ޚަބަރު

މަސްތުވާ ތަކެއްޗާއެކު 5 މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާއެކު 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މަހުގެ 28ވަނަ ދުވަހު ފުލުހުން ވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގައި މާފަންނުން ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ވަނީ ފެނިފައެވެ. އެގޮތުން ފިލްމު ހުސްކުރި ހަތަރު ދަޅާއި، 18 ސެލޯފިންކޮޅާއި، 84 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން 22 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގައި އޭޕްރީލް މަހުގެ 29ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މައްޗަންގޯޅި ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް އަޅާފައިހުރި ފިލްމު ހުސްކުރި ދަޅަކާއި، ދެ ސެލޯފިންކޮޅާއި، ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލާގައި 24 އަހަރާ 29 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކުރިކަމަށް ފުލުހުން ވިދާޅުވެއެވެ.

ހަމައެއާއެކު، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރ.އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ފުލުހުން ފާސްކުރިއެވެ. އެއީ އޭޕްރީލް މަހުގެ 30ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްކަމަށް އެބޭފުޅުން ހާމަކުރައްވައެވެ. މި އޮޕަރޭޝަން ހިންގީ މީދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެންނެވެ. އެ ދޯނި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި، ޖޫސްޕެޓީ ކޮތަޅަކާ އަދި ހަތް ރަބަރު ޕެކެޓު ފެނުކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލާގައި 35 އަހަރުގެ ފިރިހެނެއް ހައްޔަރުކުރިކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަތައް އިތުރަށް ތަޙްޤީޤުކުރަމުން ގެންދާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.