ކުޅިވަރު

އާސެނަލް އާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލްއާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށްފިއެވެ. ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލް ކާމިޔާބުކުރީ 2 ލަނޑު ސުން ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މިގޮތުން މެޗްގެ ވަރަށް ކުރީކޮޅު އާސެނަލްއިން ލަނޑެއް ޖަހާ ލީޑު ނެގުމާއެކު ނިއުކާސްލްއަށް މިމެޗްގައި ގިނަ އުނދަގޫ ތަކަކާއި ކުރިމަތިވެގެންދިޔައެވެ. މިލަނޑު މެޗްގެ 5 ވަނަ މިނެޓްގައި އާސެނަލްއަށް ކާމިޔާބުކޮށްދިނީ މުހަންމަދު އެލްނެނީއެވެ. މިއީ އެލްނެނީ އާސެނަލްއަށް ޕްރިމިއަރ ލީގުގައި ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މިމެޗްގައި އާސެނަލްގެ ދެވަނަ ލަނޑު ޖަހައިދިނީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ފުރަތަމަ މެޗް ކުޅެމުންދިޔަ ޕިއޭ އެމެރިކް އައުބެމެއާންގްއެވެ. އައުބެމެއާންގްއަށް މެލޭރިއާ ޖެހުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދުމަށް ކުޅުމާއި ދުރުގައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ. މިމެޗްގެ ފަހު މިނެޓްގައި ނިއުކާސްލްގެ ފަބިއަން ޝާ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ. މިމެޗްގައި ނިއުކާސްލްއަށް އެޓީމް ފަހަކަށް އައިސް ދައްކަމުންދާ މޮޅު ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު އާސެނަލް މިހާރުވަނީ ކުޅުނު 34 މެޗުން ލިބިފައިވާ 49 ޕޮއިންޓާއެކު ތާވަލްގެ ނުވަވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ނިއުކާސްލް އުޅެނީ ކުޅުނު 34 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ. މި މުބާރާތުގައި ރޭ ކުޅުމަށް ހަމަޖެހިފައިވި އެންމެ ފޯރިގަދަ މެޗްކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލްގެ މެޗްވަނީ ޔުނައިޓެޑްގެ ސަޕޯޓަރުން ކްލަބްގެ ވެރިންނާއި ދެކޮޅަށް ހިތްހަމަ ނުޖެހުން ފާޅުކުރުމަށް ބޭއްވި ސުލްހަވެރި އެއްވުން ހޫނުވެ ކޮންޓްރޯލުން ނައްޓާ ކުޅިބެލުންތެރިން ދަނޑު ތެރެއަށް ވަދެގަނެ ހެދުމުގެ ސަބަބުން ފަހުގެ ތާރީހަކަށް ފަސްކޮށްފައެވެ.