ޚަބަރު

އެމެރިކާއަށް އެތެރެކުރާނެ ހިޖުރަވެރިންގެ ޢަދަދު އަލުން އިތުރުކޮށްފި


އެމެރިކާއަށް އެތެރެކުރާނެ ހިޖުރަވެރިންގެ ޢަދަދު 62،500އަށް އިތުރުކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމަވައިފިއެވެ. އޭނާ އެގޮތަށް ނިންމަވާފައިވަނީ އެމެރިކާއަށް އެތެރެކުރާނެ ހިޖުރަވެރިންގެ ޢަދަދު 15،000ގައި ދެމެހެއްޓުމަށް ނިންމެވި ނިންމެވުމަށް އާންމުންނާއީ މަދަނީ ޖަމްޢިއްޔާތަކުންގެ ފަރާތުން ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވުމުންނެވެ. އެ އަދަދަކީ އަހަރެއްގެ މައްޗަށް އެމެރިކާއަށް ހިޖުރަވެރިން އެތެރެވެވޭނެކަމަށް މިހާތަނަށް ނިންމާފައިވާ އެންމެ ދަށް ޢަދަދާ އެއްވަރު ޢަދަދެކެވެ.

މީގެ ކުރިން ބައިޑަންވަނީ އަހަރަކު 62،500 މީހުންނަށް އެމެރިކާއަށް ހިޖުރަކުރެވޭނެކަމުގެ އިޝާރާތެއް ދެއްވައިފައެވެ. ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕު ކަނޑައަޅުއްވާފައިވާ ޢަދަދުކަމަށްވާ 15،000އަށް ބަދަލެއް ނުގެންނަން ނިންމައި އެމެރިކާގެ ސަރުކާރުން އެކަން އިޢުލާނުކުރީ މީގެ ދެ ހަފުތާ ކުރިންނެވެ. އެ ނިންމެވުން އަލުން ބަދަލުކުރައްވައި ނެރުއްވި ބަޔާނެއްގައި ބައިޑަން ވިދާޅުވީ ހިޖުރަވެރިން އެތެރެކުރާނެ ޢަދަދު 15،000ގައި ދެމެހެއްޓުމަކީ ހިޖުރަވެރިންނަށް މަރުޙަބާ ކިޔައި ޤައުމެއްގެ ގޮތުގައި އެމެރިކާ އޮންނަ އޮތުމަށް ފުށުއަރައި ނިންމުމެއްކަމަށެވެ. ދިރިއުޅުމުގެ އައު ބާބެއް ފެށުމުގެ އުންމީދުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ގިނަ ދަތިތަކަކާއި އުނދަގޫތަކެއް ތަޙައްމަލުކުރަމުންދާ މީހުންގެ ހިތުގައި އުފެދިފައިވާ ޝައްކުތައް ފިލުވުމަށް ވަގުތުން ފިޔަވަޅު އެޅުމަކީ މުހިންމުކަމެއްކަމަށް ބައިޑަން ވިދާޅުވިއެވެ.

މީގެ ކުރިން ބައިޑަން ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުގެ ކުރިން 62،500 ހިޖުރަވެރިން އެމެރިކާއަށް އެތެރެކުރެވޭނެކަމަށް ބެލެވޭކަމަށެވެ. އެކަން ހާޞިލުކުރުމަށް ވަގުތު ނަގާނެކަމަށް އޭރު ބައިޑަންވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސުން ބުނީ އެ ޢަދަދަށް ހިޖުރަވެރިން އެތެރެކުރުމަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް އެ މީހުންނަށް އެހީތެރިވުމަކީ އެމެރިކާއިން ވަރަށް ބޮޑު މުހިންމުކަމެއް ދޭނެކަމެއްކަން ދެއްކުމަށް އެ ދަތިތަކާއެކުވެސް ހިޖުރަވެރިންގެ ޢަދަދު އިތުރުކުރުމަށް ބައިޑަން ނިންމެވީކަމަށެވެ.

އެމެރިކާއަށް އެތެރެކުރާނެ ހިޖުރަވެރިންގެ ޢަދަދު އިތުރުކުރުމުން އެފްރިކާއިން އަންނަ ހިޖުރަވެރިންނަށް 22،000 ޖާގައާއި އިރުމަތީ އޭޝިޔާއިން އަންނަ ހިޖުރަވެރިންނަށް 6،000 ޖާގައާއި ވިލާތާއި މެދުތެރޭ އޭޝިޔާއިން އަންނަ ހިޖުރަވެރިންނަށް 4،000 ޖާގައާއި މެދުތެރޭ އެމެރިކާއާއި ކެރީބިއަން ސަރަޙައްދުން އަންނަ ހިޖުރަވެރިންނަށް 5،000 ޖާގައާއި ދެކުނު އޭޝިޔާއިން އަންނަ ހިޖުރަވެރިންނަށް 13،000 ޖާގަ ލިބޭނެއެވެ. އޭގެ އިތުރުން ވަކި ސަރަޙައްދަކަށް ނިޞްބަތްނުވާ 12،500 ޖާގަވެސް ކަނޑައަޅާފައިވެއެވެ.