ކުޅިވަރު

ލީގު ކާމިޔާބު ކުރުމަށް އެޓްލެޓިކޯއިން ކުރަމުންދާ އުންމީދު އާކޮށްފި


ސްޕެނިޝް ލަލީގާގައ ޕޮއިންޓް ތާވަލްގެ އެއްވަނައިގައިއުޅޭ އެޓްލެޓިކޯ މެޑްރިޑާއި އެލްޗޭ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ލީގު ކާމިޔާބުކުރުމަށް އެޓްލެޓިކޯއިން ކުރަމުންދާ މަސައްކަތް ދަމަހައްޓަމުން އެބަދެއެވެ. އެލްޗޭގެ ދަނޑުގައި ރޭ ކުޅުނު މިމެޗް އެޓްލެޓިކޯ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެލްޗޭއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އެޓްލެޓިކޯއިންނެވެ. މިމެޗްގައި އެޓްލެޓިކޯއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހައިދިނީ ޔަނިކް ކަރެސްކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މާކޯސް ލޮރެންޓޭއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އެޓްލެޓިކޯއަށް ލިބި ބޭކާރު ވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. މިމެޗްގެ 90 ވަނަ މިނެޓްގައި އެޓްލެޓިކޯއަށް ލަނޑު ކާމިޔާބުކޮށްދިން ލޮރެންޓޭގެ އަތުގައި އެޓީމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ޖެހުމުން އެލްޗޭއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް އެލްޗޭގެ ފިޑެލް ޗާވޭޒް ފޮނުވާލި ޕެނަލްޓީ އެޓްލެޓިކޯގެ ކީޕަރަށް މަތަ ނުކުރެވުނު ނަމަވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

މިކާމިޔާބީއާއެކު އެޓްލެޓިކޯއަށް މިހާރުވަނީ ކުޅުނު 34 މެޗުން 76 ޕޮއިންޓް ލިބިފައެވެ. އަދި އެންމެ ގާތުން ވާދަކުރާ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބިފައިވަނީ 34 މެޗުން 74 ޕޮއިންޓެވެ. އަދި މިހާރު ކޮންމެ ޓީމަކަށް ބާކީ ހަތަރު މެޗް އޮތުމުން އަދިވެސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެޓްލެޓިކޯ އާއި ރެއާލް އަދި ބާސެލޯނާއަށް އޮތްކަން ފާހަގަކޮށްލެވެއެވެ. ބާރސާއަށް ލިބިފައިވަނީ 33 މެޗުން 71 ޕޮއިންޓްެވެ. ރެއާލް މެޑްރިޑް ވަނީ ރޭ އޮސަސޫނާ އާއި ބައްދަލުކުރިމެޗް 2 ލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައެވެ.