ޚަބަރު

އިންޑިޔާއިން އޮސްޓުރޭލިޔަށް ދަތުރުކުރުމަކީ މިހާރު ޖިނާޢީ ކުށެއް!


އިންޑިޔާއަށް ދަތުރުކޮށްފައިވާ މީހުންނަށް އޮސްޓުރޭލިޔާއަށް އެތެރެނުވެވޭނެކަމަށް އެ ޤައުމުން ބުނެފިއެވެ. އޮސްޓުރޭލިޔާއިން އެގޮތަށް ނިންމާފައިވަނީ ކޯވިޑް-19ގެ ނުރައްކާތެރި ދެވަނަ ރާޅަކާ ހަނގުރާމަކުރަމުންދާ އިންޑިޔާގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 19.1 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 211،915 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ ދުވާލަކު 300،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހޭތާ ވިދިވިގިގެން ދިހައަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 401،993 މީހުންނަށް ބަލިޖެހި 3،523 މީހުންވަނީ މަރުވެފައެވެ.

އޮސްޓުރޭލިޔާއިން ބުނީ އިންޑިޔާއަށް ދަތުރުކޮށްފައިވާ މީހުން ޤަވާއިދާ ޚިލާފަށް އޮސްޓުރޭލިޔާއަށް ދަތުރުކޮށްފިނަމަ އެ މީހުންނާ ދެކޮޅަށް ޖިނާޢީ ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތުން ޖަލު ހުކުމާއި ބޮޑެތި ޖޫރިމަނާތައް ކުރުމަށް އޮސްޓުރޭލިޔާއިންވަނީ ނިންމައިފައެވެ. މިއީ އެ ޤައުމުގެ ރައްޔިތަކު އަނބުރާ ޤައުމަށް އައުމަކީ ޖިނާޢީ ކުށެއްކަމުގައި އޮސްޓުރޭލިޔާއިން ކަނޑައެޅި ފުރަތަމަ ފަހަރެވެ.
މެއި މަހުގެ 3ވަނަ ދުވަހުން ފެށިގެން ޢަމަލުކުރާ އެ ޤަވައިދާ ގުޅޭގޮތުން އޮސްޓުރޭލިޔާގެ ޞިއްޙަތާބެހޭ ވަޒީރު ގުރެގު ހަންޓު ވިދާޅުވީ އެފަދަ ފިޔަވަޅުތައް ސަރުކާރުން އަޅަނީ ވަރަށް ބޮޑަށް ވިސްނުމަށްފަހުކަމަށާއި އޮސްޓުރޭލިޔާގެ އާންމު ޞިއްހަތާބެހޭ ނިޒާމާއި އެކަހެވެރިވުމުގެ ނިޒާމު ރައްތާތެރިކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަޙަންމިއްޔަތުކަމެއް ދޭކަމަށެވެ. އަދި އެކަހެރިވެގެން ތިބޭ މަރުކަޒުތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަކި މިންވަރެއްގައި ހިފަހެއްޓުމަށް މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތައް މެއި މަހުގެ 15ވަނަ ދުވަހު އަލުން މުރާޖަޢާކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮސްޓުރޭލިޔާގެ ސަރުކާރުގެ ނިންމުމާއެކު އިންޑިޔާގައި ތިބި އެ ޤައުމުގެ 9،000އަށްވުރެ ގިނަ ރައްޔިތުން ޤައުމަށް އަނބުރާ އާދެވޭނެ ގޮތެއް ނެތި އިންޑިޔާގައި ތާށިވާނެއެވެ. އޮސްޓުރޭލިޔާގެ ބައެއް ރައްޔިތުންވަނީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ނަސްލީ ތަފާތުކުރުން ގޮތުގައި ސިފަކޮށްފައެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމްޢިއްޔާތަކުންވެސްވަނީ ހަމަ އެ މޭރުމުން ކަންބޮޑުވުން ފައުޅުކޮށްފައެވެ. ނަމަވެސް އޮސްޓުރޭލިޔާގެ ސަރުކާރުން ބުނީ އެއީ ތަފާތުކުރުންކަމުގައި ޤަބޫލުނުކުރާކަމަށާއި އެ ނިންމުންތަކަކީ އެއްވެސް މީހެއްގެ ނަސްލާއި ދީނާއި ޤައުމާ ގުޅުންހުރި ނިންމުންތަކެއް ނޫންކަމަށެވެ.

އޮސްޓުރޭލިޔާއިންވަނީ އިންޑިޔާއާއި އެ ޤައުމާ ދެމެދުކުރާ ސީދާ ވައިގެ ދަތުރުތައްވެސް ވަޤުތީގޮތުން މެދުކަނޑާލައިފައެވެ.