ޚަބަރު

އިންޑިޔާގައި ކޯވިޑް-19 ޖެހިގެން މިނެޓަކު 2 މީހުން މަރުވަނީ


އިންޑިޔާގައި ކޯވިޑް-19 ޖެހިގެން މިނެޓަކު 2 މީހުން މަރުވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 19.5 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 215،542 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ ދުވާލަކު 300،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހޭތާ ވިދިވިގިގެން ދިހައަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އަދި ދުވާލަކު 3،000އަށްވުރެ ގިނަ މީހުން މަރުވާތާ ވިދިވިގިގެން ހަތަރު ދުވަސްވަނީ ވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި 392،562 މީހުންނަށް ކޯވިޑް-19 ޖެހި 3،689 މީހުންވަނީ މަރުވެފައެވެ. އެއީ އެ ޤައުމުގައި އެއް ދުވަހުގެ ތެރޭގައި އެހާ ގިނަ ޢަދަދެއްގެ މީހުން މަރުވި ދުވަހެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެޜޭގައިވެސް އޮކްސިޖަން ނުލިބުމުގެ ސަބަބުން އިންޑިޔާގެ ނިޔު ދިއްލީއާއި އަންދުރަ ޕުރަދޭޝާއި ހަރިޔާނާގައި 34 މީހުންވަނީ މަރުވެފައެވެ. ހަސްފަތާލުތަކުގެ ޖާގަ ފުރުމުގެ ސަބަބުން ފަރުވާ ނުދެވުމުން ގިނަ ޢަދަދެއްގެ މީހުންވަނީ މަރުވެފައެވެ. ހަސްފަތާލުތަކުގައި ތިބި މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން މަރުވަނީ ޞިއްޙީ ސާމާނު ނެތުމުންނެވެ.