ޚަބަރު

މަދަނީ އިޖުރާއަތުގެ ބިލް ފުރިހަމަކުރުމަށް މަޖިލީހަށް އެއްބާރުލުން ދޭނަން: އޭޖީ


މަދަނީ އިޖުރާއަތުގެ ބިލަކީ، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ތަރުތީބުވެގެންދާނެ ގޮތް ކަނޑައަޅައިދޭ މައިގަނޑު ބިލު ކަމުގައިވާތީ، އެ ބިލް ޤާނޫނަކަށް ހެދުމަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރުން ދެމުން ގެންދާނެ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާފައިވާ މަދަނީ އިޖްރާއަތުގެ ބިލު ފާސްކުރުން ލަސްވެގެން ދިޔުމަކީ އިންސާފު ލިބިދިނުމަށް އެޅިގެންދާ ހުރަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓިންވަނީ އެކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތުން އެކަން ލަސްވެގެންދާ ކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ބަންޑާރަ ނާއިބުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މަދަނީ އިޖުރާއަތުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިކަމަށާއި، އެބިލުގެ އިބްތިދާއީ ބަހުސްގެ މަރުޙަލާ ނިމި، ރައްޔިތުންގެ މަޖިލީހަށް ބިލު ބަލައިގަނެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވުނީ 12 ފެބުރުވަރީ 2020 ގައިކަން ފާހަގަކުރައްވާފައެވެ.

މަދަނީ އިޖުރާއަތުގެ ބިލަކީ 25 ޖޫން 2019 ގައި ސަރުކާރުން އިޢުލާނުކުރި ލެޖިސްލެޓިވް އެޖެންޑާގައި ހިމެނުނު މުހިންމު ބިލުތަކުގެ ތެރެއިން އެއް ބިލުކަމަށްވެސް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ. އެ ބިލު އެކުލަވާލުމުގެ މަސައްކަތަކީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރަންޖެހުނު މަސައްކަތެއް ކަމުން، އެ ބިލުގެ ކޮމިޓީ މަރުޙަލާގައި ބިލު އަލުން މުރާޖަޢާކޮށް ފުރިހަމަކުރުމުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ގުޅިގެން ބަންޑާރަ ނާއިބުގެ އޮފީހުން 2020 ވަނަ އަހަރު ކުރިއަށްގެންގޮސްފައިވާ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެ ބިލަކީ ގާތްގަނޑަކަށް ތިންސަތޭކައެއްހާ ޞަފްޙާގެ ބިލެއްކަމުން، ކޮމިޓީން ބިލު ދިރާސާކުރެއްވުމުގެ މަސައްކަތަށް ހުރަހަކަށްނުވާނެ އުސޫލުން، މަސައްކަތް ގެންދިޔުމުގެ ބޭނުމުގައި، އެ އޮފީހުން އެ ބިލު މުރާޖަޢާކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ، ބިލުގެ އެކި ބައިތައް ވަކިވަކިން މުރާޖަޢާކޮށް، ވަކިވަކި ބައިތަކަށް ގެންނަންޖެހޭ އިޞްލާޙެއްވާނަމަ، އެ ބައިތައް އިޞްލާޙުކުރުމަށްފަހު ކޮމިޓީއާ ޙިއްޞާކުރަމުންދާ ގޮތަށް، ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއްގެ ގޮތުގައިކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވިއެވެ.

އޭޖީ އޮފީހުން ވިދާޅުވީ، މަދަނީ އިޖުރާއަތުގެ ބިލަކީ، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ތަރުތީބުވެގެންދާނެ ގޮތް ކަނޑައަޅައިދޭ މައިގަނޑު ބިލު ކަމުގައިވާތީ، އެ ބިލުގެ މަސައްކަތް ޖުޑީޝިއަރީ ކޮމިޓީން ކުރިއަށްގެންދަވާއިރު، އެ ކޮމިޓީގެ މަސައްކަތުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން މިހާތަނަށް ސަރުކާރުން ދެމުންގޮސްފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް، އެ ކޮމިޓީއަށާއި ރައްޔިތުންގެ މަޖިލީހުގެ އެހެން ކޮމިޓީތަކަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރުން ދެމުންގެންދާނެކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވިއެވެ.