ފަނަރަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބާއްވާ ފަލަސްޠީނުގެ އާންމު އިންތިޚާބު ކަނޑައަޅާފައިވާ ތާރީޚުގައި ނުބޭއްވޭނެކަން އިޢުލާނުކޮށްފިއެވެ.
ފަލަސްޠީނުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު މެއި މަހުގެ 22ވަނަ ދުވަހު ބާއްވާނެކަމަށް އެ ޤައުމުގެ ރައީސް މަޙްމޫދު ޢައްބާސް އިޢުލާނުކުރެއްވީ މީގެ ތިން މަސް ކުރިންނެވެ. 2015ވަނަ އަހަރުން ފެށިގެން ފަލަސްޠީނުގެ ރައީސްގެ މަޤާމުގައި ހުންނެވި މަޙުމޫދު ޢައްބާސް އިންތިޚާބު ބާއްވާނެކަމަށް އިޢުލާނުކުރެއްވީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްކަމާ ޙަވާލުވެވަޑައިގެންނެވި ޖޯ ބައިޑަންގެ ސަރުކާރާއެކު ރަނގަޅު ގުޅުމެއް ބޭއްވުމުގެ މަޤްޞަދުގައެވެ.
އިންތިޚާބު ފަސްކުރައްވާފައިވާކަން އިޢުލާނުކުރައްވަމުން މަޙުމޫދު ޢައްބާސް ވިދާޅުވީ އެގޮތަށް ނިންމެވީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އިރުމަރީ ޤުދުސްގައި ވޯޓުލުން ބޭއްވުމުގެ ޙުއްދައެއް އިސްރާއީލުން ދޭނެކަން ސާފުނުވާތީއާއި ހުޅަނގު އައްސޭރިއާއި ޣައްޒާގައި ވޯޓުލުން ބޭއްވޭނެކަން ޔަޤީން ނުވާތީކަމަށެވެ. ޤުދުސްގައި ދިރިއުޅޭ މީހުންނަށް ވޯޓު ލެވޭނެކަން ޔަޤީންވަންދެން އިންތިޚާބު ފަސްކޮށްފައިވާކަމަށް ޢައްބާސް ވިދާޅުވިއެވެ. އެއާއެކު އިންތިޚާބަށް ވަމުންދިޔަ ތައްޔާރީތައްވަނީ މެދުކަނޑާލައިފައެވެ.
ކުރިން ތާވާލުކޮށްފައި އޮތްގޮތަށް އިންތިޚާބު ކުރިއަށް ގެންދިޔުމަށް ގޮވާލައި ޣައްޒާއާއި ހުޅަނގު އައްސޭރީގައި ޢާންމުން ދަނީ ނުރުހުން ފައުޅުކުރަމުންނެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސުންވެސްވަނީ ޢައްބާސްގެ ނިންމެވުމާ ދެކޮޅުހަދާކަމަށް ބުނެފައެވެ. އިންތިޚާބު ފަސްކުރުމަށް ނިންމުމުން ނުކުންނާނެ ނޭދެވޭ ނަތީޖާތަކަށް ޒިންމާވާންޖެހޭނީ ޢައްބާސްގެ ފަތަޙަ ޖަމާޢަތުންކަމަށް ޙަމާސުން ބުނެއެވެ.
ޢައްބާސަށް އިންތިޚާބު ކާމިޔާބު ނުކުރެވިދާނެކަމުގެ ބިރު އޮތުމުން ޤުދުސްގައި ވޯޓުނުލެވޭ މައްސަލަ ހުއްޖަތަކަށް ދައްކަވައި އިންތިޚާބު ލަސްކުރުމަށް މަސައްކަތްކުރެއްވުން އެކަށީގެންވާކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ބައެއް ތަޖުރިބާކާރުން ދިޔައީ ބުނަމުންނެވެ. އިންތިޚާބު ބާއްވާނެކަމަށް އިޢުލާނުކުރުމުން ފަތަޙަ ޖަމާޢަތުގެ ތެރޭގައި ގިނަ ބައިބައިވުންތަކެއްވަނީ އުފެދިފައެވެ. އެއާއެކު ވާދަވެރި ޙަމާސް ޖަމާޢަތަށް އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުޞަތު އިތުރުވާނެކަމަށް އޮތީ ބެލެވިފައެވެ.
ޢާންމު އިންތިޚާބު ފަސްކުރުމަށް ނިންމި ނަމަވެސް ޖުލައި މަހުގެ 31ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ ރިޔާސީ އިންތިޚާބު ތާވަލާ އެއްގޮތަށް ބާއްވާނެކަމެއް ސާފެއް ނުވެއެވެ.