ކުޅިވަރު

ސިކްސަރސް އާއި ބުލްސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް ސިކްސަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސިކްސަރސް ކާމިޔާބުކުރީ 106 ޕޮއިންޓް 94 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިކްސަރސްގެ ޓޯބިއަސް ހެރިސް ވަނީ 21 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާފައެވެ. އަދި ބުލްސްގެ ކޯޑީ ވައިޓްވަނީ 23 ޕޮއިންޓް ހޯދައިދީފައެވެ.

މިމުބާރާތުގައި ނިއުޔޯކް ނިކްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. މިމެޗްގައި ނިކްސްއަށް އެންމެ ރަނގަޅަށް ކުޅުނީ 28 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 6 އެސިސްޓް ދިން ޖޫލިއަސް ރެންޑްލްއެވެ. އަދި ގްރިޒްލީސްއަށް އެންމެ ރަނގަޅަށް ކުޅުނީ 22 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގައިދިން ޑެސްމަންޑް ބޭންއެވެ. މީގެއިތުރުން ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއަރސްއެވެ. މިމެޗްގައި ވޮރިއަރސްގެ ސްޓެފަން ކަރީވަނީ 41 ޕޮއިންޓް ހޯދައިދީ 8 އެސިސްޓް ކޮށްފައެވެ. އަދި ޕެލިކަންސްގެ ޒިއޮން ވިލިއަމްސަން ވަނީ 32 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޔޫޓާ ޖޭޒް އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރިމެޗް 110 ޕޮއިންޓް 99 ޕޮއިންޓުން ޖޭޒް ކާމިޔާބުކުރިއިރު ލޮސް އެންޖަލިސް ލޭކަރސް އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރިމެޗް 93 ޕޮއިންޓް 89 ޕޮއިންޓުން ކާމިޔާބުކުރީ ލޭކަރސްއެވެ. އެޓްލާންޓާ ހޯކްސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް 123 ޕޮއިންޓް 114 ޕޮއިންޓުން ހޯކްސް ކާމިޔާބުކޮށްފައިވާއިރު ވޮޝިންގޓަން ވިޒަޑްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 154 ޕޮއިންޓް 141 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ. އަދި އޯލާންޑޯ މެޖިކް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 119 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ މެޖިކްއެވެ.