ކުޅިވަރު

ތާވަލްގެ އެއްވަނައިގައި ލީޑް ފުޅާކުރަން އީގަލްސް ބަލިކުރަންޖެހޭ - ވިޑަކޮވިޗް


ލީގު ތާވަލްގެ އެއްވަނައިގައި ލީޑް ފުޅާކުރުމަށް ކުލަބް އީގަލްސް ބަލިކުރަންޖެހޭކަމަށް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގް ތާވަލްގެ އެއްވަނައިގައި މާޒިޔާ މިވަގުތު އޮތީ އެޓީމް ކުޅުނު 13 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ.

މެޗްގެ ކުރިން ވާހަކަދައްކަމުން މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނީ މިމެޗަށް މާޒިޔާއިން ވަރަށް ރަގަނޅަށް ތައްޔާރުވެއްޖެކަމަށާއި ޓީމުގެ އަނިޔާގެ އެއްވެސް މައްސަލައެއް ނެތި ހުރިހާ ކުޅުންތެރިންވެސް މެޗަށް ވަރަށް ފިޓްކަމަށެވެ. އަދި މިމެޗަށްފަހު ޓީމު އޭއެފްސީ ކަޕަށް ތައްޔާރުވަމުންދާއިރު، މިމެޗުން މޮޅެއް ވަރަށް މުހިންމުކަމަށްވެސް ރިސްޓޯ ވިޑަކޮވިޗް ބުނެފި. ކުލަބް އީގަލްސް މެޗަކަށް ފަހު މެޗެއް ރަގަނޅު ކުރަމުން އަންނަކަމަށާއި އީގަލްސްއަކީ ވަދުގަދަ ޓީމަކަށްވާއިރު، މާޒިޔާއިން އީގަލްސް ބަލިކުރަން ބޭނުންވާކަމަށްވާނަމަ، ވަރަށް ވިސްނައިގެން، މޮޅު ކުޅުމެއް ދައްކަންޖެހޭކަމަށް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ. ކުރިއަށް އޭއެފްސީ ކަޕްގެ މެޗްތައް އޮތުމާއެކު އެކަމަށްވެސް ކުޅުންތެރިން ވަރަށް ބޮޑަށް ވިސްނަމުންދާކަމަށާއި ނަމަވެސް ލީގަކީވެސް ވަރަށް މުހިންމު މުބާރާތެއްކަމަށް މާޒިޔާގެ ކޯޗް ބުންޏެވެ. އަދި ލީގުގެ ކޮންމެ މެޗަކީވެސް މާޒިޔާއަށް މުހިންމު މެޗަކަށްވާއިރު، އީގަލްސް ބަލިކޮށް ތާވަލްގެ އެއްވަނައިގައި ލީޑް ފުޅާކުރުމަށް ލިބޭ ފުރުސަތު ގެއްލުވާލަން ބޭނުންނުވާކަމަށް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ.