ކުޅިވަރު

ބާސެލޯނާގެ ކޯޗު ކޫމާން ދެ މެޗަށް ސަސްޕެންޑްކޮށްފި



ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމާން ދެ މެޗަށް ސަސްޕެންޑްކޮށްފިއެވެ. ކޫމަން ސަސްޕެންޑް ކޮށްފައި ވަނީ އެންމެ ފަހުން ސްޕެނިޝް ލަލީގާގައި ބާސެލޯނާ ކުޅުނު މެޗުގައި އޭނާ މެޗުގެ އޮފިޝަލުންނާއި ދިމާއަށް ބޭނުންކުރި ބަސްތަކެއްގެ ސަބަބުން ދެއްކި ރަތްކާޑާއިއެކުގައެވެ.

ގްރަނާޑާ އަތުން ބަލިވި މެޗުގައި ކޫމާން ބެންޗުން ފޮނުވާލިއިރު، މި މެޗުން ބަލިވެ ބާސެލޯނާ ތާވަލްގެ އެެއްވަނައަށް އަރަން ލިބުނު ފުރުސަތުވަނީ ގެއްލިފައެވެ. ސްޕެއިން އެފްއޭއިން ކޫމަން ދެ މެޗަށް ސަސްޕެންޑްކުރުމާއިއެކު، ކުރިއަށް ލަލީގާގައި ބާސެލޯނާ ކުޅެން އޮތް މުހިންމު ދެ މެޗު ކަމަށްވާ ވެލެންސީޔާއާއި ދެކޮޅަށް ކުޅޭ މެޗާއި އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅެން އޮތް މެޗުގައި އޭނާއަށް ބާސެލޯނާގެ ބެންޗުގައި ނުހުރެވޭނެއެވެ. ނަމަވެސް ބާސެލޯނާއިންވަނީ މި ސަސްޕެންޝަނަށް އެޕީލްކުރާނެކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައިވަނީ އެޓީމްގެ ކޯޗުގެ ހައްގުތައް ގެއްލޭ ގޮތަށް ކޮށްފައިވާ މި ސަސްޕެންޝަން ކުލަބުން ބަލައި ނުގަންނަކަމަށާއި، މި ސަސްޕެންޝަނަށް އެޕީލްކުރާނެކަމަށެވެ.

ބާސެލޯނާ މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާއާއި ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އެތްލެޓިކޯ މެޑްރިޑް އެއްވަނައިގައި އޮތީ 73 ޕޮއިންޓާއިއެކުއެވެ. ރެއާލްއަށް 71 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާއަށްވެސް ލިބިފައިވަނީ 71 ޕޮއިންޓެވެ. ލީގުގައި ބާކީ ކޮންމެ ޓީމަކަށް އޮތީ ފަސް މެޗެވެ.