ދުނިޔެ

ޓެރަރިސްޓް ހަމަލާއާއެކު ފްރާންސްގައި ކުއްލި ހާލަތު އިޢުލާންކޮށްފި


ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ އެކި ހިސާބުތަކަށް ހުކުރު ދުވަހުގެރޭ ދެވުނު ޓެރަރިސްޓް ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 120 ށް އަރައިފިއެވެ.މިހަމަލާ ދެވުނު ވަގުތު ފަރަންސޭސި ރައީސް ފޮންސުވާ އޮލޯންދް އިންނެވީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ " ސްތާދެ ދެ ފްރާންސް " ސްޓޭޑިއަމްގައި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތް ބައްދަލުކުރި އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ބައްލަވަން ކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. ރޭ ދެވުނު ހަމަލާތަކުގައި ސްތާދޭ ފްޣޮންސް ސްޓޭޑިއަމްގެ
ބޭރުގައިވެސް އެއްޗެއް ގޮއްވާލާފައިވެއެވެ. މި ސްޓޭޑިއަމް ބޭރުގައި ބަޑީގެ
އަޑުފައްގަނޑާއެކު އެއްޗެއް ގޮއްވާލުމާއެކު، ސަލާމަތީ ބާރުތަކުގެ ހިމާޔަތުގައި
ރައީސް ފްޣޮންސުވާ އޮލޯންދް  އެޤައުމުގެ ދާހިލީ ވުޒާރާގެ އިމާރާތަށް
ބަދަލްކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ސްޓޭޑިއަމަށް ދެވުނު ހަމަލާގެ އިތުރުން
ހަ ސަރަހައްދަކަށް ޓެރަރިސްޓުން ހަމަލާދީފައިވެއެވެ. ހަމަލާ ދިން ތަންތަނުގެ ތެރޭގައި
ކޮންސަރޓް ހޯލެއްވެސް ހިމެނެއެވެ. މިގޮތުން އެ ކޮންސަރޓް ހޯލުގައި އެވަގުތު ހުރި
ފްރާންސްގެ ރޭޑިއޯއެއްގައި މަސައްކަތްކުރާ ރިޕޯޓަރަކު ސީއެންއެންއާ ވާހަކަ
ދައްކަމުން ބުނީ ކަޅު ކުލައިން ހެދުން އަޅައިގެން ތިބި މި މީހުންގެ ތެރެއިން
ދެމީހަކު ކޮންސަރޓް ހޯލަށް ވަނުމަށްފަހު އޭކޭ-47 ބަޑިން ވަކިބައެއް ނުބަލާ
ހަމަލާދޭން ފެށި ކަމަށާއި މީގެ ތެރެއިން އެކަކަކީ ބެލެވޭގޮތުގައި ވިއްސަކަށް
އަހަރުގެ މީހެއްކަމަށެވެ.ރޭގެ ހަމަލާތަކާއި ގުޅިގެން ފަރަންސޭސިވިލާތުގެ ރައީސް
އޮލޯންދް ވަނީ އެޤައުމުގައި ކުއްލި ހާލަތު އިޢުލާނު ކުރައްވައި، އިތުރު
ސަލާމަތީބާރުތައް މަގުތަކުމައްޗަށްނެރެ، އެޤައުމުގެ ސަރަޙައްދީ ރޮނގު
ބަންދުކުރުމަށް އަމުރުކުރައްވާފައެވެ.މިހަމަލާ ދިނުމާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ
ވެރިން ދަނީ ފަރަންސޭސިވިލާތަށް މި ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާ
ކުށްވެރިކުރަމުންނެވެ. މިގޮތުން އެމެރިކާގެ ރައީސް ބަރަކް ވިދާޅުވީ މިއީ ހަމައެކަނި
ޕެރިހަށް ދެވުނު ހަމަލާއެއް ނޫން ކަމަށާއި މިހަމަލާއަކީ ފަރަންސޭސި ރައްޔިތުންނަށް
އެކަނި ދެވުނު ހަމަލާއެއްވެސް ނޫން ކަމަށެވެ. އަދި މިހަމަލާއަކީ މުޅި އިންސާނިއްޔަތަށާއި
އަހަރެމެން އެންމެން ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރާ އުސޫލުތަކަށްވެސް
ދެވުނު ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ. އަދި ފަރަންސޭސިވިލާތަށް މިކަމުގައި
ބޭނުންވެއްޖެ ކޮންމެ އެހީއެއް ފޯރުކޮށްދޭން އެމެރިކާއިން ތައްޔާރަށްއޮތްކަމަށް
އޮބާމާ ވިދާޅުވިއެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރ އަންގެލަރ މާރކެލް
ވިދާޅުވީ މިޚަބަރު އެއްސެވީ ކުއްލި ސިހުމަކާ އެކުގައި ކަމަށާއި މި ޓެރަރިސްޓު
ހަމަލާގެ ސަބަބުން އަނިޔާވި ފަރާތްތަކާއި ފުރާނަ ގެއްލުނު ފަރާތްތަކާއެކު އޭނާގެ
ހެޔޮދުއާތައް ވާކަމަށްވެސް މާރކެލް ވިދާޅުވިއެވެ. މީގެ އިތުރުން އދ. ގެ ސެކްރެޓަރީ
ޖެނެރަލް ބަންކީ މޫން ވަނީ މިހަމަލާ ވަރަށް ހަރުކަށި އިބާރާތުން
ކުށްވެރިކުރައްވާފައެވެ. ފަރަންސޭސިވިލާތުގައި ކުއްލި ހާލަތު އިޢުލާނުކޮށް، ސަލާމަތީ
ކަންތައްތައް ބެލެހެއްޓުމަށް އެޤައުމުގެ ސަލާމަތީބާރުތައް މަގުތަކުމައްޗަށް
ނެރުމަށް ރައީސް އޮލޯންދް  ކުރެއްވި އަމުރާއެކު އިތުރު 1500 ސިފައިން މިހާރު ވަނީ
އެޤައުމުގެ މަގުތަކުމައްޗަށް ނިކުމެފައެވެ. ޓެރަރިސްޓުން ހަމަލާދިން ތަންތަނުގެ
ތެރެއިން ކޮންސަރޓް ހޯލުގައި ޓެރަރިސްޓުން ވަނީ އާއްމުންގެ ސަތޭކައެއްހާ މީހުން
ރަހީނުކޮށް، ނުކިޔަމަންތެރިކަން ދެއްކި ގިނަ ބައެއްގެ ގަޔަށް ބަޑިޖަހާފައެވެ.
ފަރަންސޭސި ފުލުހުންގެ ހާއްސަ ޓީމަކުން ވަނީ ޓެރަރިސްޓުންގެ ގޮތުގައި ހަރަކާތެރިވި
މީހުން މަރާލާފައި. މިގޮތުން ޓެރަރިސްޓުންގެ 8 މީހަކު މަރާލާފައިވާއިރު،
މިކަމުގެތެރޭގައި ހަރަކާތަތެރިވެފައިވާ ޓެރަރިސްޓަކު އަދިވެސް ހުރެދާނެކަމަށް
އަދިވެސް ބަލާފާސްކުރަމުންދާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.