ޚަބަރު

މި ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު، ވައްކަމުގެ މައްސަލަތައް އިތުރު


ވޭތުވެދިޔަ 3 އަހަރާ އަޅާބަލާއިރު މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް ހުށައެޅި ވައްކަމުގެ މައްސަލަތައް އިތުރުވެފަވާކަން ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ.

ފުލުހުން ޢާއްމުކޮށްފައިވާ ވޭތުވެދިޔަ 3 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ވައްކަމުގެ 277 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މިއީ މިދިޔައަހަރުގެ ރަމަޟާންމަހާ އަޅާބަލާއިރު 216 މައްސަލަ އިތުރު ޢަދަދެކެވެ.

ފުލުހުންގެ ތަފާސްހިސާބަށް ބަލައިލާއިރު އަތޮޅުތަކުގެ ތެރެއިން ހއ، ހދ، ށ، އަތޮޅަކީ ވައަކަމުގެ މައްސަލަތައް ރިޕޯޓްކުރެވޭލެއް އެންމެގިނަ ސަރަހައްދެވެ. މި ސަރަޙައްދުން މި އަހަރު ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު 32 މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައިވެއެވެ.

މާލެއާއި އަތޮޅުތަކުން ޖުމުލަ 368 ވައްކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މާލެ ސަރަހައްދުން މުޅި ޖުމްލަ 843 ކުށުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު މާލެ ސަރަހައްދަކީ ކުށުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާލެއް އެންމެގިނަ ސަރަހައްދެވެ.

އަތޮޅުތަކަށް ބަލާއިރު ފުވައްމުލަކައި އައްޑޫ ސިޓީން ޖުމުލަ 140 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު އެއީ އަތޮޅުތަކުގެ ތެރެއިން ކުށުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅި އެންމެގިނަ ޕްރޮވިންސެވެ. ކުށުގެ މައްސަލަތައް އެންމެ މަދުން ހުށަހަޅާފައިވާ އެއް ސަރަޙައްދަކީ މ، ފ، ދ، މިއަތޮޅުތައް ހިމެނޭ ސަރަޙައްދުކަން ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ.

އަދި މިއަހަރު ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ވައްކަމުގެ މައްސަލަތައް އެންމެ މަދުން ފުލުހުހުންނަށް ހުށަހަޅާފައިވާ ސަރަޙައްދަކީ މ، ފ، ދ، މިއަތޮޅުތައް ހިމެނޭ ސަރަހައްދެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިސަރަޙައްދުން ވައްކަމުގެ ގޮތުގައި ފުލުހުންނަށް ހުށަހަޅާފައިވަނީ އެންމެ މައްސަލައެކެވެ.

ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. ޓްރެފިކް ޤަވާޢިދާއި ޚިލާފުވެގެންނާއި އެކްސިޑެންޓްތަކުގެ ގޮތުގައި 100 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މިއީ މިދިޔައަހަރުގެ ރަމަޟާންމަހާ އަޅާބަލާއިރު 77 މައްސަލަ އިތުރު އަދަދެކެވެ. އަދި އަތޮޅުތަކަށް ބަލައިލާއިރު ފުވައްމުލަކާއި އައްޑޫން ޓްރެފިކް އެކްސިޑެންޓްތަކުގެ 15 މައްސަލައެއް ހުށަހަޅާފައިވެއެވެ. މިއީ އަތޮޅު ތަކުގެ ތެރެއިން އެކްސިޑެންޓްތަކުގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓްކޮށްފައިވާ ސަރަަހައްދެވެ. އަދި ކ، އއ، އދ، ވ، މި އަތޮޅުތަކުން ޓްރެފިކް އެކްސިޑެންޓްތަކުގެ އެއްވެސް މައްސަލައެއް ފުލުހަށް ހުށަހަޅާފާ ނުވެއެވެ. މިބައިގައި ކ، އަތޮޅު ބަލާފައިވަނީ މާލެ ނުހިމަނައެވެ.

ތިންވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މާލެ ސަރަހައްދުން މަސްތުވާތަކެއްޗާއި ގުޅޭ 77 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަތޮޅުތަކުގެ ތެރެއިން މ، ފ، ދ، މިއަތޮޅުތައް ހިމެނޭ ސަރަހައްދުން 19 މައްސަލައެއް ހުށަހަޅާފައިވެއެވެ.

އެންމެ ގިނައިން މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓްކޮށްފައިވަނީ ކ، އއ، އދ، ވ، އަތޮޅު ހިމެނޭ ސަރަޙައްދުންނެވެ. މަސްތުވާތަކެތީގެ މައްސަލަތައް އެންމެ މަދުން ރިޕޯޓްކޮށްފައިވަނީ ތ، ލ، މިއަތޮޅުތައް ހިމެނޭ ސަރަޙައްދުންކަމަށް ތަފާސްހިސާބުން ދައްކައެވެ. އެއީ މަސްތުވާތަކެތީގެ 5 މައްސަލައެވެ.

މިއަހަރު ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ގެވެށިއަނިޔާގެ މައްސަލަތަކާއި ޖިންސީ ފުރައްސާރަ ކޮށްގެން ފުލުހަށް ހުށަހެޅި މައްސަލަތައްވެސް ވަނީ އިތުރުވެފައިކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މާލެ ސަރަހައްދުން ގެވެށިއަނިޔާގެ 13 މައްސަލައާއި ޖިންސީ ފުރައްސާރައިގެ 14 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަތޮޅުތަކަށް ބަލައިލާއިރު އާންމުކޮށް ގެވެށިއަނިޔާގެ މައްސަލަތަކާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ރިޕޯޓްކުރެވިފައިވާ ޢަދަދު މަދެވެ.

މިއަހަރު ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ތަފާތު އެކިކުށުގެ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ޖުމްލަ 13 މީހަކު ގެންގޮސްފައިވެއެވެ. އެގޮތުން ޢުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ ޢުމުރުފުރާގެ 4 މީހަކާއި، 30 އަހަރާއި 44 އަހަރާ ދެމެދުގެ ޢުމުރުފުރާގެ 8 މީހަކާއި، 45 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ވޭތުވެދިޔަ 2 އަހަރުގެ ރަމަޟާންމަހާ އަޅާބަލާއިރު މިއަހަރުގެ ރަމަޟާން މަހު ތަފާތު އެކި ކަހަލަ ކުށުގެ މައްސަލަތަކުގައި ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްވިފައިވާމީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ.