ޚަބަރު

އިންޑިޔާގައި ޑޮކްޓަރުކަމާއި ނަރުސްކަން ކިޔަވާ ދަރިވަރުން ކުރީ ސަފަށް


އިންޑިޔާގައި ޑޮކްޓަރުކަމާއި ނަރުސްކަން ކިޔަވަމުންދާ ދަރިވަރުންގެ އިމްތިޙާނު ފަސްކޮށް ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް އެ ކުދިން ކުރީ ސަފަށް ނެރެފިއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 20.2 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 221،666 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ދުވާލަކު ބަލިޖެހޭ މީހުންގެ ޢަދަދު 300،000އަށްވުރެ މަތީގައި އޮންނަތާ ވިދިވިދިގެން 12 ދުވަސްވަނީ ވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި 370،059 މީހުންނަށް ކޯވިޑް-19 ޖެހި 3،422 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދުތަކަށްވުރެ ދިހަގުނަ އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.

އިންޑިޔާގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވުމުން އެ ޤައުމުގެ ހަސްފަތާލުތަކުންވަނީ ޖާގަ ހުސްވެފައެވެ. ހަސްފަތާލުތައް ފުރި ފަރުވާ ނުދެވުމުން އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކުވެސް މަރުވެއެވެ. ފަރުވާ ދިނުމަށް ބޭނުންވާ އޮކްސިޖަނާއި ބޭސް ލިބުމުގައި އެ ޤައުމުން ދަތިތަކަކާ ކުރިމަތިލާންވަނީ ޖެހިފައެވެ. އަދި ހަސްފަތާލުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންވެސްވަނީ މަދުވެފައެވެ. އެހެންކަމުން ދަރިވަރުންގެ އިމްތިޙާން ފަސްކުރުމުން ކޯވިޑް-19އަށް ފަރުވާ ދިނުމުގައި މަސައްކަތްކުރާ ޞިއްޙީ އެހީތެރިންގެ ޢަދަދު އިތުރުވާނެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިންޑިޔާގެ 11 ސްޓޭޓެއްވަނީ ފުރަބަންދުކޮށް އެ ސްޓޭޓުތަކުން އެހެން ސަރަޙައްދުތަކަށް ދަތުރުކުރުން މަނާކޮށްފައެވެ. އިންޑިޔާގައި ފެތުރެމުންދާ ކޯވިޑް-19ގެ އައު ވައްތަރު މިހާތަނަށް 17 ޤައުމަކުން ފެނިފައިވެއެވެ. އެއާއެކު އިންޑިޔާއިން ދަތުރުކުރުން ވަރަށް ގިނަ ޤައުމުތަކުންވަނީ މަނާކޮށްފައެވެ.