ކުޅިވަރު

ކްރޮޓޯނޭ ބަލިކޮށް ލީގު ކާމިޔާބު ކުރުމާއި ގާތަށް އިންޓަރ ޖެހިލައިފި


އިޓާލިއަން ސެރީއާގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ އިންޓަރ މިލާނާއި ކްރޮޓޯނޭ ރޭ ބައްދަލުކުރިމެޗް ކާމިޔާބުކޮށް 2010 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސެރީއާގެ ތަށި ކާމިޔާބުކުރުމާއި އިންޓަރ ވަރަށް ގާތަށް ޖެހިލައިފިއެވެ. ޕޮއިންޓް ތާވަލް މިހާރު އޮތް ގޮތުން އެޓަލާންޓާ އާއި ސަސޮއުލޫ މިރޭ ބައްދަލުކުރާ މެޗުން އެޓަލާންޓާއަށް މޮޅުނުވެވިއްޖެނަމަ އިންޓަރއަށް ލީގު ކާމިޔާބު ވާނެއެވެ.

ކްރޮޓޯނޭގެ ދަނޑުގައި ރޭ ކުޅުނު މެޗް އިންޓަރ ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ. މި މެޗްގައި އިންޓަރގެ ފުރަތަމަ ލަނޑު މެޗުގެ 69 ވަނަ މިނެޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަންއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ އަޝްރަފް ހަކީމީއެވެ. މީގެއިތުރުންވެސް މިމެޗްގައި އިންޓަރއަށް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔައެވެ.

މިކާމިޔާބީއާއެކު އިންޓަރއަށް މިހާރުވަނީ ކުޅުނު 34 މެޗުން 82 ޕޮއިންޓް ލިބިފައެވެ. އަދި އެންމެ ގާތުން ވާދަކުރާ އެޓަލާންޓާއާއި އިންޓަރ އާއި ދެމެދު 14 ޕޮއިންޓްގެ ތަފާތު މިވަގުތު އެބައޮތެވެ. އަދި މިރޭގެ މެޗުން އެޓަލާންޓާ މޮޅުވި ނަމަވެސް ސުކުޑެއްޓޯ ކާމިޔާބު ކުރަން އިންޓަރ އަށް ބާކީ އޮތް ހަތަރު މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ރޭގެ މެޗުން ބަލިވުމާއި އެކު ޕޮއިންޓް ތާވަލްގެ އެންމެ ފުލުގައި އޮތް ކްރޮޓޯނޭ މިހާރުވަނީ ސެރީ ބީ އަށް ރެލިގޭޓް ވެފައެވެ. އިންޓަރގެ ކޯޗް ކަމާއި އެންޓޯނިއޯ ކޮންޓޭ 2019 ވަނަ އަހަރު ހަވާލުވުމަށްފަހު ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޓީމަށް އަލުން ކާމިޔާބީ ހޯދައިދޭން ފަށާފައެވެ. މިގޮތުން މިދިޔަ ސީޒަންގައި ލީގުގެ ދެވަނަ މަގާމަށް އިންޓަރ ގެންގޮސްދިން އިރު މިފަހަރު މިވަނީ ލީގު ކާމިޔާބު ކުރުމާއި ވަރަށް ގާތަށް ގެންގޮސްދީފައެވެ.