ޚަބަރު

ސަރަޙައްދީ އިންތިޚާބުތަގައި ބީޖޭޕީއަށް ބޮޑު ނާކާމިޔާބީއެއް


އިންޑިޔާގެ ސަރަޙައްދީ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުތަކުގައި ވެރިކަންކުރާ ބީޖޭޕީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި ސަރަޙައްދީ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު މިފަހަރު ބާއްވާފައިވަނީ އިންޑިޔާގެ ފަސް ސްޓޭޓެއްގައެވެ. އެގޮތުން އިންތިޚާބު ބާއްވާފައިވަނީ ވެސްޓު ބެންގާލާއި އައްސާމާއި ކެރެލާއާއި ޓަމިލް ނާޑޫއާއި ޕޮނޑިޗެރީގައެވެ.

އިންޑިޔާގެ ވެރިކަންކުރާ ޕާޓީއަށް އަޣުލައްބިއްޔަތު ލިބުނީ ހަމައެކަނި އައްސާމު ސްޓޭޓުންނެވެ. ބީޖޭޕީންވަނީ އައްސާމުގެ ޤާނުނުހަދާ މަޖިލީހުގެ 126 ގޮނޑީގެ ތެރެއިން 60 ގޮނޑި ކާމިޔާބުކޮށްފައެވެ. ޕޮނޑިޗެރީގެ އަޣުލައްބިއްޔަތު ހޯދާފައިވަނީ ބީޖޭޕީއާ އިއްތިޙާދުވެފައިވާ އޯލް އިންޑިޔާ ނޭޝަނަލް ކޮންގްރެސް ޕާޓީންނެވެ. ނަމަވެސް ކެރެލާގައި ކުރި ހޯދީ ލެފުޓު ޑިމޮކްރަޓިކް ފުރަންޓުންނެވެ. ބީޖޭޕީގެ މައްޗަށް ޓަމިލް ނާޑޫގައި ކާމިޔާބު ހޯދީ ސަރަޙައްދީ އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ ޑީއެމްކޭއެވެ. އަދި ވެސްޓު ބެންގާލުގައި ކުރި ހޯދީ އޯލް އިންޑިޔާ ޓަރައިނަމޫލް ކޮންގްރެސުންނެވެ.

ވެސްޓު ބެންގާލުގެ ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ކާމިޔާބުކުރުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. އަދި ލިބުނު ނާކާމިޔާބަކީ މޯދީއަށާއި ބީޖޭޕީއަށް ލިބޭނެ ވަރަށް ބޮޑު ދެރައެއްކަމަށް ސިޔާސީ މަޝްރަޙު ދިރާސާކުރާ މާހިރުން ބުނެއެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ފަސް ސްޓޭޓުގެ ސަރަޙައްދީ އިންތިޚާބުން މޯދީއަށް އޮތް ތާޢީދު ވަރަށް ރަނގަޅަށް ސާފުވެއެވެ.

އިންޑިޔާގެ ފަސް ސްޓޭޓުގައި ބޭއްވި ސަރަޙައްދީ އިންތިޚާބުތަކުގައި އެ ޤައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ އިންޑިޔަން ނެޝަނަލް ކޮންގްރެސަށްވެސް ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއެވެ. ކޮންގްރެސުން ނެރުނު ބަޔާނެއްގައި ޕާޓީގެ ހިންގުން ހަރުދަނާކޮށް ކުރިއަށް އޮތް އިންތިޚާބުތައް ކާމިޔާބުކުރުމަށް މަސައްކަތްކުރަން ޖެހޭކަމަށް ބުނެފައިވެއެވެ.