ޚަބަރު

އިންޑިޔާގެ ޙާލަތު ގޯހުން ގޯހަށް، އެއް ދުވަހުގެ ތެރޭގައި 400،000 މީހުންނަށް ބަލިޖެހިއްޖެ


ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 400،000އަށްވުރެ އިތުރުވެއްޖެއެވެ. އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި 24 ގަޑިއިރުގެ ތެރޭގައި އެހާ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ދުވަހެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 19.1 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 211،915 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ ދުވާލަކު 300،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހޭތާ ވިދިވިގިގެން ދިހައަކަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 401،993 މީހުންނަށް ބަލިޖެހި 3،523 މީހުންވަނީ މަރުވެފައެވެ.

އިންޑިޔާގެ ޙާލަތު ގޯސްވެ އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ފަރުވާ ދިނުމަށް ބޭނުންވާ އޮކްސިޖަނާއި ބޭސް ލިބުމުގައި އެ ޤައުމުންދަނީ ދަތިތަކަކާ ކުރިމަތިލަމުންނެވެ. ހަސްފަތާލުތައް ފުރި ފަރުވާ ނުދެވުމުން އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކުވެސް މަރުވެއެވެ. އާންމުންނަށް ދޭނެ ވެކްސިން މަދުވެ އެ ޤައުމުގެ ވެކްސިން ދިނުމުގެ މަޝްރޫޢުވަނީ ހުއްޓުމަކަށް އައިސްފައެވެ. ވެކްސިން އުފައްދާ އެންމެ ބޮޑު އެއް ޤައުމުކަމުގައިވާ އިންޑިޔާއަށް ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުން ރަޝިޔާގެ ސްޕަޓުނިކު 5 ވެކްސިންގެ 150،000 ޑޯޒުވަނީ ހޯދައިފައެވެ. ކުރިއަށްއޮތް ދުވަސްތަކުގައި އެ ވެކްސިންގެ މިލިއަނަކަށްވުރެ ގިނަ ޑޯޒު ލިބޭނެކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.

ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އިންޑިޔާގެ ބައެއް ސްޓޭޓުތައްވަނީ ފުރަބަންދުކޮށްފައެވެ. އެގޮތުން އޭޕުރިލް މަހުގެ 19ވަނަ ދުވަހު ފުރަބަންދުކުރި ނިޔު ދިއްލީގެ ޙާލަތު އެދެވޭ މިންވަރަކަށް ރަނގަޅު ނުވުމުން އެ ސްޓޭޓުގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރު 7 ދުވަހަށް އިތުރުކުރުމަށްވަނީ ނިންމައިފައެވެ.

އިންޑިޔާގެ ޙާލަތު ގޯސްވީ ފިޔަވަޅުތައް އެޅުމުގައި ބޮޑެތި ދޫތަކެއް ދިނުމުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ފިނި މޫސުމުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 10،000އަށް ދަށްވުމުން އެ ޤައުމުގެ ސަރުކާރުންވަނީ ގިނަ ލުއިތަކެއް ދިނުމަށްފަހު ބޮޑެތި އެއްވުންތައް ބޭއްވުމުގެ ޙުއްދަ ދީފައެވެ. މާހިރުންގެ ލަފަޔާ ޚިލާފަށް ފާއިތުވި ހަފުތާތަކުގެ ތެރޭގައި ސިޔާސީ އަދި ދީނީ ގިނަ އެއްވުންތަކެއް އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބާއްވާފައިވެއެވެ. އޭގެ އިތުރުން ބަލީގެ ނުރައްކާތެރި ވައްތަރެއް އެ ޤައުމުގައި ފެތުރޭކަމަށް ގިނަ މާހިރުން ބުނެއެވެ.

ގިނަ ޤައުމުތަކަކުންވަނީ އިންޑިޔާއިން ދަތުރުކުރާ މީހުން އެ ޤައުމުތަކަށް އެތެރެވުން މަނާކޮށްފައެވެ. އިންޑިޔާއިން ދަތުރުކުރާ މީހުންނަށް ދަތުރުފަތުރުގެ ކަންކަން ދަތިކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާއާއި އޮސްޓުރޭލިޔާއާއި އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތާއި ސިންގަޕޫރު ހިމެނެއެވެ. އިންޑިޔާއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާ ޤައުމުތަކުގެ ތެރޭގައި ކެނެޑާއާއި ހޮންގް ކޮންގާއި ނިޔު ޒީލެންޑު ހިމެނެއެވެ.