ޚަބަރު

ކުވައިތުގެ ރައްޔިތުންނަށް ޤައުމުން ބޭރަށް ދެވޭނީ ވެކްސިން ޖަހައިގެން


ކުވައިތުގެ ރައްޔިތުންނަށް ޤައުމުން ބޭރަށް ދަތުރުކުރެވޭނީ ކޯވިޑް-19އަށް ވެކްސިން ޖަހައިގެންކަމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ކުވައިތުގެ ސަރުކާރުން ބުނީ މެއި މަހުގެ 22ވަނަ ދުވަހުގެ ފަހުން ވެކްސިން ނުޖަހާ އެއްވެސް ރައްޔިތަކަށް ޤައުމުން ބޭރަށް ދަތުރުނުކުރެވޭނެކަމަށް އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ. ނަމެވެސް ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އުމުރު ފުރައިގެ ތެރޭގައި ނުހިމެނޭ މީހުން އެ ޤަވާއިދުން އިސްތިސްނާވާނެއެވެ. ކުރިން އިޢުލާނުކޮށްފައިވާ ގޮތަށް ބޭރު ޤައުމުތަކުގެ ރައްޔިތުން ކުވައިތަށް އެތެރެވުން އަދިވެސް މަނާވާނެކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.

ކުވައިތުގައި މިހާތަނަށް 276،586 މީހުންނަށް ކޯވިޑް-19 ޖެހި 1،578 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 1،316 މީހުންނަށް ބަލިޖެހި 9 މީހުން މަރުވެފައިވެއެވެ. އިންޑިޔާގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެން ފެށުމުން އެ ޤައުމާއެކު އޮންނަ ދަތުރުފަތުރުގެ ގުޅުން ކުވައިތުންވަނީ މެދުކަނޑާލައިފައެވެ.