ކުޅިވަރު

ޔުވެންޓަސްގެ ކޯޗުކަމުން އަންދްރޭ ޕިރްލޯ ވަކިކުރަނީ



އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ ކޯޗުކަމުން އަންދްރޭ ޕިރްލޯ ވަކިކުރަން އުޅޭކަމުގެ ޚަބަރުތައް ފެންމަތިވެއްޖެއެވެ. ކޯޗު އަންދްރޭ ޕިރްލޯ މާގާމުން ވަކިިކުރަން އުޅޭ ކަމުގެ ޚަބަރުތައް އިޓަލީގެ މީޑީޔާތަކުން ފަތުރަން ފަށާފައިމިވަނީ މި ސީޒަންގައި ކުލަބުން އެންމެ އެދެވޭ ނަތީޖާތަކެއް ނެރެމުން ނުދާތީއެވެ.

މިދިޔަ ނުވަ އަހަރުގެ ޗެމްޕިއަން ޔުވެންޓަސްއަށް މި ސީޒަންގައި ލީގު ތަށި ހޯދުމުގެ ފުރުސަތު މިހާރުވަނީ ގެއްލިފައެވެ. އަނެއްކޮޅުން އެޓީމް އޮތީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް އަދި ޔަގީންވާ ހިސާބެއްގައެއް ނޫނެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މި ސީޒަން ނިމޭއިރު ގަދަ ހަތަރެއްގައި ޔުވެންޓަސް ނުހިމެނިއްޖެނަމަ ޕިރްލޯ މަގާމުން ވަކިކުރާނެއެވެ. އަނެއްކޮޅުން މިދިޔަ ތިން މެޗުންވެސް މޮޅެއް ހޯދިފައި ނުވާތީ މިހާރުވެސް ކޯޗު ޕިރްލޯގެ މަގާމް އޮތީ ނާޒުކު ފައްތަރެއްގައެވެ. ލީގުގައި ކުރިއަށް އޮތް އުދިނޭސީ މެޗުން ޔުވެންޓަސްއަށް މޮޅު ނުވެވިއްޖެނަމަ ޕިރްލޯ މާގާމުން ވަކިކުރާނެކަމަށްވެސް އިޓަލީގެ ނޫސްތަކުން ރިޕޯޓްކުރެއެވެ. އެހެން އެކަންވެއްޖެނަމަ ސީޒަންގެ ބާކީބައިގައި ކުލަބަށް އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗު އިގޯ ޓޫޑޯރްއެވެ.

މި ސީޒަނަށްފަހު ޕިރްލޯ މަގާމުން ވަކިކުރަން ޔުވެންޓަސްއިން ތައްޔާރުވަމުން އަންނައިރު، އައު ކޯޗެއް ހޯދުމުގެ މަސައްކަތް ޔުވެންޓަސްގެ ބޯޑުން އަންނަނީ ކުރަމުންނެވެ. މިގޮތުން ކުރީގެ ކޯޗު މަސިމިލިއާނޯ އެލެގްރީ އަލުން ޔުވެންޓަސްއާއި ގުޅުން ގާތްކަމަށް ބެލެވެއެވެ. ދާދިފަހުން އެލެގްރީވެސްވަނީ ޔުވެންޓަސް އަލުން އެޓީމްގެ ހައްގު މަގާމަށް ގެންގޮސްދޭން އެހީވާން ބޭނުންވާކަންވެސް ހާމަކޮށްފައެވެ.