ. ދަރިއަކަށްޓަކައި ކުރެވުނު އިންތިހާ ފަރުވާ ތަކުގެ ޝިފާއަކަށް ޝައިރާ ވެއްޖެއެވެ.

އާނއެކެވެ! ކަންކަމުގައި އަހަރެމެން ދެކޭ ގޮތަކީ އަދި ޙަޤީޤަތަކަށް ނުވެދާނެއެވެ. ވިސްނައި ނުލައި ގޮތް ނިންމުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ދިރިއުޅުމުގައި އެކި މީހުންނާ ކުރިމަތި ވާނީ އެކި ޙާލަތްތަކެވެ. އެ ޙާލަތް ތަކުގެ ސަބަބުން، އެމީހުންނަށް ކޮންމެ ފަދަ ކަމެއް ވެސް ބަރުދާސްތު ކުރަން ޖެހިދާނެއެވެ. ވިސްނައި ނުލައި އެކަން ކަމަށް ގޮތް ފާޑު ކިޔައި، ނަފުރަތުގެ ހުޅުގަނޑު ރޯކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހުންނަށް ބޭނުން ވާނީ އެންމެންގެ ލޯތްބާއި އަޅައިލުމެވެ.

ނިމުނީ

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ އިބްރާހީމް ޒިހުނީ،ފ.ބިލެތްދޫ/ހަވޭލި އެވެ. ވާހަކަ ހުށައަޅާދިނީ އާމިނަތު ނަތާޝާ އަހްމަދު/މއ.ރޭޓް އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 22 ރަމަޟާން 1442 އެވެ.