ޚަބަރު

ސިންގަޕޫރުގެ ހަސްފަތާލަކުން ކޯވިޑް-19 ޖެހިފައިވާ ބަޔަކު ފެނިއްޖެ


ސިންގަޕޫރުގެ އެންމެ ބޮޑު އެއް ހަސްފަތާލުން ކޯވިޑް-19 ޖެހިފައިވާ ގިނަ ޢަދަދެއްގެ މީހުން ފެނިއްޖެއެވެ.

ސިންގަޕޫރުގައި މިހާތަނަށް 61،145 މީހުންނަށް ކޯވިޑް-19 ޖެހި 30 މީހުންވަނީ ބަލީގައި މަރުވެފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ސިންގަޕޫރުގައި ވަޒީފާ ޢަދާކުރާ ގިނަ ޢަދަދެއްގެ ހިޖުރަވެރިންގެ މެދުގައި ކޯވިޑް-19 ފެތުރުމަށްފަހު އެ ޤައުމުގައި ބަލިފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އޭގެ ފަހުން އެ ޤައުމުގައި ބަލިޖެހުނު ގިނަ މީހުންނަކީ ބޭރު ޤައުމުތަކުން އެ ޤައުމަށް ދަތުރުކޮށްފައިވާ މީހުންނާއި އެކަހެރިވުމުގެ މުއްދަތު ފުރިހަމަކުރަމުންދިޔަ މީހުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސިންގަޕޫރުގެ މުޖުތަމަޢުގެ ތެރެއިން ކޯވިޑް-19 ޖެހިފައިވާ 16 މީހުންވަނީ ފެނިފައެވެ. އޭގެ ތެރެއިން 8 މީހުންނަކީ އެ ޤައުމުގެ ޓޭން ޓޮކު ސެންގު ހޮސްޕިޓަލާ ގުޅުންހުރި މީހުންކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ. ބަލިޖެހުނު މީހުން ތެރޭގައި ކޯވިޑް-19ގެ ވެކްސިން ޖަހާފައިވާ ޑޮކްޓަރަކާއި ނަރުހެއް ހިމެނެއެވެ. އެ މީހުންގެ ފަރާތުން ބަލީގެ ޢަލާމާތްތައްވަނީ ފެނިފައެވެ. ހަސްފަތާލުން ބަލިޖެހިފައިވާ މީހުން ފެނުމުން އެ ހަސްފަތާލުގެ ދެ ވޯޑެއްވަނީ ބަންދުކޮށްފައެވެ. އަދި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބަލިމީހުން ތަހުލީލުކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

ހަސްފަތާލުގައި ކޯވިޑް-19 ޖެހުނު މީހުންގެ އިތުރުން ސިންގަޕޫރުގެ ވައިގެ ބަނދަރެއްގައި މަސައްކަތްކުރާ އިމިގުރޭޝަން އޮފިސަރަކަށްވެސްވަނީ ބަލިޖެހިފައެވެ. އަދި އޭނާއާ ގުޅުންހުރި އިތުރު 7 މީހުންނަށްވަނީ ބަލިޖެހިފައެވެ.

ސިންގަޕޫރުގައި މުޖުތަމަޢުގެ ތެރެއިން ބަލިޖެހިފައިވާ ބަޔަކު ފެނިފައިވަނީ އެ ޤައުމާއި ހޮންގް ކޮންގާ ދެމެދު ދަތުރުފަތުރުކުރުން މެދުކަނޑާލުމަށްފަހު އަލުން ފެށުމަށް ތައްޔާރުވަނިކޮށެވެ.