ކުޅިވަރު

ޕެލަސް ބަލިކޮށް ލީގު ކާމިޔާބު ކުރުމާއި ގާތަށް ސިޓީ


އިންގްލިޝް ޕްރިމިއަރ ލީގުގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް ކާމިޔާބުކޮށް ލީގު ކާމިޔާބު ކުރުމާއި ސިޓީ ވަރަށް ގާތަށް ޖެހިލައިފިއެވެ. ޕޮއިންޓް ތާވަލް މިހާރު އޮތް ގޮތުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑް މިރޭ ބައްދަލުކުރާ މެޗުން ލިވަޕޫލް މޮޅުވެއްޖެ ނަމަ ސިޓީއަށް ޕްރިމިއަރ ލީގު މިފަހަރު ކާމިޔާބު ކުރެވޭނެއެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ރޭ ކުޅުނު މެޗް ސިޓީ ކާމިޔާބުކުރީ 2 ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗަށް ސިޓީއިން ނެރުނު ޓީމަށް ވަނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު ޓީމަށް 8 ބަދަލެއް ގެނެސްފައެވެ. މި ބަދަލުތަކާއެކުވެސް މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ސިޓީއަށް މާ އެދެވޭ ރަނގަޅު ކުޅުމެއް ދެއްކުނު ތަނެއް ނުފެނުނެވެ. އޭގެ ބަދަލުގައި ކްރިސްޓަލް ޕެލަސްއިން ކޮންމެވެސް ވަރަކަށް ސިޓީގެ ގޯލަށް ނުރައްކާ ކުރިތަން ފެނިގެންދިޔައެވެ. ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ސިޓީއިންވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ކްރިސްޓަލް ޕެލަސްގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. ނަތީޖާއަކަށްވީ ސިޓީގެ ތަޖްރިބާ ކާރު ފޯވަޑް ސަރޖިއޯ އަގުއެރޯ މެޗްގެ 57 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ސިޓީއަށް ލީޑު ނަގައިދިނުމެވެ. މިއީ މިފަހަރުގެ ޕްރިމިއަރ ލީގުގައި ކުޅުމުގެ ތެރެއިން އަގުއެރޯ ސިޓީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މިލަނޑު ޖެހިތާ 2 މިނެޓް ފަހުން ފެރާން ޓޯރޭޒްވަނީ ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިހާފްގައި ސިޓީއަށް މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

މިކާމިޔާބީއާއެކު ސިޓީއަށް މިހާރުވަނީ ކުޅުނު 34 މެޗުން 80 ޕޮއިންޓް ލިބިފައެވެ. އަދި އެންމެ ގާތުން ވާދަކުރާ ޔުނައިޓެޑަށް ލިބިފައިވަނީ 33 މެޗުން 67 ޕޮއިންޓެވެ. އެހެން ކަމުން މިރޭގެ މެޗުން ޔުނައިޓެޑް ބަލިވެއްޖެނަމަ ސިޓީއަށް ލީގު ކާމިޔާބު ކުރެވޭނެއެވެ. އެއީ ބާކީ ކޮންމެ ޓީމަކަށް ހަތަރު މެޗް އޮތްއިރު ޔުނައިޓެޑަށް ސިޓީއާއި އަރާ ހަމަ ނުކުރެވޭނެތީއެވެ. މިދިޔަ އަހަރުގެ ސީޒަންގައި ލިވަޕޫލަށް ޗެމްޕިއަންކަން ލިބިގެންދިޔައީވެސް މިފަދަ ގޮތަކަށެވެ. މިގޮތުން މިދިޔަ ސީޒަންގައި ލިވަޕޫލަށް ޗެމްޕިއަންކަން ލިބިގެން ދިޔައީ ސިޓީ އާއި ޗެލްސީ ބައްދަލުކުރިމެޗުން ސިޓީ ބަލިވުމުންނެވެ. ނަމަވެސް އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލުއިން ސިޓީގެ އެންމެ ވާދަވެރި ޔުނައިޓެޑް ބަލިކޮށްފި ނަމަ ސިޓީ އަށް ލީގު ކާމިޔާބު ވެގެންދިއުން މިއީ އާދަޔާ ހިލާފް އިއްތިފާގެކެވެ. މިރޭގެ މެޗުން ލިވަޕޫލް މޮޅު ނުވި ނަމަވެސް ސިޓީއަށް ޗެމްޕިއަންކަން ހޯދުމަށް ބާކީ އޮތް ހަތަރު މެޗުން ބޭނުންވަނީ ދެ ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ކްރިސްޓަލް ޕެލަސް އުޅެނީ ކުޅުނު 33 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.