ޚަބަރު

ޕީއެސްއެމް ނިއުސް : 24 ގަޑިއިރު ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި 4 އަހަރު


ޕަބްލިކް ސަރވިސް މީޑިއާގެ ނިއުސް ޗެނަލް ޕީއެސްއެމް ނިއުސްއަކީ ފިލްމާއި ޑްރާމާއާއި ލަވަ ޕްރޮގްރާމްތައް ނުހިމަނައި ހަމައެކަނި ޚަބަރާއި ކަރަންޓް އެފެއާޒަށް ޚާއްޞަކޮށްގެން، 24 ގަޑިއިރު މެދުކެނޑުމެއްނެތި ރާއްޖޭގައި މިހާތަނަށް ހިންގާ ހަމައެކަނި ނިއުސް ޗެނަލެވެ.

2017ވަނަ އަހަރުގެ މެއިމަހުގެ 3ވަނަ ދުވަހު އިފްތިތާހްކުރި ޕީއެސްއެމްގެ ނިއުސް ޗެނަލް ހިންގުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއާއި ދުނިޔޭގައި ހިންގާ ކަންކަމުގެ ތެދު މަޢުލޫމާތު ތާޒާކަމާއެކު ވީހާ އަވަހަކަށް ގެނެސްދިނުމާއެކު ދޮގު ޚަބަރުގެ ސަބަބުން މުޖުތަމަޢަށް ލިބިދާނެ ގެއްލުމުން ރައްޔިތުން ސަލާމަތްކުރުމާއި ފިތުނަ އުފެއްދުމުގެ ޖާގަ ހަނިކުރުމެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ތަރައްޤީއާއި އިޖުތިމާޢީ ޙަރަކާތްތައް މުޅިރާއްޖެއަށް ގެނެސްދިނުމަކީވެސް ޕީ.އެސް.އެމް ނިއުސް އެފެއްދުމުގެ މުހިންމު މަޤްޞަދެކެވެ.

ޕަބްލިކް ސަރވިސް މީޑިއާ އުފެދުނު ފަހުން 4 އަހަރު ފާއިތުވެގެން ދިޔައިރު، ނިއުސް ޗެނަލް އުފެއްދުމަކީ ޕީ.އެސް.އެމްގެ ހަޔާތުގައި ގިރާކުރި މުހިންމު ހަރުފަތެކެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމާ ގުޅޭ މައުލޫމާތާއި، ރައްޔިތުންނާ ގުޅުން ހުރި ކޮންޓެންޓް މުއްސަނދިކޮށް، ބްރޯޑްކާސްޓްކުރުމަށް ޕީ.އެސް.އެމުން ކުރަމުންގެންދާ މަސައްކަތްތަކަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ. ފާއިތުވެދިޔަ 4 އަހަރު ދުވަހު ކޮންމެ ދުވަހަކު 24 ގަޑިއިރު ޕީ.އެސް.އެމް ނިއުސް ޗެނަލް އެއްވެސް މެދުކެނޑުމެއް ނެތި ވަނީ ބްރޯޑްކާސްޓް ކޮށްފައެވެ. މި ޗެނަލްގެ ޚިދުމަތް އެޗްޑީ ކޮލިޓީގައިވެސް ލިބެމުންދެއެވެ.

މިވީ އަހަރުތަކުގައި ރައްޔިތުންނަށް ޚަބަރާއި ކަރަންޓް އެފެއާރޒް މައުލޫމާތު ގެނެސްދޭ ޕްރޮގްރާމްތަކުގެ ޢަދަދުވެސް މީގެކުރިން އިތުރު ނުވާ މިންވަރަށް ނިއުސް ޗެނަލް އުފެދުމާއެކު ވަނީ އިތުރުވެފައެވެ. ޕީ.އެސް.އެމްގެ އެހެން ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުގެ ކޮންޓެންޓަށްވެސް ޕީ.އެސް.އެމް ނިއުސްގެ ސަބަބުން ބޮޑު މުއްސަނދިކަމެއް ވަނީ އައިސްފައެވެ. މިގޮތުން ތަފާތު ޕްރޮގްރާމްތަކާއި ޑޮކިއުމެންޓްރީތައް އުފައްދާ އަންނަނީ ގެނެސްދެމުންނެވެ. މީގެ ތެރޭގައި ޤައުމަށް ދިމާވާ މުހިންމު ކަންކަމާ ގުޅޭ ޚާއްޞަ ލައިވް ކަވަރޭޖްތަކާއި ކަރަންޓް އެފެއާރޒް ޕްރޮގްރާމްތައް ވަނީ ގެނެސްދީފައެވެ. ޚާއްޞަ ގޮތެއްގައި ބްރޭކިން ނިވްސްއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކަންކަމުގެ އެންމެ ފަހުގެ ތަފްސީލީ ޞައްޙަ މައުލޫމާތު ވަގުތުން ވަގުތަށް ޕީ.އެސް.އެމް ނިއުސް ޗެނަލުން ގެންދަނީ ހުއްޓުމެއްނެތި ގެނެސްދެމުންނެވެ.

