ޔުއޭފާ ޔޫރޮޕާ ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގްގައި ވިޔަރެއާލް އާއި އާސެނަލް ބައްދަލުކުރިމެޗް ވިޔަރެއާލް ކާމިޔާބުކޮށްފިއެވެ. ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއް ލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ފުރަތަމަ ލީގް ނެގީ ވިޔަރެއާލްއިންނެވެ. އެގޮތުން މެޗްގެ ފަސްވަނަ މިނެޓްގައި ވިޔަރެއާލްގެ މާނޫ ޓްރިގުއެރޯސްވަނީ ލަނޑެއް ޖަހައި އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗްގެ 29 ވަނަ މިނެޓްގައި ރައުލް އަލްބިއޯލް ޖަހައިދިން ލަނޑާއެކު މިމެޗްގައި ވިޔަރެއާލްއިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ މިނަތީޖާގައި އޮވެގެންނެވެ. މިމެޗްގެ 57 ވަނަ މިނެޓްގައި އާސެނަލްގެ ޑެނީ ސެބާޔޯސް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އާސެނަލްއިން މެޗްގެ ބާކީބައި ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މިމެޗްގައި އާސެނަލްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ. އަދި މެޗްގެ 80 ވަނަ މިނެޓްގައި ވިޔަރެއާލްގެ އެޓިއެން ކަޕޫއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުން މެޗްގެ ފަހު 10 މިނެޓް އެޓީމުންވެސް ކުޅުނީ އެއް ކުޅުންތެރިއެއް މަދު ކޮށެވެ. މިމެޗްގެ ދެވަނަ ހާފްގައި ވިޔަރެއާލްއަށް އެޓީމްގެ ލީޑު ފުޅާކުރާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އާސެނަލްގެ ކީޕަރ ބަރންޑް ލެނޯވަނީ މިހަމަލާތައް ވަރަށް ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.
މިކާމިޔާބީއާއެކު އަންނަ ހަފްތާގައި އާސެނަލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ކުރިމަތިލާއިރު ވިޔަރެއާލްއަށް ލީޑު ލިބިފައިވީ ނަމަވެސް މިމެޗްގައި އާސެނަލްއިން ޖެހި އަވޭ ގޯލާއެކު މިމުބާރާތުގެ ފައިނަލަށް ދިއުމަށް އާސެނަލްއިން ކުރާ އުންމީދުތަކަށް ވަނީ އިތުރު ދިރުމެއް ލިބިގެން ގޮސްފައެވެ. އަދި މިފަހަރުގެ ފައިނަލްގައި އިނގިރޭސި ދެޓީމް ކުޅޭ ތަން ފެނިގެން ދިއުމަކީވެސް ވަރަށް ގާތްކަމެއް ކަމަށް ދެކޭ ފަރާތްތަށްވެސް މިހާރު މަދެއް ނޫނެވެ. ނަމަވެސް މިމެޗްގައި ވިޔަރެއާލްއިން ދެއްކި ކުޅުމަށް ބަލާއިރު ދެވަނަ ލެގް އާސެނަލްއަށް ފަސޭހައެއް ނުވާނެއެވެ.