ޚަބަރު

ވަރުގަދަ ކުރިމަތިލުންތަކެއްގައި ޠާލިބާނުންގެ 100 ހަނގުރާމަވެރިން މަރުވެއްޖެ


އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާއި ޙައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޠާލިބާން ޖަމާޢަތާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ. އެ ކުރިމަތިލުންތައް ހިނގާފައިވަނީ އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އަންނަ މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ޖެހެއެވެ. އެ އެއްބަސްވުމުގެ ދަށުން ފާއިތުވި އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިންވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ނަމަވެސް 2،500އެއްހާ އެމެރިކާގެ ސިފައިން އަދިވެސް އަފްޣާނިސްތާނުގައި އެބަ ތިއްބެވެ. ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގެންދަވާނެކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންވަނީ އިޢުލާނުކުރައްވައިފައެވެ. އަފްޣާނިސްތާނުގައި ތިބި ނޭޓޯގެ ފައުޖުތައްވެސް ސެޕްޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އެ ޤައުމުން ބޭލުމަށް ނޭޓޯގެ މެންބަރު ޤައުމުތަކުންވަނީ ނިންމައިފައެވެ.

ސިފައިން ބޭލުމުގެ މަސައްކަތުގެ ދަށުން އެމެރިކާގެ އަސްކަރިއްޔާއިންވަނީ އަފްޣާނިސްތާނުގެ ހިލްމަންދު ޕުރޮވިންސުގައި ހުންނަ ކޭންޕު އެންތޮނިކު އަސްކަރީ މަރުކަޒު އަފްޣާނިސްތާނުގެ އަސްކަރިއްޔާއާ ޙަވާލުކޮށްފައެވެ. އެއާއެކު އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގައި ސަރުކާރުގެ ފައުޖުތަކާއި ޠާލިބާނުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. އަފްޣާނިސްތާނުގެ ދިފާޢީ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސަރުކާރުގެ ފައުޖުތަކާއި ޠާލިބާނުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ޠާލިބާނުންގެ 100އަށްވުރެ ގިނަ ހަނގުރާމަވެރިން މަރުވެފައިވާކަމަށެވެ. އެ ކުރިމަތިލުންތަކުގައި ޠާލިބާނުންގެ އިތުރު 52 ހަނގުރާމަވެރިން ޒަޚަމްވިކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

އެންމެ ފަހުގެ ކުރިމަތިލުންތަކާ ގުޅޭގޮތުން ޠާލިބާނުންގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ޙާލަތު ގޯސްވެފައިވަނީ ރަމަޟާން މަހަށްފަހު އަފްޣާނިސްތާނުގެ ޞުލްޙައިގެ މަޝްވަރާތައް އަލުން ފެށުމަށް ނިންމާފައިވަނިކޮށެވެ.