ޚަބަރު

ކޯވިޑް-19ގެ ޙާލަތު ގޯސްވުމުން ސްރީ ލަންކާގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި


ސްރީ ލަންކާގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެން ފެށުމުން އެ ޤައުމުގައި ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ސްރީ ލަންކާގައި މިހާތަނަށް 111،753 މީހުންނަށް ކޯވިޑް-19 ޖެހި 696 މީހުންވަނީ މަރުވެފައެވެ. ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 1،891 މީހުންނަށް ބަލިޖެހިފައިވެއެވެ. އެއީ މިހާތަނަށް އެއް ދުވަހުގެ ތެރޭގައި އެ ޤައުމުގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ދުވަހެވެ. އެ ޤައުމުގައި ބޮޑަށް ފެތުރެނީ އިނގިރޭސިވިލާތުން ފެނިފައިވާ ކޯވިޑް-19ގެ ވައްތަރުކަމަށް އެ ޤައުމުން ބުނެއެވެ. އިނގިރޭސިވިލާތުގައި ފެތުރޭ ވައްތަރު ޖެހޭ މީހުން މަރުވާ މިންވަރު އިތުރެވެ.

ސްރީ ލަންކާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މެއި މަހުގެ 21ވަނަ ދުވަހާ ހަމައަށް ދީނީ އެއްވުންތަކާއި ކައިވެނި ހަފުލާތައް ބޭއްވުންވަނީ މަނާކޮށްފައެވެ. އަދި އާންމު އެއްވުންތަކާއި ޙަރަކާތްތައް ބޭއްވުންވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން މަދަރުސާތަކާއި ސިނަމާތަކާއި ޕާކުތަކާއި ޕޫލުތަކާއި ސްޕާތައްފަދަ ތަންތަންވެސްވަނީ މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައެވެ. ވިޔަފާރިތައް ހުޅުވާފައި ބެހެއްޓެނީ މުވައްޒަފުންނާއި ޚިދުމަތް ހޯދާ މީހުންގެ ޢަދަދު ތަނުގެ ޖާގައިގެ 25 އިންސައްތައަށްވުރެ އިތުރު ނުވާނަމައެވެ.