ޔުއޭފާ ޔޫރޮޕާ ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގްގައި މެންޗެސްޓަރ ޔުނައިޓެޑާއި އޭއެސް ރޯމާ ބައްދަލުކުރިމެޗް ކާމިޔާބުކޮށް މި މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ޔުނައިޓެޑުން ބޮޑުކޮށްފިއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 6 ލަނޑު 2 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މިގޮތުން މެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޔުނައިޓެޑުންނެވެ. މިލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. ނަމަވެސް މިލަނޑު ޖެހިތާ 6 މިނެޓްފަހުން ރޯމާއަށް ލިބުނު ޕެނަލްޓީއަކުން އެޓީމްވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ކެޕްޓަން ލޮރެންޒޯ ޕެލެގްރީނީއެވެ. އަދި މެޗްގެ 33 ވަނަ މިނެޓްގައި ރޯމާގެ ތަޖްރިބާކާރު ފޯވަޑް އެޑިން ޖެކޯ ލަނޑެއް ޖަހާ މިމެޗްގައި ފުރަތަމަ ފަހަރަށް ރޯމާއަށް ލީޑު ނަގައިދިނެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ މިނަތީޖާގައި އޮވެގެންނެވެ. ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ޔުނައިޓެޑްގެ ކުޅުން ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ. މިގޮތުން ދެވަނަ ހާފްގެ ކުޅުން ފެށިތާ ތިންވަނަ މިނެޓްގައި އެޑިންސަން ކަވާނީ ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗްގެ 64 ވަނަ މިނެޓްގައި ކަވާނީ މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑާއެކު ޔުނައިޓެޑުން ދެވަނަ ފަހަރަށް މިމެޗްގައި ލީޑު ނެގިއެވެ. ޔުނައިޓެޑްގެ ހަތަރުވަނަ ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ފެނާންޑޭޒް ކާމިޔާބުކޮށްދިން އިރު އޭގެ ހަތަރު މިނެޓް ފަހުން ޕޯލް ޕޮގްބާވަނީ ޔުނައިޓެޑްގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ. އަދި ޔުނައިޓެޑުން މިމެޗްގައި ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ މޭސަން ގްރީންވުޑެވެ. މިމެޗްގެ ދެވަނަ ހާފްގައި ޔުނައިޓެޑްގެ ކުޅުން ރަނގަޅު ކުރިތަން ފެނުނު ނަމަވެސް ރޯމާ އަށް މާރަނގަޅަށް ކުޅެވުނު ތަނެއް ނުފެނުނެވެ. މީގެ ސަބަބެއް ކަމަށް މިމެޗްގެ ފުރަތަމަ ހާފްގައި ރޯމާއިން ތިން ކުޅުންތެރިޔަކަށް އަނިޔާވެގެން ކުރަން ޖެހުނު ބަދަލުތައް ހިމެނުމަކީ ވުން ވަރަށް ގާތް ކަމެކެވެ. މިގޮތުން އަނިޔާވެގެން ބޭލި ކުޅުންތެރިންގެ ތެރޭގައި އެޓީމްގެ ކީޕަރުވެސް ހިމެނުނެވެ.
ފުރަތަމަ ލެގް މިހާ ތަފާތު ބޮޑުކޮށް ޔުނައިޓެޑުން ކާމިޔާބު ކުރުމާއެކު މި މުބާރާތުގެ ފައިނަލުން އެޓީމް ޖާގަހޯދާނެ ކަމަށް ގިނަ ބަޔަކު މިހާރު ގަބޫލް ކުރެއެވެ.
މިމުބާރާތުގެ ފައިނަލުން ރޯމާ ޖާގަހޯދަން ބޭނުންވާނަމަ ދެވަނަ ލެގްގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑަށް ލަނޑެއް ކާމިޔާބު ކުރެވުނަ ނުދީ ރޯމާއިން ހަތަރު ލަނޑު ކާމިޔާބު ކުރަން ޖެހޭނެއެވެ. ނަމަވެސް ފުރަތަމަ ލެގްގައި ދެޓީމްގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު މިއީ ވުން އެހާގާތް ކަމެއް ކަމަކަށް ނުބެލެވެއެވެ.