ޚަބަރު

ޠާލިބާނުން އެނބުރި ހަނގުރާމައިގެ މައިދާނަށް


އަފްޣާނިސްތާނުގެ ސަލާމަތީ ފައުޖުތަކަށް އަމާޒުކޮށް ޠާލިބާން ޖަމާޢަތުން ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފިއެވެ.

އަފްޣާނިސްތާނުގެ ސަރުކާރުން ބުނީ އެ ޤައުމުގެ ހިލްމަންދު ޕުރޮވިންސުގައި ސަރުކާރުގެ ފައުޖުތަކަށް އަމާޒުކޮށް ޠާލިބާނުން ޙަމަލާތަކެއް ދީފައިވާކަމަށެވެ. ހިލްމަންދަށް ޠާލިބާނުން ޙަމަލާ ދީފައިވަނީ މީގެ ދެ ދުވަސް ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ބޭލުމުގެ މަސައްކަތުގެ ދަށުން ހިލްމަންދުގައި ހުންނަ އަސްކަރީ މަރުކަޒެއް އަފްޣާނިސްތާނުގެ އަސްކަރިއްޔާއާ ޙަވާލުކޮށްފައިވަނިކޮށެވެ. އެ ޙަމަލާތަކުގައި އެ ޕުރޮވިންސްގެ ބައެއް ސަރަޙައްދުތައް ޠާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފައިވެއެވެ. އެ ޙަމަލާތަކުގެ ރައްދުގައި އަސްކަރިއްޔާއިން ޙަމަލާތަކެއް ދީފައިވާކަމަށާއި އެ ސަރަޙައްދުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާކަމަށް ސަރުކާރުން ބުނެއެވެ.

އަފްޣާނިސްތާނުގެ ދިފާޢީ ވުޒާރާއިން ބުނީ ހިލްމަންދުގައި ބަދަލުކުރި ޙަމަލާތަކުގައި ޠާލިބާނުންގެ 100އަށްވުރެ ގިނަ ހަނގުރާމަވެރިން މަރުވެފައިވާކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 6 ޕުރޮވިންސަކަށް ޠާލިބާނުން ޙަމަލާ ދީފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ. އޭގެ ތެރޭގައި ކަންދަހާރާއި ޣަޒުނީ ޕުރޮވިންސް ހިމެނެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އަންނަ މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ޖެހެއެވެ. އެ އެއްބަސްވުމުގެ ދަށުން ފާއިތުވި އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިންވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ނަމަވެސް 2،500އެއްހާ އެމެރިކާގެ ސިފައިން އަދިވެސް އަފްޣާނިސްތާނުގައި އެބަ ތިއްބެވެ. ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣަނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގެންދަވާނެކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންވަނީ އިޢުލާނުކުރައްވައިފައެވެ. ނަމަވެސް ޠާލިބާނުން ޤަބޫލުކުރާ ގޮތުގައި އެ ތާރީޚު ކަނޑައެޅީ ޓުރަންޕުގެ ސަރުކާރާއެކު ޠާލިބާނުން ސޮއިކުރި އެއްބަސްވުމާ ޚިލާފަށެވެ.

އަސްކަރީ އުޅަނދުތަކާއި ބަރު ހަތިޔާރާއި ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ މަސައްކަތް ކުރިއަށްދާކަން އެމެރިކާއިންވަނީ ޔަޤީންކޮށްދީފައެވެ. އަދި އެ މަސައްކަތުގެ 6 އިންސައްތަ މިހާތަނަށް ނިމިފައިވާކަމަށް އެމެރިކާއިން ބުނެއެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ނޭޓޯގެ ސިފައިން ފޭބުމުން އެ ޤައުމަށް ޠާލިބާނުން އަތްގަދަކުރުމަށް އިތުރަށް މަސައްކަތްކުރާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ގިނަ ޢަދަދެއްގެ ޠާލިބާން ހަނގުރާމަވެރިންވަނީ މިނިވަންކޮށްފައެވެ.