މާލޭގައި ރޭ ކުރިއަށްދިޔަ މުޒާހަރާއެއް ކަވަކުރަން އުޅުނު ބައެއް ނޫސްވެރިންގެ ފަރާތުން ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތަކާއި ޚިލާފު އަމަލުތަކެއް ފެނުނުކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މީޑިއާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއް ބުނީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ދެކޮޅަށް ކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމާއި، ނޫސްވެރިންނާއި ބޭއަދަބީ ބަހުން މުޙާތަބުކުރި މައްސަލަ ހުށަހެޅިފައިވާކަމަށާއި، އަދި އެކަން ކުއްވެރިކުރާކަމަށެވެ.
މީޑިއާ ކައުންސިލްގެ ބަޔާނުގައި މުޒާހަރާގެ ޙަބަރުތައް ގެނެސްދިނުމަށް ހަރަކާތްތެރިވި ނޫސްވެރިންގެ ފަރާތުންވެސް ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތަކާ ޚިލާފު މަންޒަރުތަކެއް ފެނުނުކަމަށާއި، އެކަންވެސް ކުށްވެރިކުރާކަމަށް ވަނީ ބުނެފައެވެ. މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިންނަކީ މަސައްކަތުގެ މާޙައުލުގައާއި މުޖުތަމައުގައި އުޅުމުގައިވެސް ވަކި މިންގަނޑުތަކެއް ހިފަހައްޓާ ނަމޫނާ ބަޔަކަށް ވާންޖެހޭ ބައެއްކަމަށެވެ. އަދި ނޫސްވެރިކަމުގެ އިމުގެ ތެރޭގައި އެމީހުން ކުރާ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގެނެވޭނެކަމެއް ނޫންކަމަށްވެސް ބަޔާނުގައިވެއެވެ.
ރޭގެ މުޒާހަރާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ އެކި އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލައި، ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ފުރިހަމަ ފަހިމާހައުލެއް ޤާއިމްކޮށްދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ޤާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އަބަދުވެސް ސަމާލުކަން ދިނުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ރޭ ކުރިޔަށްދިޔަ މުޒާހަރާއަކީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖެކެވެ. އަދި ނަހަމަގޮތުގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ހުއްޓުވަން މަސައްކަތްކޮށްފައެވެ.