ޚަބަރު

މިރޭ ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފެބްރުއަރީމަހު ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެކަނި


މިރޭ ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފެބްރުއަރީމަސް ތެރޭ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެކަނިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ހަމަވެފައިވާ ނުވަތަ ހަމަވާން ކައިރިވެފައިވާ ފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުން، މިރޭ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނީ ހަމައެކަނި ފެބްރުއަރީމަސް ތެރޭ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށްކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ ވެކްސިން ދިނުން ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގައިކަމަށެވެ. އަދި ނަންބަރު ދޫކުރުމުގައި ވެކްސިން ކާޑާށް ބެލެވޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިބަދަލަކީ ކިއު ބޮޑުވުމާއި އަދި 12 ހަފްތާ ވާ ފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުން ގެނެވޭ ބަދަލެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި 12 ހަފްތާ ވާ ފަރާތްތަކަށް ވެކްސިން ދެވޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.