ޚަބަރު

މިޔަންމާގެ އާބާދީގެ ދެބައިކުޅަ އެއްބައި ފަޤީރުވުމުގެ ނުރައްކަލުގައި


ކޯވިޑް-19އާއި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން މިޔަންމާގެ އާބާދީގެ ދެބައި ކުޅަ އެއްބަޔަށްވުރެ ގިނަ މީހުން 2022ވަނަ އަހަރުގެ ތެރޭގައި ފަޤީރުކަމުގެ ޙާލަތަށް ވެއްޓޭނެކަމަށް ޔޫއެންޑީޕީން ބުނެފިއެވެ.

ޔޫއެންޑީޕީން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި މިޔަންމާގެ 25 މިލިޔަނަށްވުރެ ގިނަ މީހުން ފަޤީރުކަމުގެ ޙާލަތަށް ވެއްޓުމުގެ ފުރުޞަތު އޮތްކަމަށެވެ. އެ ޤައުމުގެ އެންމެ ބަލިކަށި އާބާދީގެ ޙާލަތު އިތުރަށް ގޯސްވުމަކީ ވަރަށް ގާތްކަމެއްކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

މިޔަންމާގައި ދީމިޤްރާޠީ އުޞޫލުތައް ޤާއިމުކުރުމަށް ފާއިތުވި އަހަރުތަކުގައި ކޮށްފައިވާ މަސައްކަތްތައް މަދު މަސްތަކެއްގެ ތެރޭގައި ނިޔުޅިގެންގޮސް 2005ވަނަ އަހަރު އެ ޤައުމު އޮތް ޙާލަތަށް އަލުން ވެއްޓިދާނެކަމަށްވެސް ޔޫއެންޑީޕީންވަނީ ފާހަގަކޮށްފައެވެ. 2005ވަނަ އަހަރުގެ ތެރޭގައި މިޔަންމާގައި އޮތީ އަސްކަރީ ވެރިކަމެކެވެ. އޭރު އެ ޤައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި އޮތީ ފަޤީރުކަމުގެ ޙާލަތުގައެވެ.

ޔޫއެންޑީޕީން ކުރި ދިރާސާއިން ދައްކައި ގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅު މިޔަންމާގެ 83 އިންސައްތަ ގޭބިސީއަށް ލިބެމުންދިޔަ އާމުދަނީ ކޯވިޑް-19ގެ ސަބަބުން ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަވިކަމަށްވަނީ ބުނެފައެވެ. ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ އަދި އިޖުތިމާޢީ މައްސަލަތަކުގެ ސަބަބުން ފަޤީރުކަމުގެ ޙާލަތުގައި އުޅޭ މީހުންގެ ޢަދަދުވަނީ 11 އިންސައްތަ އިތުރުވެފައެވެ.

މިޔަންމާގެ އިސްވެރިޔާ އަން ސަން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތް ކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިޞްބަތްވާ އިސްވެރިން ހައްޔަރު ކުރީ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ މަގުމައްޗަށް ނުކުމެ މުޒާހަރާކުރަމުންނެވެ. މުޒާހަރާތަކުގައި 750އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ޔޫއެންޑީޕީގެ ރިޕޯޓުގައި ބުނީ މިޔަންމާގެ އަސްކަރިއްޔާއިން ކުރި ބަޣާވާތާ ގުޅިގެން އެ ޤައުމުގެ ސަލާމަތީ ޙާލަތު ގޯސްވެ އިންސާނީ ހައްޤުތަކަށާއި ތަރައްޤީއަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން އަންނަ އަހަރުގެ ކުރީކޮޅު އެ ޤައުމުގެ ފަޤީރުކަމުގެ ޙާލަތު 12 އިންސައްތަ އިތުރުވާނެކަމަށް ބެލެވޭކަމަށެވެ.

ޔޫއެންޑީޕީން ބުނީ މިޔަންމާއަށް ކުރިމަތިވެފައިވާ ކާރިޘާތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އެ ޤައުމުގެ އަންހެނުންނާއި ކުޑަކުދިންނަށްކަމަށެވެ. އޭގެ އިތުރުން ގެދޮރު ގެއްލިފައިވާ މީހުންގެ ޙާލަތު އިތުރަށް ގޯސްވާނެކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ. މިޔަންމާގައި ފަޤީރުކަމުގެ ޙާލަތުގައި ދިރިއުޅޭ މީހުންގެ ޢަދަދުވެސް ތިން ގުނައަށް އިތުރުވާނެކަމަށާއި އެ ޤައުމުގައި ޞުލްޙަވެރިކަން ޤާއިމުވެފައި ނެތުމުން މުދާ އުފުލުމަށް އަސަރުކޮށް ޢާންމުން އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދަތުރުކުރުމަށާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ހުރަސްތަކެއް ދިމާވެފައިވާކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. ފައިސާގެ އަގަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން މުދަލާއި ހަކަތައިގެ އަގުވެސް އުފުލިފައިވާކަމަށާއި ބެންކުގެ ނިޒާމު ހުއްޓުމަކަށް އައިސްފައިވާކަންވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިޔަންމާއަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން އަވަސްގޮތަކަށް ބޭނުންވާކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.