ކުޅިވަރު

އިޓާލިއަން ސެރީއާގެ ޗެމްޕިއަންކަން އިންޓަރ މިލާނުން ހޯދައިފި


އިޓާލިއަން ސެރީއާގެ ޗެމްޕިއަންކަން އިންޓަރ މިލާނުން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން އިންޓަރއަށް މިލިބުނީ އެންމެ ގާތުން ވާދަކުރި އެޓަލާންޓާ ރޭ ކުޅުނު މެޗުން މޮޅުނުވެވުމުންނެވެ.

އިޓާލިއަން ސެރީއާގެ ޗެމްޕިއަންކަން އިންޓަރއަށް ލިބިގެންދިޔައީ 11 އަހަރުގެ މެދުކެނޑުކަމަށްފަހުއެވެ. އިންޓަރއިން މިހަފްތާ ބަންދުގައި ކްރޮޓޯނޭ އާއި ބައްދަލުކުރިމެޗް ކާމިޔާބު ކުރުމާއެކު އެޓަލާންޓާ އާއި އެޓީމާއި ދެމެދު 13 ޕޮއިންޓުގެ ލީޑެއް އޮތީ ލިބިފައެވެ. އަދި ލީގުގައި ބާކީ ކޮންމެ ޓީމަކަށް ހަތަރު މެޗް އޮތުމާއެކު އިންޓަރއާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރެވޭނެ އެހެން ޓީމެއް މިހާރު ނެތެވެ. އެޓަލާންޓާ އާއި ސޮސޮއުލޫ ރޭ ބައްދަލުކުރިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. މިދިޔަ ސީޒަންގައިވެސް އިންޓަރއަށް ސެރީއާގެ ޗެމްޕިއަންކަން ނުލިބި ގެއްލިގެންދިޔައީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ.

މިފަހަރު އިންޓަރއިން ލީގު ކާމިޔާބު ކުރުމާއެކު އިޓާލިއަން ސެރީއާގައި ޔުވެންޓަސްއިން ކުރަމުންދިޔަ ރަސްކަން މިވަނީ މިވަގުތަށް ނިމުމަކަށް އައިސްފައެވެ. ޔޫވޭއިން ވަނީ ވޭތުވެދިޔަ 9 ސީޒަންގައި ސެރީއާ ކާމިޔާބުކޮށްފައެވެ. އަދި ޔޫވޭއާއި ކައިރި ކުރާ ޓީމެއްވެސް ގިނަ ސީޒަންގައި ފެނިގެން ގޮސްފައެއް ނުވެއެވެ. މިއީ 2010 ވަނަ އަހަރު އިންޓަރގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ހުރިއިރު ސެރީއާ އާއި ޗެމްޕިއަންސް ލީގު އިންޓަރ އިން ކާމިޔާބުކުރިފަހުން ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.