ގްލޯބަލް ޓްރެވަލް އެސެސްމަންޓް ސިސްޓަމް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަންއާއެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމް.އޯ.ޔޫގައި ސޮއިކޮށްފައިވަނީ މިއަދުު މެންދުރު ކަސްޓަމްސް ބިލްޑިންގްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން އެވެ.
ޖީ.ޓީ.އޭ.އެސް އަކީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާ އާއި ޔޫ.އެސް ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން ގުޅިގެން ޔޫ.އެން ސެކިއުރިޓީ ކައުންސިލްގެ ރިޒޮލިއުޝަން 2178 އާއި 2396 އަށް ރިއާޔަތްކޮށް އެޑްވާންސް ޕެސެންޖަރ އިންފޯމޭޝަން އަދި ޕެސެންޖަރ ނޭމް ރެކޯޑްސް އެސެސްކޮށް އެނެލައިޒްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމްއެކެވެ.
ސޮއިކުރެވުނު މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ޤާއިމްކުރެވިފައިވާ މި ސިސްޓަމް މެދުވެރިކޮށް އޭ.ޕީ.އައި/ޕީ.އެން.އާރު މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަންއާއި ޙިއްސާކުރުމެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖެއަށް އަންނަ ފަރާތްތަކުން ރާއްޖެއަށް އައުމާ އައުމުގެ ކުރިން އަދި އެ ދަތުރުކުރާ ފަރާތްތައް ޓިކެޓް ގަނެ ޓްރެވަލްކުރާ މަޢުލޫމާތުތައް ބޭނުންކުރާ ވަގުތުން ފެށިގެން މި ތިން މުއައްސަސާއަށްވެސް އެ މަޢުލޫމާތުތައް މި ސިސްޓަމް މެދުވެރިކޮށް ފަސޭހަކަމާއިއެކު ލިބޭނެކަމަށެވެ. އަދި މިކަމަށް އެހީތެރިވެދިން ޖަޕާނުގެ ސަރުކާރަށާއި ޔޫ.އެސްގެ ސަރުކާރަށާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ޚާއްސަ ޝުކުރެއް ކޮމިޝަނަރ ޖެނެރަލް އަދާކުރައްވާފައިވެއެވެ.
އަދި ހަމައެއާއިއެކު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސެއިން ވިދާޅުވީ އިމިގްރޭޝަނުން ލޯ އެންފޯސްމަންޓް ބޯޑަރ އޭޖެންސީއެއްގެ ހައިސިއްޔަތުން ވަރަށް ކުރީއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވީދުވަހަށް މިދުވަސް ވެގެންދާނެކަމަށެވެ. އަދި އިންޓަރ އެޖެންސީ އިތުރަށް ހަރުދަނާ ކުރުމަށް ރަނުގެ ބޮޅެއް މި ސިސްޓަމްގެ ސަބަބުން އެޅިގެންދާނެކަމަށްވެސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.
މީގެ ސަބަބުން ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަން އާއި ކަސްޓަމްސްއާއި ދެމެދު ފަސޭހަކަމާއިއެކު މަޢުލޫމާތު ބަދަލުކުރެވޭނެއެވެ.
މިކަމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އަދި އެހެނިހެން ކުށްތަކަށް އަރައިގަންނަ މީހުން ދެނެގަނެ އެމީހުންގެ މޫވްމަންޓްތައް އެ ކުށްތަކަށް އަރައިގަތުމުގެ ކުރިން މި ސިސްޓަމްގެ އެހީގައި ދެނެގަނެވޭނެ ކަމަށެވެ.
"އާންމުކޮށް މަސްތުވާތަކެތި، ނާކޮޓިކްސް، ޓެރެރިޒްމް އަދިވެސް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅުންހުންނަ ކުށްތަކާއި އަދި އަޅުގަނޑުމެންގެ ދިވެހިވެށީގަ ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ކުށްތަކަށް އަރައިގަންނަ ފަރާތްތައް ދެނެގަތުމާ އެފަރާތްތަކުގެ މޫވްމަންޓްތައް ތަންފީޒީ އިދާރާތަކުގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް އިނގިގެންދިއުން ވެގެންދާނީ އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ވަރަށް މުހިންމު ޓޫލްއަކަށް." ސީޕީ ހަމީދު ވިދާޅުވިއެވެ.
އަދި މި ނިޒާމް ޤާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިންގް އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުމާއި ބޭރުވުން ހުއްޓުވައި އަދި އެނޫނަސް ޤާނޫނާއި ޤަވާޢިދާއި ޚިލާފު ހަރަކާތްތަކަށް ފާރަވެރިވެ ދިވެހިރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަރުދަނާވެ، ބައިނަލްއަޤްވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް ރައްކާތެރި އަދި ލުއިފަސޭހަ މާޙައުލެއް ޤާއިމްކޮށްދިނުމާއި ޤާނޫނާއި ޤަވާޢިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ހަމައެއާއިއެކު މި ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ކަމާ ގުޅުންހުރި ސަރުކާރުގެ އިތުރު އިދާރާތަކާއިއެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި ކަސްޓަމްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.