މިއަދު ރާއްޖެއާއި މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައި މިވާ ކޯވިޑް-19ގެ ނުރައްކާތެރި މިދަނޑިވަޅުގައިވެސް އެންމެ ފަހުގެ ޙާލަތާއި، މި ބަލިމަޑުކަމާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު ގެނެސްދިނުމުގައި ޕީއެސްއެމް ނިއުސް ޗެނަލްގެ ޓީމުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރައްޔިތުން ހޭލުންތެރިކުރުމަށް ތަފާތު މައުލޫމާތާއި، ޚަބަރު ގެނެސްދިނުމުގެ އިތުރުން ލައިވްކަވަރޭޖާއި، ކޮންޓިނިއުޓީ ޝޯވްތައް ވަނީ ގެނެސްދީފައެވެ.

މިބަލީގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން ޚާއްސަ ކަވަރޭޖެއް ފަށައި، މާލެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ޕީއެސްއެމް ނިއުސްއިންވަނީ ކޮންޓިނިއުޓީ ޝޯއެއް ފަށައި ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ގެނެސްދިނުން ވަރުގަދަކޮށްފައެވެ. އެގޮތުން ބްރޭކިންގ ނިއުސްއާ ޚަބަރު ގަޑިތަކުގައިވެސް މިބަލިމަޑުކަމުގެ އެންމެ ތަފްސީލް އަދި ފަހުގެ މައުލޫމާތުތައް އަންނަނީ ގެނެސްދެމެނުންނެވެ. ކޯވިޑް އާ ގުޅިގެން މުޅި ޤައުމު ބަންދުވެފައި އޮތް ދަނޑިވަޅުގައި ޕީއެސްއެމް ނިއުސްގެ މަދު މުވައްޒަފުންނާއި އެކު އޮފީހުގައި ބަންދުވެ ތިބެ ގޭގައި ތިބި ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތުތައް ގެނެސްދިނުމުގައި ޕީއެސްއެމްވަނީ ނަމޫނާ ދައްކާފައެވެ.

ކޯވިޑް-19ގެ ސަބަބުން މަހަކަށްވުރެ ގިނަދުވަހު ސްޓޭޝަންގައި ފުރަބަންދުގައި ބައެއް މުވައްޒަފުންތިބިއިރު އެމީހުންގެ މަސައްކަތުގައި ބައިވެރިވެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ގޭގައި ތިބި މުވައްޒަފުންވެސް މަސައްކަތް ކޮށްފައިވެއެވެ. މިއީ މީގެކުރިން ނިއުސްޓީމުން ކޮށްފައިނުވާ އައު ތަޖުރިބާއެކެވެ.

ފުރަބަންދުގަައި އަޅުގަނޑުމެންގެ ސްޓޭޝަން ވެފައިވަނީ ދިރިއުޅުމުގެ ހުރިހާކަމެއް ކުރާ ތަނެއްގެ ގޮތުގައެވެ. އަޅުގަނޑުމެންގެ އޮތީ އެންމެ ބޭނުމެކެވެ. އެއީ ތެދުވެރިކާމާއެކު ޤައުމުގެ ޙާލަތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ. ޚަބަރާއި މަޢުލޫމާތު ފެތުރުން ހުއްޓުނަ ނުދިނުމެވެ.

މިއީ ޕީއެސްއެމް ނިއުސްގެ މިވީ ތާރީޚުގައިވެސް، މަސައްކަތްކުރާ އަދި މުވައްޒަފުންގެ ނޫސްވެރިކަމުގެ ހަޔާތުގައިވެސް ކުރި އެންމެ ތަފާތު ތަޖުރިބާއެވެ. ދަތި އުނދަގޫތަކާއެކުވެސް ޕީއެސްއެމް ނިއުސްގެ މިޓީމުގެ ބައިވެރިން ގެންދިޔައީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީ.އެސް.އެމް ނިއުސްގެ ޚިދުމަތް މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ސެޓަލައިޓް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ނިއުސް ޗެނަލްގެ ޚިދުމަތް ދެމުންގެންދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެގޮތުން ރާއްޖޭގެ ޓީވީ ސްޓޭޝަނެއްގައި ހުރި އެންމެ ބޮޑު ޑިޖިޓަލް ޑިސްޕްލޭ ހުރީ ޕީ.އެސް.އެމް ނިއުސް ސްޓޫޑިއޯގައެވެ. އަދި ފެށުނީއްސުރެވެސް ނިއުސް ޗެނަލްގެ ޚިދުމަތް އެޗްޑީކޮށް ދެމުންދާއިރު، އެޗްޑީ ޚިދުމަތް ނުލިބޭ ސަރަހައްދުތަކަށް ޕީ.އެސް.އެމް ނިއުސް އެސްޑީވެސް ވަނީ ތަޢާރަފްކޮށްފައެވެ.

އަޅުގަނޑުމެންގެ މަޤުސަދަކީ ކޮންމެ ޙާލެއްގައިވެސް އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމެވެ. އަޅުގަނޑުމެން އިސްކުރާނީ ޤައުމީ މަސްލަޙަތެވެ.