ޚަބަރު

އިންޑިޔާ ފުރަބަންދުކުރަން އިދިކޮޅުން ގޮވާލައިފި


ކޯވިޑް-19ގެ ސަބަބުން ޙާލަތު ގޯސްވެފައިވާ އިންޑިޔާ ފުރަބަންދުކުރަން އެ ޤައުމުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ގޮވާލައިފިއެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުން އެގޮތަށް ގޮވާލީ އިންޑިޔާގައި ބަލިޖެހުނު މީހުންގެ ޢަދަދު 20 މިލިޔަނަށްވުރެ އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 20.63 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 225،699 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 13 ދުވަހުވެސް އެ ޤައުމުގައި ދުވާލަކު 300،000 މީހުންނަށް ބަލިޖެހިފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި 355،828 މީހުންނަށް ކޯވިޑް-19 ޖެހި 3،438 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދުތަކަށްވުރެ ދިހަގުނަ އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.

އިންޑިޔާގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވުމުން އެ ޤައުމުގެ ހަސްފަތާލުތަކުންވަނީ ޖާގަ ހުސްވެފައެވެ. ހަސްފަތާލުތައް ފުރި ފަރުވާ ނުދެވުމުން އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކުވެސް މަރުވެއެވެ. ފަރުވާ ދިނުމަށް ބޭނުންވާ އޮކްސިޖަނާއި ބޭސް ލިބުމުގައި އެ ޤައުމުން ދަތިތަކަކާ ކުރިމަތިލާންވަނީ ޖެހިފައެވެ. އަދި ހަސްފަތާލުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންވެސްވަނީ މަދުވެފައެވެ. ވެކްސިން ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން އެ ޤައުމުގައި ވެކްސިން ދިނުންވަނީ ހުއްޓުމަކަށް އައިސްފައެވެ.

އިންޑިޔާގެ ޙާލަތު ގޯސްވި ނަމަވެސް ޤައުމު ފުރަބަންދުކޮށްފިނަމަ އިޤްތިޞާދަށް ލިބޭނެ ހީނަރުކަމަށް ބަލައި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން ބޭނުމެއް ނުވެއެވެ. ނަމަވެސް މިހާރު އޮތް ޙާލަތުން އަރައިގަނެވޭނެ ހަމައެކަނި ގޮތަކީ ޤައުމު ފުރަބަންދުކުރުންކަމަށް އެ ޤައުމުގެ އިދިކޮޅު އިންޑިޔަން ނެޝަނަލް ކޮންގްރެސްގެ އިސްވެރިއެއްކަމަށްވާ ރާހުލް ގާންދީވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިންޑިޔާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވަނީ ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާތީކަމަށެވެ.

އިންޑިޔާގެ ޙާލަތު ގޯސްވީ ފިޔަވަޅުތައް އެޅުމުގައި ބޮޑެތި ދޫތަކެއް ދިނުމުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ފިނި މޫސުމުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 10،000އަށް ދަށްވުމުން އެ ޤައުމުގެ ސަރުކާރުންވަނީ ގިނަ ލުއިތަކެއް ދިނުމަށްފަހު ބޮޑެތި އެއްވުންތައް ބޭއްވުމުގެ ޙުއްދަ ދީފައެވެ. ޞިއްޙީ މާހިރުންގެ ލަފަޔާ ޚިލާފަށް ފާއިތުވި ހަފުތާތަކުގެ ތެރޭގައި ސިޔާސީ އަދި ދީނީ ގިނަ އެއްވުންތަކެއް އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބާއްވާފައިވެއެވެ. އޭގެ އިތުރުން ބަލީގެ ނުރައްކާތެރި ވައްތަރެއް އެ ޤައުމުގައި ފެތުރޭކަމަށްވެސް ގިނަ މާހިރުން ބުނެއެވެ.