ޚަބަރު

ކިރްގިސްތާނާއި ތަޖަކިސްތާނާ ދެމެދު ބަދަލުކުރި ޙަމަލާތަކެއްގައި ބަޔަކު މަރުވެއްޖެ


ކިރްގިސްތާނާއި ތަޖިކިސްތާނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި 31 މީހުން މަރުވެއްޖެއެވެ.

ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ބިމާއި ފެނުގެ މިލްކުވެރިކަމަށް ދެ ޤައުމުންވެސް ދަޢުވާކުރެއެވެ. އަދި އެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ދޭތެރެ ދޭތެރެއިން ކުރިމަތިލުންތައް ހިނގައެވެ. ނަމަވެސް އޭޕުރިލް މަހުގެ 29ވަނަ ދުވަހު ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ހިނގި ކުރިމަތިލުންތަކަކީ ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ އެފަދަ އެންމެ ވަރުގަދަ ކުރިމަތިލުންތަކެވެ. އެއާއެކު ކުރިއަށް އޮތް ތަނުގައި އެ މައްސަލަ އިތުރަށް ގޯސްވެދާނެކަމުގެ ބިރުވަނީ ހީވެފައެވެ. ނަމަވެސް ދެ ޤައުމުގެ ދެމެދުގައި މަޝްވަރާކޮށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް މިހާރުވަނީ އެއްބަސްވެފައެވެ.

ކިރްގިސްތާނުން ބުނީ ސަރަޙައްދީ ރޮނގާ ކައިރި ސަރަޙައްދުތަކުގައި ދިރިއުޅޭ އެ ޤައުމުގެ 10،000އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައިވާކަމަށެވެ. އަދި އޭޕުރިލް މަހުގެ 29ވަނަ ދުވަހު ހިނގި ކުރިމަތިލުންތަކުގައި އެ ޤައުމުގެ ބަޓުކެން ސަރަޙައްދުގައި ހުރި ބައެއް ތަންތަނަށް ގެއްލުން ލިބިފައިވާކަމަށް އެ ޤައުމުން ބުނެއެވެ. އޭގެ ތެރޭގައި ގެދޮރާއި މަދަރުސާއަކާއި ބައެއް ވިޔަފާރިތައް ހިމެނޭކަމަށް އެ ޤައުމުން ބުނެއެވެ.

މައްސަލަ ފިނިކުރުމަށް ކުރީގެ ރޫސީވިލާތުގެ ދަށުގައި އޮތް ދެ ޤައުމުކަމަށްވާ ކިރްގިސްތާނާއި ތަޖިކިސްތާނުގެ އިސްވެރިންވަނީ އޭޕުރިލް މަހުގެ 30ވަނަ ދުވަހު ފޯނު މެދުވެރިކޮށް މަޝްވަރާކޮށްފައެވެ. އަދި މެއި މަހުގެ ތެރޭގައި ދެ ޤައުމުގެ ރައީސުން ބައްދަލުކޮށް މަޝްވަރާކުރުމަށްވަނީ އެއްބަސްވެފައެވެ.

ކިރްގިސްތާނާއި ތަޖަކިސްތާނާ ދެމެދު އުފެދިފައިވާ މައްސަލަތަކާމެދު އެ ދެ ޤައުމުގައި އަސްކަރީ މަރުކަޒުތައް ޤާއިމުކޮށްފައިވާ ރަޝިޔާއިންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އަދި މައްސަލަ ޙައްލުކުރުމުގައި މެދުވެރިއަކަށް ވުމަށް ރަޝިޔާއިންވަނީ ހުށަހަޅާފައެވެ.