ޚަބަރު

މޭއި ޑޭގެ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް


މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ މެއި މަހުގެ 1ވަނަ ދުވަހު މަސައްކަތްތެރިންނަށް ލިބެންޖެހޭ ރައްކާތެރިކަމާއި މާލީ އެހީތެރިކަން ކަށަވަރުކުރުމަށް ގޮވާލައި އަޑުއުފުލައިފިއެވެ. ދުނިޔެއަށް ދިމާވެފައިވާ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ކުރި މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ.

ދުނިޔެއިން ބަލިމަޑުކަމަކާ ކުރިމަތިލަމުންދާ ދަނޑުވަޅެއްގައި ޤައުމުތަކުގެ އިޤްތިޞާދުތައް އަނދަވަޅަކަށް ވެއްޓި މަސައްކަތްތެރިންގެ ވަޒީފާއަށާއި އުޖޫރައަށްވަނީ ނޭދެވޭ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. މަސައްކަރްތެރިންގެ ދުވަހުގެ ގޮތުގައި މެއި މަހުގެ 1ވަނަ ދުވަސް ފާހަގަކުރާ ތުރުކީވިލާތާއި ފިލިޕީންސާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތްފަދަ ޤައުމުތަކުގައި އެ ދުވަސް ގުޅުވާފައިވަނީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ގޮވާލައި މުޒާހަރާކުރުމަށެވެ.

މޭއި ޑޭއާ ދިމާކޮށް އިނގިރޭސިވިލާތުގައި ކުރި މުޒާހަރާތަކުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ފުލުހުންނަށް ދީފައިވާ ބާރުތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް އަޑުއުފުލިއެވެ. އެ ޤައުމުގެ ސަރުކާރުން ހުށަހަޅާފައިވާ ބާރުތައް ފުލުހުންނަށް ދީފިނަމަ ޞުލްޙަވެރި އެއްވުންތައް ބޭއްވުމަށް ހުރަސްއެޅޭނެއެވެ. މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ އާންމުން ރައްކާތެރިކޮށްދޭނެކަމުގެ އިތުބާރެއް ފުލުހުންގެ މައްޗަށް ނެތްކަމަށާއި އައު ޤާނޫނުތަކުގެ ސަބަބުން މުހިންމު މައްސަލަތަކާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލުމަށް ދަތިވާނެކަމަށެވެ. މުޒާހަރާކުރުމަކީ އޭގެ ސަބަބުން ރައްޔިތުން ޙައްޔަރުކުރެވޭނެ ކުށަކަށް ވެގެންނުވާނެކަމަށް މުޒާހަރާގެ ބައިވެރިންވަނީ ގޮވާލައިފައެވެ.

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވި މޭއި ޑޭގެ މުޒާހަރާގެ ތެރެއިން / ވީޑިޔޯ: ރޮއިޓަރސް

ފަރަންސޭސިވިލާތުގައި ބޭއްވި އެއްވުންތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. ފަރަންސޭސިވިލާތުގެ އެކި ސަރަޙައްދުތަކުގައި 300އަށްވުރެ ގިނަ އެއްވުން ބޭއްވިއެވެ. އެ މުޒާހަރާތަކުގައި މީގެ ތިން އަހަރު ކުރިން މަޝްހޫރުކަން ހޯދި ޔެލޯ ވެސްޓު މޫވުމަންޓުންނާއި ކޯވިޑް-19ގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ދާއިރާތަކުގެ މަސައްކަތްތެރިން ބައިވެރިވިއެވެ. އެ އެއްވުންތަކުގެ ބައިވެރިން ގޮވާލަމުން ދިޔައީ އިޖުތިމާޢީ އަދި އިޤުތިޞާދީ ހަމަހަމަކަން ޤާއިމުކުރުމަށެވެ. ވަޒީފާ ނެތް މީހުންނަށް ސަރުކާރުގެ ފަރާތުން ދެމުންދާ ޢިނާޔަތްތަކަށް ބަދަލު ގެނަޔުމަށް ކުރަމުންދާ މަޝްވަރާތަކާ ދެކޮޅުހަދާކަމަށް މުޒާހަރާގެ ބައިވެރިން ދިޔައީ ގޮވާލަމުންނެވެ. 106،000އަށްވުރެ ގިނަ މީހުން ބައިވެރިވި މުޒާހަރާތަކުން 46 މީހުންވަނީ ޙައްޔަރުކޮށްފައެވެ.

މޭއި ޑޭ ފާހަގަކުރުމަށް ތުރުކީވިލާތުގައި ބޭއްވި ބައެއް އެއްވުންތަކުގައި ބައިވެރިވި 200އަށްވުރެ ގިނަ މީހުން އެ ޤައުމުގެ ފުލުހުންވަނީ ޙައްޔަރުކޮށްފައެވެ. އެމީހުން ޙައްޔަރުކުރުމުގެ ކުރިން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގިއެވެ.

އޭގެ އިތުރުން އެމެރިކާއާއި ވިލާތުގެ ގިނަ ޤައުމުތަކެއްގައި މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ގިނަ މުޒާހަރާތަކެއް ކޮށްފައިވެއެވެ. އޭގެ ތެރެއިން ގިނަ ޤައުމުތަކުގައި ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި މުޒާހަރާކުރަން ޖާގަނުދީ އެއްވުންތައްވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލައިފައެވެ.