ދީން

ތިންވައްތަރެއްގެ ބަޔަކު ހުކުރު ނަމާދަށް ދާނެ، ވާން ބޭނުންވަނީ ކޮންބަޔަކަށް


ހުކުރު ދުވަހު، އިމާމާ ޚުޠުބާ ކިޔަމުން ދާ ވަގުތު، ކައިރީގައި އިން މީހަކާ މުޚާޠަބުކޮށް، ހިމޭންވެއިނުމަށް ބުނެލުމަކީވެސް ހުކުރުގެ މާތްކަމުން މަޙުރޫމުވެގެންދާނެކަމެއްކަން ކީރިތި ރަސޫލާ صلى الله عليه وسلم ބަޔާންކުރައްވާފައިވެއެވެ. އެހެންވީމާ، ޚުޠުބާ އަޑު އެހުމުގެ ބަދަލުގައި ބޭކާރު ވާހަކަ ދައްކަމުން ގެންދާ މީހުންނަކަށް ހުކުރު ނަމާދުގެ ޘަވާބެއް ނުލިބޭނެކަން މި ޙަދީޘުން ސާފުކޮށް އެނގެއެވެ.

ހުކުރު ނަމާދަށްފަހު، ކީރިތި ރަސޫލާ صلى الله عليه وسلم ކަންކުރައްވާގޮތަކީ، އެކަލޭގެފާނުގެ ގެކޮޅަށް ވެދެވަޑައިގަންނަވަނީއެވެ. އަދި ހުކުރު ނަމާދުގެ ފަހު ސުންނަތް ދެ ރަކްޢަތް ކުރައްވަނީއެވެ. އެހެންވީމާ، ހުކުރު ނަމާދަށްފަހު، ކުރަން އޮންނަ ފަހު ސުންނަތް މިސްކިތުގައި ކުރާނަމަ، ދެ ރަކްޢަތުން ދެ ރަކްޢަތުން ސަލާމް ދެމުން ގޮސް ހަތަރު ރަކްޢަތް ކުރާނީއެވެ. ހުކުރު ނަމާދުގެ ފަހު ސުންނަތް މިސްކިތުގައި ނުކޮށް ގޭގައި ކުރާނަމަ، ދެ ރަކްޢަތުގެ ސުންނަތް ނަމާދެއް ކުރުމުން ފުދޭނެއެވެ.

ހުކުރު ދުވަހުގެ މާތްކަމާބެހޭ އެތައް ރިވާޔަތްތަކެއް ވާރިދުވެފައި އެބަހުއްޓެވެ. އޭގެތެރެއިން އެއް ރިވާޔަތެއްގައިވަނީ: [ހުކުރު ދުވަހަށްވުރެ، މާތް ދުވަހަކަށް އިރެއް ނާރައެވެ. އަދި ހުކުރު ދުވަހަށްވުރެ މާތް ދުވަހަކަށް އިރު އޮއްސިގެންވެސް ނުދެއެވެ. ޖިންނީންނާއި އިންސިންފިޔަވައި، ހުކުރުދުވަހުގެ މުހިންމުކަމާއި މަތިވެރިކަމާމެދު ބިރުވެތިނުވާ އަދި އެ ދުވަހުގެ މަތިވެރިކަން އިޙުސާސްނުވާ އެއްވެސް ދިރޭ އެއްޗެއް ނުވެއެވެ.

ހުކުރު ދުވަހަކީ، މުސްލިމުންނަށް ކޮންމެ ހަފްތާއަކު ލައްވާފައިވާ ޢީދު ދުވަހެކެވެ. އެހެންވީމާ، ހުކުރު ނަމާދަށް އަންނަ ކޮންމެ މީހަކުވެސް، ފެންވަރައިގެން، އަތަރު ނުވަތަ ސެންޓު ނުވަތަ ހުވަނދުލައިގެން އަދި ރަނގަޅަށް ދަތްއުނގުޅައިގެން އައުމަކީ ގަދަވެގެންވާ ސުންނަތެވެ.

ހުކުރު ނަމާދަށް ޙާޟިރުނުވާ މުސްލިމުންގެ ހިތްތައް ކަޅުކުރައްވާނެކަމަށާއި، އެބައިމީހުންގެ ހިތްތައް ﷲގެ މަތީން ހަނދުމަކުރުމުން ޝައިޠާނާ ޣާފިލުކުރުވާފައިވާކަމުގެ ފާހަގައަކީ، ހުކުރު ނަމާދަށް ޙާޟިރުވާހިތް ނުވުމެވެ.

އަބޫހުރައިރާގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ބޮޑެތި ފާފަތައް ކުރުމުން ދުރުވެގެންވާ ނަމަ، ފަރުޟު ފަސްނަމާދާއި، އަދި ހުކުރު ނަމާދުން އަނެއް ހުކުރު ނަމާދަށް، އަދި އެއް ރަމަޟާން މަހުން އަނެއް ރަމަޟާން މަހާ ދެމެދުގައިވާ ކައްފާރާއެކެވެ.

އަދި ހަމައެހެންމެ އެހެން ރިވާޔަތެއްގައިވެއެވެ. ހުކުރު ދުވަހަކީ، އެއާވިދިގެން އަންނަ ހުކުރާ ހަމައަށް ކައްފާރާއެކެވެ. އެބަހީ: ފާފަތައް ފުހެވިގެން ދިޔުމުގެ ސަބަބެކެވެ. އަދި އިތުރު ތިން ދުވަހުގެ ފާފަތައް ފުއްސަވާދެއްވާނެތެވެ. އެއީ، މާތްﷲގެ މިބަސްފުޅުގައިވާ ފަދައިންނެވެ.﴿مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ عَشۡرُ أَمۡثَالِهَاۖ ﴾ ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ثواب ހުށްޓެވެ.

އެހެން ރިވާޔަތެއްގައިވެއެވެ. މީހަކު، އެންމެ ފުރިހަމައަށް ވުޟޫކޮށް، ހުކުރު ނަމާދަށް ޙާޟިރުވެ، ހުކުރު ޚުޠުބާ ހަމަހިމޭންވެ އިނދެ، ރަނގަޅަށް ކަނުލައި އަޑުއަހައިފިނަމަ، އެއް ހުކުރުން އަނެއް ހުކުރާ ދެމެދުގައި ކުރެވޭ ހުރިހާ ކުށްފާފަތަކެއް ޢަފޫކޮށްދެއްވައެވެ، އަދި އިތުރު ތިން ދުވަހުގެ ފާފަތައްވެސް ފުއްސަވައި ދެއްވާނެތެވެ. ހުކުރު ނަމާދަށް ގޮސް، ނަމާދާ ގުޅުމެއް ނެތް ކިތަންމެ ކުޑަ ބޭކާރުކަމެއް ކުރިނަމަވެސް އެމީހަކަށް ލިބެން އޮތް ދަރުމައިން މަޙުރޫމުވެގެންދާނެތެވެ.

އެޑިޓަރުގެ ނޯޓް

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ތިންވައްތަރެއްގެ ޢަމަލުތައްކޮށް އުޅޭ ބަޔަކު ހުކުރު ނަމާދަށް އާދެއެވެ. އެއްބަޔަކީ، ހުކުރުނަމާދަށް އައިސް ތިބެ ބޭކާރު ކަންކަން ކޮށްއުޅޭ މީހުންނެވެ. އެމީހުންނަށް އެ ބޭކާރުކަމުން ބައެއް ލިބޭނެތެވެ. ދެވަނަ ބައަކީ، ހުކުރު ނަމާދަށް އައިސް ތިބެ، ﷲއަށް ދުޢާ ދަންނަވާ މީހުންނެވެ. އެމީހުންގެ ދުޢާ އިޖާބަކުރެއްވުމަށް އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެ ދުޢާގައި އެމީހަކު ދެންނެވި ކަމެއް އެމީހަކަށް ކޮށްދެއްވާނެތެވެ. ނުވަތަ، އެ ދުޢާގެ ސަބަބުން ނުރައްކަލަކުން އެމީހަކު ސަލާމަތްކޮށްދެއްވާނެތެވެ. އަދި ތިންވަނަ ބަޔަކީ، ހުކުރު ނަމާދަށް އައިސް ތިބެ، ހަމަހިމޭންކަމާއެކު ޚުޠުބާ އަޑު އަހައި، އަދި ހުކުރަށް ގޮސް ތިބި އެހެން މުސްލިމުންގެ ކޮނޑުތައް ހުރަސްކުރަމުން ނުދާ، ހުކުރުގެ ޖަމާޢަތުގައި ބައިވެރިވެތިބި އެއްވެސް މީހަކަށް އުނދަގޫ ނުވާނޭގޮތަށް ޢަމަލުތައް ބަހައްޓާ މީހުންނެވެ. އެފަދަ މީހުންނަށް ހުކުރު ދުވަހަކީ ޖެހިގެން އަންނަ ހުކުރާ ހަމައަށް ކައްފާރާއެކެވެ. އަދި އިތުރު ތިންދުވަހުގެ ކައްފާރާއެކެވެ. އެއީ މާތްﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ.﴿مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ عَشۡرُ أَمۡثَالِهَاۖ ﴾ ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ثواب ހުށްޓެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ހުކުރު ދުވަހު، ފެންވަރައިގެން، ވީހާވެސް އަވަހަކަށް ހުކުރު ނަމާދަށް އައިސް، އެންމެ ކުރީ ސަފުގައި އިމާމުއާ އެންމެ ގާތުގައި އިނދެގެން، ކަނުލައި ޚުޠުބާ އަޑުއަހައިފި މީހަކަށް، ހުކުރުނަމާދަށް ދިއުމަށް އެޅި ކޮންމެ ފިޔަވަޅެއްގެ ބަދަލުގައި އެއް އަހަރުގެ ރޯދަހިފުމާއި، ޤިޔާމުކުރުމާ އެއްވަރުގެ ޘަވާބު ދެއްވާނެތެވެ.

މާތްﷲއަށްޓަކައި، އެންމެ ދުވަހަކު ހިފާ ރޯދައިގެ ޘަވާބުން، ތިބާއާ ޖަހަންނަމައާ ދެމެދު އެއް ސަތޭކަ އަހަރުގެ ރާސްތާއެއްގެ ދުރުމިން ލައްވާނެތެވެ. އެހެން ވީމާ، އޭގެ މާނައަކީ ތިންސަތޭކަ ފަސް ދޮޅަސް ފަސް ދުވަހުގެ ރޯދައިގެ ސަބަބުން، ތިރީސް ހަހާސް ފައްސަތޭކަ އަހަރުގެ ދިގު ރާސްތާއެއްގެ ދުރުކަން ތިމާއާ ޖަހައްނަމާއާ ދެމެދުގައި ލައްވާނެއެވެ.

ﷲއަށްޓަކައި އެންމެ ދުވަހަކު ރޯދައަށް ހުރުމުން، ތިބާއާއި ޖަހަންނަމައާ ދެމެދުގައި، ޚަންދަޤެއްގެ ދުރުމިން ލައްވާނެއެވެ. އެ ދުރު މިނަކީ އުޑާއި ބިމާ ދެމެދުގައިވާ ދުރުމިނެވެ. އެހެންވީމާ 365 ދުވަހުގެ ރޯދަ ހިފުމުން ތިބާއާއި ޖަހަންނަމައާ ދެމެދުގައި 365 ޚަންދަޤުގެ ދުރުމިން ހުންނާނެއެވެ. އެއީ އުޑާއި ބިމާ ދެމެދުގައި 365 ގުނައިގެ ދުރުމިނެކެވެ.

ކޮންމެ ހަނދު މަހެއްގެ ތިން ދުވަހު ރޯދައަށް ހުރުމުން މުޅި މަސްދުވަހުގެ ރޯދައަށް ހުރުން ފަދައެވެ. އެހެނީ، ކޮންމެ ހެޔޮކަމެއް އޭގެ ދިހަގުނައަށް އިތުރުކޮށްދެއްވާގޮތުގެ މަތީންނެވެ. އެހެންވީމާ، 365 ދުވަހުގެ ރޯދައަކީ، 121މަސްދުވަހުގެ ރޯދައެވެ. އެއީ ދިހަ އަހަރު ރޯދައަށް ހުރުން ފަދަ ޘަވާބެވެ.

ރޭގަނޑުގެ ދަމު ނަމާދުކުރުމުގައި ދިހަ އާޔަތުގެ މިންވަރު ކިޔައިފި މީހަކަށް، އަޖުރުގެ ބޮޑު ޤިންޠާރެއް (ޚަޒާނާއެއް) ލިބިގެންދެއެވެ. އަދި އޭގެ ސަބަބުން ސުވަރުގޭގެ އެންމެ މަތީ މަންޒިލަށް ވާސިލުވެގެންދެއެވެ. އެހެންވީމާ، 365 ރޭގަނޑުގެ އަޅުކަން އަދާކޮށްފި މީހަކަށް އަޖުރާއި ޘަވާބުގެ 365 ޚަޒާނާދެއްވައި އެ އަޖުރުން ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައަށް އެރުމަށް ފަހިވެގެންދާނެއެވެ.

މި މިސާލުތަކަކީ، މަތިވެރި ޘަވާބާއި ދަރުމަ ލިބިގެންވާކަން އަންގައިދޭ މިސާލުތަކެކެވެ. މިއީ، އެންމެ ހުކުރު ނަމާދެއްގެ ޘަވާބާއި ދަރުމައެވެ. މުޅި އުމުރު ދުވަހުގެ ކޮންމެ ހުކުރު ނަމާދެއް އަދާކޮށްފި މީހަކަށް ލިބޭނެ ޘަވާބާއި ދަރުމަ ކޮންފަދަ ހެއްޔެވެ؟

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ހުކުރު ދުވަހު ހުކުރު ކުރެވޭ މިސްކިތްތަކުގެ ދޮރުތަކުގައި މަލާއިކަތުން ތިއްބަވާނެއެވެ. އަދި އެ ދުވަހު ހުކުރަށް އަންނަ ކޮންމެ މީހެއްގެ ނަން، އެ ބޭކަލުންގެ އަތްޕުޅުގައި އޮންނަ ޞަޙީފާގައި ލިޔުއްވާނެއެވެ. އިމާމު މީހާ މެމްބަރަށް އެރުމުން އެ ޞުޙުފުތައް ލައްޕައިލެވޭނެއެވެ. މި ޙަދީޘް ރިވާކުރެއްވި، މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫ އުމާމާ ރަސޫލާصلى الله عليه وسلم އަރިހުގައި ދެންނެވިއެވެ. އިމާމު މީހާ މިމްބަރަށް އެރިފަހުން ހުކުރަށް އައި މީހަކަށް ހުކުރު ނަމާދެއް ނުލިބޭނެތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ނޫނެކެވެ. ލިބޭނެއެވެ. އެހެން ނަމަވެސް، މަލާއިކަތުންގެ ޞުޙުފުތަކުގައި އެ މީހާގެ ނަމެއް ނޯންނާނެއެވެ.

މިލިޔުމަކީ، ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސްލަރ ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާގެ ލިޔުއްވުމެކެވެ. މެލޭޝިއާގެ އިންޓަރނޭޝިނަލް އިސްލާމީކް ޔުނިވަރސިޓީން، އިސްލާމީ ފިޤްހުއާއި އުޞޫލުލް ފިޤްހުން ޑޮކްޓަރރޭޓް ޑިގްރީ ހާޞިލުކުރައްވާފައިވާ ޑރ ޒަކަރިއްޔާއަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި އިސްލާމީ ޝަރީޢަތާއި ޤާނޫނު ކިޔަވައިދެއްވުމުގައި ޚިދުމަތްކުރައްވަމުން އަންނަތާ 30 ވުރެ ގިނަ އަހަރުވަނީ ވެފައެވެ. އަދިވެސް މި ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ ޒަކަރިއްޔާ ވަނީ ސީނިއަރ ލެކްޗަރަރއެއްގެ ގޮތުންނާއި ސްކޫލާއި ކޮލެޖު ހިންގެވުމުގެ އިސް މަޤާމުތައް އަދާކުރެއްވާފައިއެވެ.