ކުޅިވަރު

ވެލެންސިއާއިން އެޓީމްގެ ކޯޗް ގްރާސިއާ މަގާމުން ވަކިކޮށްފި


ސްޕެނިޝް ލަލީގާގެ ފާހަގަކޮށްލެވޭ ޓީމެއް ކަމަށްވާ ވެލެންސިއާއިން އެޓީމްގެ ކޯޗް ހާވީ ގްރާސިއާ މަގާމުން ވަކިކޮށްފިއެވެ. ގްރާސިއާ މަގާމުން ވަކިކޮށްފައިމިވަނީ މިސީޒަންގައި އެޓީމަށް މާ ރަނގަޅު ކާމިޔާބީތަކެއް ހޯދިފަނުވާތީއެވެ.

ގްރާސިއާ ވެލެންސިއާގެ ކޯޗްގެ މަގާމުން ވަކިކުރީ މަގާމާއި ހަވާލުވިތާ 10 މަސްފަހުންނެވެ. ވެލެންސިއާއިންވަނީ ރޭނޫން ކުރީރޭ އެފްސީ ބާސެލޯނާ އާއި ބައްދަލުކުރި މެޗުން 3 ލަނޑު 2 ލަނޑުން ބަލިވެފައެވެ. އަދި މިސީޒަންގައި ގްރާސިއާގެ ކޯޗުކަމުގެ ދަށުން ވެލެންސިއާ މޮޅުވެފައިވަނީ 8 މެޗުންނެވެ. ވެލެންސިއާއިން ނެރުނު ބަޔާނެއްގައި އެކްލަބުންވަނީ ގްރާސިއާއިން ޓީމަށް ކޮށްދިފައިވާ އަގުހުރި ހިދުމަތަށް ޝުކުރު އަދާކޮށްފައެވެ. އަދި މުސްތަޤްބަލްގައި ގްރާސިއާއަށް ކާމިޔާބީއަށް އެދޭކަމުގައިވެސް އެބަޔާނުގައި ހާމަކޮށްފައިވެއެވެ.

ސްޕެނިޝް ލަލީގާ ހަފަހަރު ކާމިޔާބުކޮށްފައިވާ ވެލެންސިއާ މިހާރު އުޅެނީ ޕޮއިންޓް ތާވަލްގެ 14 ވަނައިގައެވެ. އަދި ބާކީ އޮތް ހަތަރު މެޗްގައި ވެލެންސިއާގެ ކޯޗުގެ ގޮތުގައި ވަގުތީ ގޮތުން ހަވާލްވެ ހުންނާނީ އެސިސްޓަންޓް ކޯޗް ސަލްވަޑޯ ގޮންޒާލެޒްއެވެ.