ޚަބަރު

ހުރިހާ ބާވަތެއްގެ ޓެރަރިޒަމަކާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ: ޚާރިޖީ ވަޒީރު


ހުރިހާ ބާވަތެއްގެ ޓެރަރިޒަމަކާ ދެކޮޅަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ އަފްޣާނިސްތާނުގެ ލޮގާރް ޕްރޮވިންސްގެ ޕްލޭއާލަމްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެޤައުމުގެ ޚާރިޖީ ވަޒީރު މުހައްމަދު ހަނީފް އަތުމާރަށް ފޮނުއްވި ހަމްދަރްދީގެ މެސެޖްގައެވެ.

އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި މިހަމަލާގެ ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި 30އަށްވުރެ ގިނަ މީހުން މަރުވެ 90އަށްވުރެ ގިނަ މީހުން ޒަޚަމްވި މިއަނިޔާވެރި ހަމަލާ ދިވެހި ރާއްޖެއިން ކުށްވެރިކުރާ ކަމަށް ވިދާޅުވިއެވެ. ގިނަ އަދަދެއްގެ ޔުނިވަރސިޓީ ދަރިވަރުން ހިމެނޭ ގޮތަށް އާއްމުންގެ އެތައް ބަޔަކު ރޯދަ ވީއްލަން ތިބި ތަނަކަށް މިފަދަ ހަމަލާއެއް ދިނުން ކުށްވެރި ކުރައްވާ ކަމަށްވެސް ޚާރިޖީ ވަޒީރުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ. އަދި ހުރިހާ ބާވަތެއްގެ ޓެރަރިޒަމަކާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރުގެ މެސެޖްގައިވަނީ ދެއްވާފައެވެ.

ޚާރިޖީ ވަޒީރުގެ މެސެޖްގައި މިހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައިވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.