ޖިންސީ ފުރައްސާރައާއި ދެކޮޅަށް ރޭ މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ތަހްޤީޤު ކުރަން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އަމުރުކުރައްވައިފިިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭގައި ކުރިޔަށް ދިޔަ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތުގެ ފުރިހަމަ ތަހުޤީޤެއް ކުރައްވާނެކަމަށެވެ. ފުލުހުންގެ ޤާނޫނުގެ ދަށުން ތަހުޤީޤުކުރުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށް އަންގާފައިވާކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އާންމުންގެ ކަންބޮޑުވުންތަކަށް ޤަދަރުކުރާކަމަށާއި، އެކަމަށް ޙައްލެއް ގެންނެސް ޕްރޮފެޝަނަލް ސްޓޭންޑަރޑަކަށް މައްސަލަ ބަލާނެކަމަށްވެސް ކޮމިޝަރ ވިދާޅުވިއެވެ.
I have ordered an inquiry in to the policing of last night’s protest against sexual harassment. I fully understand the public concerns and a thorough investigation into the circumstances and the actions of the officers concerned is now being carried out by Professional Standards.
— Mohamed Hameed (@M_Hameedh) May 2, 2021
ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ބައްލަވާނެކަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވެސް ވަނީ ވިދާޅުވެއެވެ.
މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރަން ޤާނުނުން ހުއްދަ ހާލަތުގައިވެސް އެ ބާރު ބޭނުންކުރަންޖެހޭނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިންކަމަށެވެ. އަދި ރޭ ހިނގި ހާދިސާގައި ފުލުހުން ބާރު ބޭނުންކުރުމުގެ މިންގަނޑުތަކާއި ހިލާފަށް އެއްވެސް ކަމެއް ހިންގާފައިވޭތޯ ބައްލަވާނެކަމަށްވެސް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
Fuluhun baaruge beynunkuran qaanoon huddhakuraa haalathugaives baaruge beynunkuranvaanee baaruge beynun kurumah kandaelhifa onna mingadugetherein. Mirey hingaadhia haadhisaagai use of force ge minganduthakaa khilaafah evves kameh hingaafa veytho balaanan iA.
— Imran Abdulla (@ShimranAb) May 1, 2021
ރޭގައި އާންމުން ކުރިޔަށް ގެންދިޔަ މުޒާހަރާއަކީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖެކެވެ. މި އހްތިޖާޖު އެމީހުން ފެށީ ރަސްފަންނު ސަރަޙައްދުންނެވެ. އެހެންނަމަވެސް އެތަނުގައި ތިބެ ޝުއޫރު ފާޅުކުރުމަށްފަހު އެމީހުންވަނީ މަޖީދީމަގަށް ނުކުމެ އެމަގުގައި މުޒާހަރާ ކުރިޔަށް ގެންގޮސްފައެވެ. އެހެންކަމުން މަޖީދީމަގާއި އޯކިޑްމަގާއި ގުޅޭ ސަރަހައްދުން މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.
މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާ ނުބައްދަލު އަނިޔާވެރި އަމަލުތަކެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯތަކާއި ފޮޓޯތައް ވަނީ އާއްމުވެފައެވެ. އަދި މުޒާހަރާ ކަވާކުރަން ދިޔަ ނޫސްވެރިންނަށްވެސް ފުލުހުން ހުރަސްއެޅިކަމަށް ބުނެ ނޫސްވެރިންވެސް ވަނީ ކަންބޮޑުންވުން ފާޅުކޮށްފައެވެ.