ކުޅިވަރު

ޓީޓީގެ ޖެނެރަލް ސެކެޓްރީ އިސްމާޢީލް ސުޖާއު މަގާމުން އިސްތިއުފާދީފި


ޓީޓީއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށްފަހު، ޓީޓީގެ ޖެނެރަލް ސެކެޓްރީ އިސްމާއިލް ސުޖާއު މަގާމުން އިސްތިއުފާދީފިއެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީއަކަށް އެންމެ ފުރަތަމަ ސުޖާއު ހަމަޖައްސާފައިވަނި 2016ވަނަ އަހަރުގައި އޭރުގެ ރައީސް ސީވީޑް އަހުމަދު ލަތީފްގެ ރައީސްކަމުގެ ދައުރުގައެވެ.

ސީވީޑް އަހުމަދު ލަތީފްގެ ދައުރަށްފަހު، މިހާރުގެ ރައީސް އަލީ ރަޝީދުގެ ދައުރުގައިވެސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީއަކަށް ހަމަޖައްސާފައިވަނި ސުޖާޢުއެވެ. ދެވަނަ ދައުރަކަށް އަލީ ރަޝީދު އިންތިހާބު ވީފަހުންވެސް އެސޯސިއޭޝަން ޖެނެރަލް ސެކެޓްރީގެ މަގާމް ފުރުއްވާފައިވަނީ ސުޖާޢުއެވެ. ޓީޓީގެ ޖެނެރަލް ސެކެޓްރީގެ މަގާމުން ސުޖާއު އިސްތިޢުފާދެއްވާފައިވަނީ އަމިއްލަ ކަންކަމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

މިމަހުގެ އެއްވަނަ ދުވަހު ސުޖާއު މަގާމުން އިސްތިޢުފާދިނުމަށްފަހު ސުޖާއު ވިދާޅުވީ މިހާރު އަމިއްލަ މަސައްކަތް ހުރި ގޮތުން އެސޯސިއޭޝަނަށް ގިނަ ވަގުތު ދެވެން ނެތްކަމަށެވެ. އަދި ޓީޓީގެ ޖެނެރަލް ސެކެޓްރީގެ މަގާމަކީ ވަރަށް ޒިންމާ ބޮޑު މަގާމަކަށްވާއިރު، އެމަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނީ ވަރަށް ގިނަ ވަގުތު އެކަމަށް ހުސްކޮށްގެންކަމަށްވާއިރު، މިހާރު އެވަރަށް ވަގުތު ދެވެން ނެތްކަމަށްވެސް ސުޖާޢު ވިދާޅުވިއެވެ. އަދި މީޑިޔާތަކުން އެސޯސިއޭޝަނާއި ޓީޓީގެ ހަބަރުތައް ކަވަރ ކުރުމުގައި ކުރެއްވި ބުރަ މަސައްކަތްތައް ސުޖާ ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫންކަމަށާއި އެސޯސިއޭޝަނަށް ވަގުތު ނުދެވޭތީ އެކަން ވަރަށް ކުރިންވެސް ޓީޓީގެ އެކްސްކޯއަށް ހިއްސާކޮށްފައިވާނެކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.

ފާއިތުވެގެން ދިޔަ އަހަރުތަކުގައި ޓީޓީއިން ހޯދާފައިވާ ކާމިޔާބީތަކުގައި ސުޖާއުގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ.